ލޭގައި ވައިރަސް ހުރިތޯ ދެނެގަތުމަށް ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް އައިޖީއެމްއެޗަށް

ލޭގައި ވައިރަސް ނުވަތަ ބެކްޓީރިއާ ހުރިތޯ ބަލަން ހަދާ ނިއުކްލިއިކް އެސިޑް ޓެސްޓިންގެ ހިދުމަތް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ މޯލްޑިވްސް ބްލަޑް ސާވިސަސްގައި މިއަދު ފަށައިފި އެވެ.
އެމްސީޖީއެޗްގެ ސީއީއޯ އިބްރާހިމް ހަލީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ރާއްޖޭގައި ފުރަތަމަ ފަހަރަށް ދޭން ފެށި އެ ހިދުމަތަކީ, ހަދިޔާކުރާ ލޭގައި ހުރެދާނެ, އެޗްއައިވީ, ހެޕަޓައިޓިސް ބީ އަދި ހެޕަޓައިޓިސް ސީ ފަދަ ބަލިތައް އާދައިގެ ޓެސްޓިންނަށްވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަގީންކަމާއެކު ދެނެގަތުމަށް ބޭނުންކުރަމުން އަންނަ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ކަމަށެވެ.
އެ ހިދުމަތް ތައާރަފު ކުރެވިގެން ދިއުމަކީ ސިއްހީ ދާއިރާ ހަރުދަނާކުރުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި ވައުދުފުޅުތަކާ އެއްގޮތަށް, ލޭގެ ހިދުމަތް އިތުރަށް ރައްކާތެރި އަދި ޒަމާނީ ކުރުމަށްޓަކައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެެއްގޮތަށް ގެންދިއުމަށް އެޅުނީ މުހިންމު ގައުމީ އަދި ތާރީހީ މަސައްކަތެއްގެ ފެށުން ކަމަށްވެސް ހަލީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ, މިއީ ލޭގެ ހިދުމަތުގެ ގައުމީ މިންގަނޑުތައް އަދި މޯލްޑިވްސް ތެލަސީމިއާ މާސްޓާ ޕްލޭން 2023-2024 ގައި ކަނޑައަޅާފައިވާ ކަންކަން ހާސިލުކުރަން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ