އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިދިކޮޅު ޑީއާރުޕީ އަށް ކާމިޔާބު ކުރަން ބޭނުންވަނީ އެ ޕާޓީގެ ވެރިކަމުގައި ތައާރަފުކުރި މިނިވަން، ޒަމާނީ ޑިމޮކްރެސީ އަނބުރާ އިޔާދަކުރުމަށްޓަކައި ކަމަށް ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ލޯކަލް އިންތިހާބުގެ ކެމްޕޭންގެ ޑީއާރުޕީގެ އެންމެ ފަހު ޖަލްސާގައި މާލޭގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އޭގެ އިތުރުން އެ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ ރާއްޖޭގެ އިސްލާމީ އަގީދާ ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކަމަށެވެ. އަދި ރައްޔިތުން މުސްތަގުބަލަށްޓަކައި ކުރާ ފޮނި އުއްމީދުތައް ހާސިލްކޮށްދިނުމަށް ވެސް ލޯކަލް އިންތިހާބު ޑީއާރުޕީ އަށް ކާމިޔާބު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ދަރުބާރުގޭގެ ފުރަގަހުގައި އޮންނަ އުސް ފަސްގަނޑުގައި ބޭއްވި މައުމޫން ފެކްޝަންގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ކަންތައްތައް ފެންނަ ގޮތުން ލޯކަލް އިންތިހާބު ޑީއާރުޕީ އަށް ކާމިޔާބު ނުވެއްޖެ ނަމަ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނާނެ ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމީ އަގީދާ އަށް ވެސް އުނިކަން އަންނާނެ ކަމަށާއި އެކަމުގެ މިސާލުތައް މިހާރު ވެސް ފެންނަމުންދާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރި ދުވަސްވަރު ރާއްޖެ އަށް މިވަނީ މިނިވަން، ޒަމާނީ ޑިމޮކްރެސީއެއް ތައާރަފުކޮށްފައި. އަދި އެ ޑިމޮކްރެސީގައި ހިމެނޭ ހުރިހާ ކަންތައްތަކެއް، ހުރިހާ ރުކުންތަކެއް މާތް ﷲގެ ވާގިފުޅާ އެކު ފުރިހަމަކޮށްފައި. ރާއްޖެ އަށް ފުރިހަމަ ގާނޫނު އަސާސީއެއް ތައާރަފުކޮށްފައި. ރާއްޖޭގައި ހަރަކާތްތެރިވާ ތަފާތު ސިޔާސީ ޕާޓީތަކެއް އުފައްދާފައި. ރާއްޖޭގައި މިނިވަން މުއައްސަސާތަކެއް ގާއިމްކޮށްފައި. ރާއްޖޭގެ ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށްދީފައި. މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ހޯދައި ދީފައި. އިންސާނީ ހައްގުތައް އަޅުގަނޑުމެންނަށް ރައްކާތެރިކޮށްދެވެން އޮތް އެންމެ ފުރިހަމަ ދަރަޖައަކަށް ރައްކާތެރިކޮށްދީފައި. މި ހުރިހާ ކަމެއް މިވަނީ ޑީއާރުޕީ ސަރުކާރުގެ ދުވަސްވަރު ރާއްޖެ އަށް ތައާރަފުކުރި މިނިވަން ޒަމާނީ ޑިމޮކްރެސީގެ ތެރޭގައި ހިމެނިފައި،" މައުމޫން ވިދާޅުވި އެވެ.
އެހެން ނަމަވެސް މިހާރު ރާއްޖޭގެ ގާނޫނު އަސާސީ އަށް އަމަލުނުކުރާ ކަމަށާއި ގާނޫނުތަކަށް ވެސް ހުރުމަތްތެރިކޮށް ނުހިތާ ކަމަށް މައުމޫން ވިދާޅުވި އެވެ. އިސްލާމްދީނަށް ބޮޑެތި ނުރައްކާތެރި ކަންތައްތަކެއް ކުރިމަތިވެފައިވާއިރު ރައްޔިތުންގެ މެދުގައި ހަމަހަމަކަން ވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި އިގުތިސޯދު ވެސް ދިވެހިންގެ އަތުން ބީވާން ފަށާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ހަމައެކަނި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމެއް ނޫން. ހުރިހާ ކޯޓުތަކެއްގައި ތަޅު އަޅުވަނީ. ރައްޔިތުންގެ މަޖިލީހަށް ކުރެވެން އޮތް ހުރިހާ ޖެއްސުމެއް ކުރަމުން ގެންދަނީ. ފަނޑިޔާރުންނަށް ބިރު ދައްކަނީ. މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ވެސް ބިރު ދައްކަނީ. އެއްވެސް ކަހަލަ މިނިވަންކަމެއް، އެއްވެސް ކަހަލަ އަމިއްލަ މަސްއޫލިއްޔަތެއް އުފުލުމަކަށް މިއަދު ކަންތައް އޮތް ގޮތުން އެ ބޭފުޅުންނަކަށް މަގު ތަނަވަސްވެގެނެއް ނުވޭ. އަދި ރާއްޖޭގައި ވަޒީފާ ދިނުމުގައި ވަކި ޕާޓީއަކަށް ނިސްބަތްވާ މީހުންނަށް ވަޒީފާ ދިނުމާއި ވަކި ޕާޓީއަކަށް ސޮއިކުރާ މީހުންނަށް އެކަނި ވަޒީފާގެ ކުރިއެރުން ދިނުމާއި މި ކަންކަމަކީ ކަނޑައެޅިގެން ގާނޫނު އަސާސީގައި އެ ބުނާ ރައްޔިތުންގެ ހަމަހަމަކަމާ ހިލާފަށް ކުރާ ކަމެއް،" ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ފާޑު ވިދާޅުވަމުން މައުމޫން ވިދާޅުވި އެވެ.
ލޯކަލް އިންތިހާބުގެ ކެމްޕޭންގައި ރަށްރަށަށް މައުމޫން ކުރެއްވި ދަތުރުފުޅުތަކުގައި އެމްޑީޕީ އަށް ސޮއިކުރައްވާފައިވާ ބައެއް ބޭފުޅުން އެމަނިކުފާނު އަރިހުގައި ބުނެފައިވާ ކަމަށް ވިދާޅުވެ މައުމޫން މިރޭ ބައެއް ވާހަކަތައް ހިއްސާކުރެއްވި އެވެ. އެ ގޮތުން ބައެއް ރަށްރަށުން އެމްޑީޕީ އަށް ސޮއިކޮށްފައިވާ ބައެއް މީހުން އެކަން ކޮށްފައި ވަނީ ސަރުކާރު ދެކެ ބިރުން ކަމަށް އެމަނިކުފާނު އަރިހުގައި ބައެއް މީހުން ބުނެފައިވާ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީ އަށް ސޮއިކުރިޔަކަސް ތިމަންނަމެން ވޯޓު ކަރުދާސްކޮޅުގައި ރީނދޫ ގަލަމަކުން ފާހަގައެއް ނުޖަހާނަމޭ. ތިމަންނަމެން ޖަހާނީ ނޫ ކުލައިގެ ފާހަގައޭ. އަޅުގަނޑުގެ ކައިރީގައި ވިދާޅުވި ތިމަންނަމެން މަޖުބޫރުންނޭ މި ބަދަލުވީ. އެއީ ގެންގޮސް އެބަ އަންގައޭ މާދަމާ އެމްޑީޕީ އަށް ސޮއިނުކުރިއްޔާ ވަޒީފާއިން ވަކިވާނެއޭ،" މައުމޫން ވިދާޅުވި އެވެ. "އެއް އަންހެން ބޭފުޅަކު އަޅުގަނޑު ގާތުގައި ވިދާޅުވި ތިމަންނަ އަކީ ވަރަށް ކުޑަކުޑަ ބަލި ކުއްޖަކު ގެންގުޅޭ އަންހެނެކޭ. ތިމަންނަގެ ފިރިމީހާ އަކީ ސަރުކާރުގެ ވަޒީފާ އިން ލިބޭ މުސާރައިން ދިރިއުޅޭ މީހެކޭ. ތިމަންނަމެންނަކަށް އެ ނޫން ގޮތެއް [އެމްޑީޕީ އަށް ސޮއިކުރުން] ނެތޭ. އެހެން އޮއްވާ މި ބުނަނީއޭ އެމްޑީޕީ އަށް ސޮއިނުކޮށްފިއްޔާ ވަޒީފާއިން ވަކިވާނެއޭ. ދެން ތިމަންނަމެން ހަދާނީ ކިހިނެއްތޯއޭ؟ މަޖުބޫރުންނޭ މި ސޮއިކުރަނީ. މިކަން މަނިކުފާނު ގަބޫލުކުރައްވާށޭ. އެއްގޮތަކަށް ވެސް ޑީއާރުޕީގެ އުސޫލާއި ކަންތައްތައް ދޫކޮށްލާފައި ނުވަތަ މަނިކުފާނު ދޫކޮށްލާފައި އެހެން ޕާޓީއަކަށް ދަނީކީއެއް ނޫނޭ. ދުވަހަކު ވެސް ނުވެސް ދާނަމޭ."
މައުމޫން ވިދާޅުވީ ބައެއް ރަށްރަށުން 30- 50 މީހުން މަޖުބޫރުން އެމްޑީޕީ އަށް ސޮއިކުރުވާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ދުވަހަކު ވެސް އެ މީހަކު ނިސްބަތްވާ ޕާޓީއަކަށް ބައްލަވައި ވަޒީފާގެ ކުރިއެރުން ދެއްވުމުގައި އަދި ވަޒީފާ ދެއްވާއިރު ސުވާލެއް ދުވަހަކު ވެސް ކުރައްވާފައި ނުވާނެ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ގައުމުގެ މުއްސަނދިކަމާއި އެހެން ކަންތައްތަކުގެ ބިންގާ އަޅާފައިވާއިރު އެ ކަންތައްތަކުން ފަހަތަށް ދާން ޖެހޭނެ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ ޒަމާނީ ޑިމޮކްރެސީ އަނބުރާ ރާއްޖެ އަށް އިޔާދަކުރަން [ޖެހޭ]. އެއީ ޑިމޮކްރެސީ މިހާރަކު ނެތް. އެއީ ޑިމޮކްރެސީ ބަޔަކު ވަނީ ހައިޖެކްކޮށްފައި. އެ ޑިމޮކްރެސީ އަނބުރާ ރާއްޖެ އަށް ގެނައުމަކީ މި އިންތިހާބު ކާމިޔާބު ކުރުމުގައި އަޅުގަނޑުމެން އެންމެ ބޮޑު އެއް މަގުސަދު،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބާއި އާންމު އިންތިހާބަށް ވުރެ ވެސް ލޯކަލް އިންތިހާބު މުހިންމު ކަމަށެވެ.
"ތިޔަ ބޭފުޅުން ސުވާލު ކުރައްވަފާނެ ކިހިނެއްހޭ އެހެން އެވަނީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ކައުންސިލްތަކުގައި ތިއްބަވާ ބޭފުޅުންގެ މަސައްކަތްޕުޅަކީ ދިވެހި ރައްޔިތުންގެ އާދައިގެ ދިރިއުޅުމަށް މާ ބޮޑަށް އަސަރު ކުރުވަނިވި މަސައްކަތަކަށް ވާނެއޭ،" މައުމޫން ވިދާޅުވި އެވެ. "މިސާލަކަށް ސިޓީ ކައުންސިލްތަކުގައި ތިއްބަވާ ބޭފުޅުން ނުވަތަ ސިޓީގެ މޭޔަރު. އޭނައަށް ކަނޑައެޅުއްވިދާނެ ޓްރެފިކް ގަވާއިދުތައް. އެކި މަގުމަގުން އެއްޗެހި ދަތުރުކުރާނެ ގޮތް. އެކި އިމާރާތްތައް އުސް ކުރެވޭނެ ވަރު ނުވަތަ އެކި ގޯތީގައި ކުރެވޭނެ މަސައްކަތްތައް. މިކަހަލަ ވަރަށް ގިނަ ހަމަ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅޭ ކަންތައްތައް ނިންމުމުގެ އިހުތިޔާރު އަޅުގަނޑުމެން މި ދެނީ ކައުންސިލްތަކަށް. އެހެންވީމަ އެ ކައުންސިލްތަކުން މި ކުރާ މަސައްކަތަކީ އަޅުގަނޑުމެންގެ ދުވަހުން ދުވަހަށް މި ދިރިއުޅޭ އާދައިގެ ދިރިއުޅުމާ މާ ބޮޑަށް ގުޅުން ހުރި ކަންތައްތަކަކަށް ވެގެންދާނެ. އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ މި މުހިންމު މަސްއޫލިއްޔަތު އަޅުގަނޑުމެން ރަނގަޅަށް އިތުބާރުކުރާ ބަޔަކާ ހަވާލުކުރަން."
މައުމޫން ވިދާޅުވީ އެއްވެސް ސަބަބަކާ ހެދި ވޯޓުލާން ނުދިއުމަކީ "އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އިހުތިޔާރެއް ނޫން" ކަމަށެވެ.
އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވަނީ ޒަމާނީ ޑިމޮކްރެސީ އަނބުރާ އިޔާދަކުރުމަށްޓަކައި: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ