ރާއްޖެ އާއި އިޒްރޭލުން ދަނީ ސިޔާސީ ގުޅުން ބަދަހިކުރަމުން: ޑރ. ޝަހީދު

ރާއްޖެ އިން އިޒްރޭލާ އެކު ސިޔާސީ ގުޅުން ބަދަހިކުރަމުން ގެންދާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭ "ފަންސަވީސް"ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖެ އދ.ގެ މެމްބަރު ގައުމަކަށްވި ފަހުން އެންމެ ފުރަތަމަ ދިވެހި ރަދުންގެ އަރިހަށް ފަތްކޮޅު ހިފައިގެން ވަޑައިގެންނެވީ އިޒްރޭލުގެ ސަފީރު ކަމަށެވެ. އެއީ 1965 ވަނަ އަހަރު ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ފަތްކޮޅު ހިފައިގެން ވަޑައިގެންނެވީ އިޒްރޭލުގެ ސަފީރު. އަޅުގަނޑުމެންގެ ހާރިޖިއްޔާ އެއްވެސް ރެކޯޑެއް ނެތް އިޒްރޭލާ ގުޅުން ކަނޑާލިކަމުގެ. ވަރަށް މަސައްކަތްކޮށްފިން އިޒްރޭލާ ގުޅުން ނެތް ކަމުގެ ރެކޯޑެއް ލިބޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ ރާއްޖެ އިން އިޒްރޭލާ ސިޔާސީ ގުޅުން ކަނޑާލާފައިވާ ވާހަކަ އެކި ގޮތްގޮތަށް ދެކެވޭ ކަމަށެވެ. ނަމަވެސް ރާއްޖެ އިން ގުޅުން ކަނޑާލާފައިވަނީ ރާއްޖެ ނޮން އެލައިން މޫވްމަންޓްގައި ބައިވެރިވެ މި ސަރަހައްދުގައި ސަމިޓެއް ބޭއްވި ހިސާބުން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ސަމިޓަށް ފަހު އިޒްރޭލުގެ އެމްބަސީ މި ސަރަހައްދުން ދިއުމާ ހިސާބުން އެ ގުޅުން ކެނޑިފައިވަނީ. ހަރިޖިއްޔާގެ އެއްވެސް ރެކޯޑަކުން ނެތް އެޅުން ކަނޑާލިކަމުގެ. އިޒްރޭލާ އެކު ސަރުކާރުން އަބަދުވެސް ގުޅުން ބާއްވަމުން ގެންދަވާފައިވޭ. ކުރީގެ ސަރުކާރުން ވެސް އިޒްރޭލުގެ ސަރުކާރު ފަރާތްތަކާ ބައްދަލުކޮށްފައިވޭ،" މައުމޫންގެ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. ޝަހީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ އިން އިޒްރޭލާ ގުޅުން ނުބާއްވަން ޖެހޭ ސަބަބު ދަންނަވަން ދަތި ކަމަށެވެ.
"މިހެން މިދަންނަވީ ފަލަސްތީނުން ގުޅުންތަކެއް ގެންގުޅޭ އިޒްރޭލާ އެކު. ދެން އެހެންމެ އަރަބި ދުނިޔެއިން ބަލާ އެއް ގައުމަކީ މިސްރު. މިސްރަކީ ވެސް އިޒްރޭލާއެކު ގުޅުންތަކެއް ގާއިމުކޮށް ބަދަހިކުރަމުން ގެންދާ ގައުމެއް. ދެން އަޅުގަނޑުމެންނާ ގާތް އެހެން ގައުމުތަކަށް ބަލައިފި ނަމަ، އަޅުގަނޑުމެންނަށް އިޝާރާތް ލިބިފައިވޭ އަޅުގަނޑުމެންނަށް އެހީދޭ އެކުވެރި ގައުމުތަކަށް މައްސަލައެއް އޮތް ކަމެއް ނޫން ކަމާ އެ ގައުމުތަކަކީ ވެސް އިޒްރޭލާ ގުޅުން ބަދަހިކުރާ ގައުމުތަކެއް ކަން. އޭގެ ތެރޭގައި ޔޫއޭއީ ގަތަރު ފަދަ ގައުމުތައް ހިމެނޭ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ އަށް އެންމެ ބޮޑަށް އެހީ ދޭ އިސްލާމީ ގައުމުތަކުގެ ތެރޭގައި ހިމެނޭ ސައުދީ އަރަބިޔާ އަދި ކުވައިތުން ވެސް އިޒްރޭލާ ގުޅުން ބަދަހިކުރުމުން މައްސަލައެއް ނެތް ކަމަށް އިޝާރާތް ލިބިފައިވާ ކަމަށެވެ.
"ދެން އިޒްރޭލުގެ ފަރާތުން ރާއްޖެ އަށް ޝައުގުވެރިކަން ހާމަކޮށްފައިވޭ އެކި ގޮތްގޮތުން އެހީތެރިވެދިނުމަށް. މީގެ ތެރޭގައި ފާހަގަކުރެއްވޭނެ 1993 ވަނަ އަހަރުން ފެށިގެން ވަނީ ހުޅުވާލައްވާފައި، އިޒްރޭލާއެކު ވިޔަފާރިއާ އެހެން ކަންތައްތަކެއްކުރަން،" ޑރ. ޝަހީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިޒްރޭލުން ރާއްޖެއާ އެކު ބާއްވާ ގުޅުން ބަދަހިވަމުންދާ ކަމަށާއި އިޒްރޭލާ ގުޅުން ގާއިމުނުކުރުމަށް ބައިނަލްއަގުވާމީ އެއްވެސް ފަރާތަކުން އަންގާފައިނުވާ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ ކޮމިޓްމަންޓް މިއޮތީ ދިވެހިރާއްޖެއަކީ އދ.ގެ ހުރިހާ ގައުމުތަކާ އެކު ގުޅުން ބަދަހިވެފައިވާ ގައުމަކަށް ހަދަން. މި ސަރުކާރުގެ ވިސްނުންފުޅަކީ ހުރިހާ ގައުމުތަކާ ގުޅުން ގާއިމުކުރެއްވުން. މީގެ ތެރޭގައި ވަކި ގައުމެއްކުރާކަށް ނުވަތަ ނުކުރާކަށް ނެތް،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ