ސްޕެޝަލިސްޓުންނަށްވެ ދިވެހި 16 ޑޮކްޓަރަކު މި އަހަރު އައިޖީއެމްއެޗް އާއި ދަރުމަވަންތައަށް

ސްޕެޝަލިސްޓް ތަމްރީނު ފުރިހަމަކޮށް މި އަހަރުގެ މިހާތަނަށް 16 ދިވެހި ޑޮކްޓަރަކު އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލާ ގުޅިއްޖެ އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ހިދުމަތްކުރެއްވުމަށް، މި އަހަރުގެ މިހާތަނަށް 16 ދިވެހި ޑޮކްޓަރުން ތަމްރީނު ފުރިހަމަކުރައްވައި ގުޅިވަޑައިގެންފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވާ ކަމަށް ރައްޒާގު ވިދާޅުވި އެވެ.
އޭގެ ތެރޭގައި ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ހިމެނޭ ކަމަށާއި ކަށީގެ ބަލިތައް، އެތެރެހަށި، ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީއެންޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލަ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން އިތުރު ޑޮކްޓަރުން ހިދުމަތާ މިހާރު ގުޅިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޒާގު ވިދާޅުވީ މިއީ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރައްވައި، ކުރިން ރާއްޖެއިން ލިބެންނެތް ގިނަ ހިދުމަތްތަކެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ދުރުވިސްނުންފުޅަށާއި އެ ދާއިރާއަށް ދެއްވާ ހާއްސަ އިސްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އޭނާ ވަނީ ހޮސްޕިޓަލްތަކަށް އަންނަ ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް އަޅާލުމާއި ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެއްވުމަށް އިތުރަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ