ނިޔުކްލިޔަރ ޤާބިލުކަން ސަޢުދީއަށް ލިބޭ އެއްބަސްވުމާއެކު ޔަހޫދީން ކަންބޮޑުވެއްޖެ

ސަޢުދީ ޢަރަބިއްޔާގައި އެމެރިކާގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ނިއުކްލިޔަރ ހަކަތަ އުފައްދާ ރިއެކްޓަރުތައް ބިނާކުރުމަށާއި، ޔޫރޭނިއަމް މުއްސަނދިކުރުމަށް މަގުފަހިވާ ތާރީޚީ އެއްބަސްވުމެއްގައި އެމެރިކާއާއި ސަޢުދީއާ ދެމެދު ސޮއިކުރުމާއެކު ޔަހޫދީ ދައުލަތުގެ ސިޔާސީ ވެރިން ކަންބޮޑުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު އިޢުލާންކުރި މި އެއްބަސްވުމަކީ ސަޢުދީ އަރަބިއްޔާގެ މަދަނީ ނިއުކްލިޔަރ ޤާބިލުކަން އިތުރުކުރުމަށް އެޅުނު ވަރަށް ވަރުގަދަ ފިޔަވަޅެކެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ ރުހުން ބޭނުންވާ މި އެއްބަސްވުމަކީ، ސަޢުދީ ޢަރަބިއްޔާއިން ދުރުރާސްތާގެ ވިސްނުމަކާއެކު އެމެރިކާގެ އެކި ދައުރުތަކުގެ ސަރުކާރުތަކާ ގާތް ގުޅުމެއް ބާއްވައިގެން ޙާޞިލުކުރި ތާރީޚީ ކާމިޔާބީއެކެވެ.
ސަޢުދީގެ މި ބޮޑު ކުރިއެރުމާއެކު، ޔަހޫދީ ދައުލަތުގެ ސިޔާސީ ވެރިންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކެބިނެޓުގެ އިސް ވަޒީރުން މިކަމާ ބެހޭގޮތުން ރަސްމީކޮށް އެއްޗެއް ނުބުނި ނަމަވެސް، އިދިކޮޅު ސިޔާސީ ލީޑަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަންނަ އޮކްޓޯބަރު މަހު އޮންނަ އިންތިޚާބުގައި ނަތަންޔާހޫއާ ވާދަކުރާ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ބުނީ، ސަޢުދީ ޢަރަބިއްޔާއަށް ނިއުކްލިޔަރ ޤާބިލުކަން ލިބުމަކީ ޔަހޫދީ ދައުލަތުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
އަދި ސަޢުދީގެ ފަސްގަނޑުގައި ޔޫރޭނިއަމް މުއްސަނދިކުރުމަކީ، ސަރަޙައްދީ އެހެން ޤައުމުތަކުން ވެސް ނިއުކްލިޔަރ ޤާބިލުކަން ހޯދަން ފަށައި، ކޮންޓްރޯލުން ނެއްޓިދާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން ޔަހޫދީ ދައުލަތުގެ ކުރީގެ ދިފާޢީ ވަޒީރު އަވިގްޑޯ ލީބަރމަން ވަނީ، މެދުއިރުމަތީގެ ސަރަޙައްދުގެ ހަމައެކަނި ނިއުކްލިޔަރ ބާރުގެ ގޮތުގައި އޮތް ޔަހޫދީ ދައުލަތުގެ މަޤާމު ގެއްލިދާނެ ކަމަށް ބުނެ، އެމެރިކާގެ ކޮންގްރެސް މެދުވެރިކޮށް މި އެއްބަސްވުން ހުއްޓުވަން ޖެހޭނެ ކަމަށް ބުނެފައެވެ.
ޔަހޫދީ ދައުލަތުގެ ކަންބޮޑުވުން އެންމެ ބޮޑުވެފައިވަނީ، ޔަހޫދީ ދައުލަތާ ސިޔާސީ ގުޅުން ޤާއިމުކުރުމުގެ އެއްވެސް ޝަރުތަކާ ނުލައި، ސަޢުދީއަށް މިފަދަ ބޮޑު ކުރިއެރުމެއް ލިބޭނެ އެއްބަސްވުމެއްގައި އެމެރިކާއިން ސޮއިކުރުމުންނެވެ.
ޔަހޫދީ ދައުލަތުގެ ކުރީގެ އަސްކަރީ ވެރިޔާ ބެނީ ގެންޓްޒް ފާހަގަކުރި ގޮތުގައި، ޔަހޫދީ ދައުލަތަށް އެއްވެސް ފައިދާއެއް ނެތް ގޮތަކަށް ސަޢުދީއަށް މި ފުރުޞަތު ލިބުމަކީ ޔަހޫދީ ދައުލަތުގެ ސަލާމަތީ މުޅި އޮނިގަނޑަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ.
ޔަހޫދީ ދައުލަތުގެ ސިޔާސީ ވެރިން މިފަދަ ބިރުވެރިކަމެއްގައި ތިބި ނަމަވެސް، މި އެއްބަސްވުމަކީ ސަޢުދީ ޢަރަބިއްޔާގެ ހަކަތައާއި އިޤްތިޞާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއަށް ލިބިގެންދިޔަ ތާރީޚީ ބޮޑު ކުރިއެރުމެއްކަން ބައިނަލްއަޤްވާމީ މާހިރުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ