އަންނަ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލުތަކަށް ވައްދަން ހުޅުވައިލައިފި
އަންނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކަށް ކުދިން ވައްދަން މިއަދު ހުޅުވައިލައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރު ސްކޫލުތަކުން ޖާގަ ހޯދުމަށް އެދި ހުށަހަޅާ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކަށް ވެސް އަލަށް ކުދިން ވައްދާނީ އެ ފޯމު މެދުވެރިކޮށް ކަމަށް، މިނިސްޓްރީން ބުންޏެވެ. https://x.com/MoEdumv/status/2080296055917453399 ސަރުކާރު ސްކޫލުތަކަށް ކުދިން ވެއްދުމަށްޓަކައި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ ފަހު ދުވަހެވެ. ފޯމު ހުށަހަޅާއިރު ފޯމު ފުރުމަށް ބޭނުންކުރާ އީމެއިލް އެޑުރެހާއި ފޯނު ނަންބަރަކީ ބެލެނިވެރިޔާގެ އީމެއިލް އެޑުރެހާއި ފޯނު ނަންބަރުގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓްރީކުރާނެ ކަމަށާއި, އެ މައުލޫމާތު ސްކޫލުތަކާ ހިއްސާކުރާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ. https://sun.mv/217179 ފާހަގަކުރެވޭ ގޮތުގައި މި މަހުގެ 16ވަނަ ދުވަހު މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައިލައި 17ވަނަ ދުވަހުން ދަރިވަރުން ވަނީ ޗުއްޓީއަށް ގޮސްފައެވެ. ދެވަނަ ޓާމުގެ ކިޔެވުން ފަށާނެ ކަމަށް ދިރާސީ ކަލަންޑަރުގައި އޮތީ އަންނަ އޮގަސްޓު މަހުގެ ދެވަނަ ދުވަހެވެ. މި އަހަރު ވެސް ދަރިވަރުންނަށް އަހަރު ނިންމައި ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރުގައެވެ. އެ ގޮތުން، ޑިސެންބަރު 18 ގައި މި އަހަރުގެ ކިޔެވުން ނިމޭނެއެވެ. އަދި، އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖަނަވަރީ 17، 2027 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ