ތިލަފުށީ ބިންހިއްކުމުގެ މައްސަލާގައި ޓީސީއެލްގެ ތިން ޑިރެކްޓަރެއްގެ މައްޗަށް ދައުވާ ކުރަނީ

ތިލަފުށި އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ ޕްރޮޖެކްޓް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަވާލުކޮށްފައިވާ ކަމަށް ބުނެ އެ ތަނުގެ ދެ ޑިރެކްޓަރަކާއި ކުރީގެ އެކްޓިން މެނޭޖަރެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދާދީފައިވާ ކަމުގެ ދައުވާކޮށްދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އަށް ފޮނުވާފައި ވަނީ ޓީސީއެލްގެ އިވެލުއޭޝަން ކޮމެޓީގައި ވެސް ހިމެނިވަޑައިގަންނަވާ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވާފިރާއި ޑިރެކްޓަރު މުހައްމަދު އަދުލީ ރަޝީދުގެ އިތުރުން ކުރީގެ އެކްޓިން މެނޭޖަރު އިބްރާހިމް ރިޔާޒުގެ މައްޗަށެވެ.
ތިލަފުށި ހިއްކުމުގެ މަސައްކަތް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީ ލޯޑު ކުންފުންޏަށް ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަކަށް ކަމަށް ބުނެ ހުށަހެޅި މައްސަލަ ތަހުގީގުކުރުމަށް ފަހު އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އެ ޕްރޮޖެކްޓް އެ ކުންފުންޏަށް ދީފައި ވަނީ ޓީސީއެލްގެ މަޝްވަރާގެ މަތިން ނޫން ކަމަށެވެ. އަދި އެކަންކޮށްފައި ވަނީ އެ ކުންފުނީގެ ހިންގާ ގަވާއިދުގެ 42 ވަނަ މާއްދާއާ ހިލާފަށް ކަމަށް ވެސް އޭސީސީން ބުންޏެވެ.
"އަދި ތިލަފުށި ކޯޕަރޭޝަނުން އެ މަސައްކަތް އެވޯޑުކޮށްފައިވާ ކުންފުންޏަށް ތިން މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މޮބައިލައިޒޭޝަން ޕޭމަންޓެއްގެ ގޮތުގައި ދީފައި ވަނީ އެ ކުންފުނީގެ ބޯޑުން ނިންމައިގެން ނޫން ކަމަށާއި އެކަން ކޮށްފައި ވަނީ ކުންފުނީގެ ހިންގާ ގަވާއިދުގެ 31 ވަނަ މާއްދާގެ (ބ) އާއި ހިލާފަށްކަން ފާހަގަކުރެވިފައިވެ އެވެ،" އޭސީސީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އޭސީސީން ބުނީ މޮބައިލައިޒޭޝަން ޕޭމަންޓް ދީފައި ވަނީ އެ ކުންފުނިންވެފައިވާ އެގްރިމަންޓާ ވެސް ހިލާފަށް ކަމަށެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ފުލް އެމައުންޓަށް އެދި ހުށަހަޅާއިރު، ތިލަފުށި ކޯޕަރޭޝަންގެ ހުއްދަކުރާ ތިން ވަނަ ފަރާތެއްގެ ސެކިއުރިޓީއެއް ވެސް ހުށަހަޅާފައެއް ނުވެ އެވެ.
އޭސީސީން ބުނީ ތިން ވަނަ ފަރާތެއްގެ ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭ ކަމަށް އެއްބަސްވުމުގައި ބުނާއިރު، ޓީސީއެލް އިން ސެކިއުރިޓީގެ ގޮތުގައި ގަބޫލްކޮށްފައި ވަނީ (ހެވީލޯޑުން) ހުށަހަޅާފައިވާ 1،840،000 ޑޮލަރުގެ ތިން އުޅަނދެވެ. އަދި އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ބެހެއްޓި އެ ތިން އުޅަނދު އަގުކޮށްފައިވާ ފަރާތެއް އެނގެން ނެތް އިރު ވެސް ޓިސީއެލް އިން ވަނީ އެ އުޅަނދުތައް ސެކިއުރިޓީގެ ގޮތުގައި ބަލައިގެންފަ އެވެ.
އޭސީސީން ބުނިގޮތުގައި ހެވީލޯޑުން ހުށަހަޅާފައިވާ ތިން އުޅަނދުގެ ސެކިއުރިޓީގެ ގޮތުގައި ހުށަހެޅި ލިއުމުގައި ސޮއިކޮށްފައި ވަނީ އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނީގެ ޑިރެކްޓަރެކެވެ.
އެހެންކަމުން ތިލަފުށި ކޯޕަރޭޝަންގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ އެއް ހޯދައިދިނުމަށް އެ ކުންފުނީގެ އިވެލުއޭޝަން ކޮމިޓީގެ ތިން މެމްބަރުން މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް އޭސީސީގެ ބަޔާނުގައި ވެ އެވެ.
"ތިލަފުށި ބިން ހިއްކުމުގެ ޕްރޮޖެކްޓަށް އެ ކުންފުނިން އައްޔަންކޮށްފައިވާ އިންޖިނިއަރު ހ. ލައިނޫފަރުމާގޭ އަބްދުﷲ ޒިޔާދާ އެކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން ވެފައިވާ އެއްބަސްވުން ޕްރޮޖެކްޓް ނުނިމެނީސް އުވާލައި އިންޖިނިއަރެއް ހޯދުމަށް އަލުން އިއުލާންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަޔާންކޮށްފައިވުމާއި ކުންފުނީގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން ޕްރޮޖެކްޓުގެ އޮނިގަނޑަށް ބަދަލު ގެނެވިފައިވާ ކަމަށް ބަޔާންކޮށްފައިވުމާ އެކު ޕްރޮޖެކްޓް ނިންމަން ޖެހޭ މުއްދަތު ކައިރިވެފައި ވަނިކޮށް، ޕްރޮޖެކްޓްގެ އޮނިގަނޑަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުން ދަނީ މަސައްކަތް ނިންމަން ޖެހޭ މުއްދަތަށް ކޮންޓްރެކްޓަރަށް މަސައްކަތް ނިންމާނުލެވޭނެތީ، އެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރަށް އެހީތެރިވުމުގެ ގޮތުން، އެ ފަރާތަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ބެލެވެ އެވެ،" އޭސީސީގެ ތަހްގީގަށް ފަހު ނެރުނު ބަޔާނުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ