ސްކޫލުތަކުގެ ވެރިންގެ ބައްދަލުވުން: ރާއްޖޭގެ ތައުލީމީ ނިޒާމު މިހާރު މިއޮތީ އެންމެ ފުރިހަމައަކަށް ނޫން: ރައީސް މައުމޫން

ރާއްޖޭގެ ތައުލީމީ ނިޒާމު މިހާރު އޮތީކީ އެންމެ ފުރިހަމަކޮށް ނޫން ކަމަށާއި ތައުލީމީ ނިޒާމުގައި ހުރި އުނި ކަންތައްތައް ދެނެގަންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ސްކޫލުތަކުގެ ވެރިންގެ މި އަހަރުގެ ބައްދަލުވުން ނުވަތަ އެޑިއުކޭޝަން ކޮންފަރެންސް ރޭ އިފުތިތާހު ކޮށްދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް މައުމޫން ވިދާޅުވީ މުގައްރަރު ނުވަތަ ތައުލީމީ މަންހަޖު ވެސް ބަދަލުކުރަންޖެހޭ ކަމަށާއި ތައުލީމު އުނގަންނައި ދިނުމުގެ މައިގަނޑު އުސޫލުތަކަށް އިހުތިރާމްކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގައި ދޭ ތައުލީމު ވާންޖެހޭނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ކުރުވަނިވި ތައުލީމަކަށް. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް އެންމެ ރަނގަޅު މަގުތަކެއް ކޮށައިދޭ ތައުލީމަކަށް. އެ ކުދިންގެ ބޭނުން އެންމެ ރަނގަޅު ގޮތަކަށް މުޅި ގައުމަށް ހިފޭ ތައުލީމަކަށް. މި ކަމަކީ އެހެން ތަންތާނގައި އޮންނަ ގޮތަށް ގެންދިއުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ރާއްޖެއަށް ބޭނުންވާ ގޮތަށް ބައްޓަން ކުރަންޖެހޭނެ ކަމެއް،" ޓީ.އެސްގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގެ 270 މަންދޫބުން ބައިވެރިވާ ފަސް ދުވަހުގެ މި ބައްދަލުވުން އިފުތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ތައުލީމީ ދާއިރާގެ ފަރާތްތަކުން ތިން ކަމަކަށް އިސްކަންދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން ރައީސް މައުމޫން ފާހަގަ ފުރަތަމަ ފާހަގަ ކުރެއްވި ކަމަކީ ކުދިންގެ ޝަހުސިއްޔަތު ބިނާކުރުމެވެ. އެ މޭރުމުން ދެއްކެވި ވާހަކައިގައި އެމަނިކުފާނު ވިދާޅުވީ ކުދިންގެ ޝަހުސިއްޔަތު ބިނާކުރުމަށްޓަކައި، އަހުލާގީ މާތް ސިފަތައް ހަރުލައްވަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ތައުލީމަކީ މި ދެންނެވި އިޖުތިމާއީ ރީތި، އަގުތަކެއްގެ މައްޗަށް ބިނާވެފައިވާ ތައުލީމަކަށް ހަދަން އެބަޖެހޭ. އެހެންވީމަ މިކަމަކީ އަޅުގަނޑު ހިތުން މި ޖަލްސާގެ ބައިވެރިން ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވަން ޖެހޭނެ ކަމެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގެ ފަރާތްތަކުން އިސްކަންދިނުމަށް ރައީސް މައުމޫން އެދިވަޑައިގެންނެވި ދެވަނަ ކަމަކީ އިސްލާމް މާއްދާ ކިޔަވައި ދިނުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކެވެ. ކުދިންނަށް އިސްލާމް މާއްދާ ކިޔަވައިދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އިސްލާމް ކިޔަވައިދޭއިރު، ކުދިންނަށް ބޮޑަށް ގަބޫލު ކުރެވޭ ގޮތަށް ބުނެދިނުމަށް ޓީޗަރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
"(އިސްލާމް) ކިޔަވައިދޭއިރު ގެންގުޅެން ޖެހޭ ހަމަތަކަކާއި އުސޫލުތަކެއް ވެސް އެބަހުރި. އެ ޖެހޭނެ އަޅުގަނޑުމެން މި ބުނާ އެއްޗެއް، މުދައްރިސް އެ ކިޔަވައިދޭ އެއްޗެއް ކުދިންނަށް ގަބޫލު ކުރެވެން. ކުދިންގެ ހިިތްތަކަށް އެކަން ރަނގަޅަށް ވަންނަން. ކުދިންގެ ހިތުގައި އުފެދޭ ސުވާލުތަކަށް މުދައްރިސުން ވާނެ ޖަވާބު ދެއްވަން. އަދި އެ ސުވާލުތަށް ކުރުމުގެ ފުރުސަތު ކުދިންނަށް ދެއްވަން ޖެހޭނެ. އިސްލާމްދީނަކީ ބުއްދި ގަބޫލުކުރާ ދީނެއް. އެ ދީނުގައި އެއްވެސް ސުވާލަކަށް ޖަވާބު ދިނުމަކީ ދަތިކަމެއް ނޫން. ކީރިތި ޤުރުއާނުން މާތް ރަސޫލާގެ ސުންނަތުން، އިލްމުވެރިން ބަސްފުޅުތަކުން، ކުދިން ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވޭނެ. އިސްލާމް މުދައްރިސުންނަށް އެކަންކަން އެނގިވަޑައިގަންނަވަން ޖެހޭނެ. ކުދިން ލައްވާ ސުވާލު ކުރުވަން ވާނެ. ކުދިންނަށް ވާނެ ފުރުސަތު ދެއްވަން. ސުވާލު ކޮށްގެން، ކުދިން ހިތްހަމަޖެހޭ ފަދަ ޖަވާބުތަކެއް ދެއްވަން ވާނެ. އޭރުން އެ ކުދިންނަކީ ހަގީގީ މުސްލިމުންނަށް ވާނީ. ހަމައެކަނި ބައްޕަ ބުނީމަ، މަންމަ ބުނީމަ، ނޫނީ މުޖުތަމައު އެދޭތީ މުސްލިމަކަށް ވުމުގެ ބަދަލުގައި ފުރިހަމަ އީމާންކަން މަތީގައި މުއުމިނުން ކަމަށް ވެވޭނީ އޭރުން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގެ ފަރާތްތަކުން އިސްކަންދިނުމަށް ރައީސް މައުމޫން އެދިވަޑައިގެންނެވި ތިންވަނަ ކަމަކީ އެޑިއުކޭޝަނަލް ކެރިއާ ޕާތެއް ނުވަތަ ކިޔަވައި ނިމިގެން ކުރިއަށް ދާނެ ފުރުސަތުތައް އަންގައި ދިނުމެވެ.
ސްކޫލުތަކުގެ އިސްވެރިންގެ ބައްދަލުން އިފުތިތާހު ކުރުމުގެ ޖަލްސާގައި ރައީސް މައުމޫން ރޭ ވިދާޅުވީ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމްތަކެއް މި މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި ވިދާޅުވީ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ކޯސް ހިންގާ މަރުކަޒު މާ ލަހެއް ނެތި އުފެދޭނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ރައީސް މައުމޫން ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މައްޗަށް ވެސް އަލިއަޅުވާލައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިންސާނީ ހައްގަކަށް ވިޔަސް، ކޮންމެ އިންސާނީ ހައްގަކީ ވަކި ދާއިރާއެއްގެ ތެރޭގައި ގެންގުޅެވޭނެ ކަމެއް ކަމަށެވެ.
"އެ މީހާގެ ހައްގުގައި ހިފެހެއްޓުމުގެ އެހެން މީހެއްގެ ހައްގަކަށް އަރައިގެން ނުވާނެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް އޮންނާނީ އެކަމަށް ކަނޑައެޅިފައިވާ ވެއްޓެއްގެ ތެރޭގައި. ހުދޫދެއްގެ ތެރޭގައި. ދާއިރާއެއްގެ ތެރޭގައި،" ރައީސް މައުމޫން ވިދާޅުވި އެވެ.
ސްކޫލުތަކުގެ ވެރިންގެ މި ބައްދަވުން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރު ވެސް ވާހަކަ ދެއްކެވި އެވެ. އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގެ ވެރިން އެއް މޭޒު ދޮށެއްގައި ކުރާ މަޝްވަރާތަކުގެ ބޮޑުބައެއް އަމާޒު ކުރެވޭނީ ގައުމީ މަންހަޖު އެކުލަވާލުމުގެ މަސައްކަތްތަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ