ނިއުޔޯކް ޓައިމްސްއިން އެމެރިކާގެ އަސްކަރީ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި އުރުދުންއާއި އެހެނިހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން މިސައިލާއި ޑްރޯން ހަމަލާތަކުގައި އެމެރިކާގެ 12 ސިފައިންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި މީގެ އިތުރިން ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ހާމަވެއްޖެއެވެ.
އެ އޮފިޝަލް ހާމަކުރެއްވި ގޮތުގައި، އަނިޔާވި ސިފައިންނަށް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ޖަރުމަނުވިލާތުގައި ހުންނަ އެމެރިކާގެ އަސްކަރީ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. ޕެންޓަގަނުން ހާމަކުރާ ގޮތުގައި، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން އީރާނުން ދެމުންދާ ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ ހިދުމަތުގެ ޖުމްލަ 100 އެއްހާ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
މީގެ ތެރެއިން ގާތްގަނޑަކަށް 50 މީހުންނަށް އަނިޔާވެފައިވަނީ އުރުދުންގައި ހުންނަ އެމެރިކާގެ ސިފައިން ތިބޭ މަރުކަޒުތަކަށް ދާދިފަހުން ދިން ހަމަލާތަކުގައި ކަމަށްވެސް އެ އޮފިޝަލް އިތުރަށް ވިދާޅުވިއެވެ.
ނިއުޔޯކް ޓައިމްސްއިން ބުނެފައިވާ ގޮތުގައި، ހަމަލާތަކުގައި އަނިޔާވާ ސިފައިންނަކީ އަވަހަށް މަސައްކަތަށް އެނބުރި އާދެވޭ ފަދަ ކުދި އަނިޔާތައް ލިބޭ މީހުންނަށް ވާނަމަ، އެ މައުލޫމާތު އާންމުކުރުން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އަށް މަޖުބޫރެއް ނޫނެވެ.
އުރުދުންގެ މުވައްފަގު ސަލްތީ އެއާ ބޭސްއަށް ދިން ހަމަލާގައި އެމެރިކާގެ ތިން ސިފައިން މަރުވެ، އިތުރު ބަޔަކަށް އަނިޔާވި ހާދިސާގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުވެއިތުގައި ހުންނަ އަހުމަދު އަލް ޖާބިރު އެއާ ބޭސްގައި ބޭނުންކުރަން ފެށިތާ އެންމެ ހަ މަސް ދުވަސްވީ ރާޑަރު ސިސްޓަމެއް ޖުލައި 20 ހިސާބުގައި ވަނީ މުޅިން ހަލާކުކޮށްލާފައެވެ.
އަދި ބަހްރައިންގައި ހުންނަ ކަނޑުގެ ސިފައިންގެ މަރުކަޒެއްގެ ގުދަނަކަށް ހަމަލާ އަމާޒުވެފައިވާއިރު، ކުވެއިތުގެ އަލީ އަލް ސާލިމް އެއާ ބޭސްއަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން އިރާގުގެ އީރްބިލް އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އެމެރިކާގެ އަސްކަރީ ސަރަހައްދުގައި ހުރި ބޮޑު ފޭލިގެއެއް ވެސް ވަނީ މި ހަމަލާތަކުގައި ސުންނާފަތިވެފައެވެ.
އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ