ސްޕެޝަލިސްޓް ތަމްރީނުތަކަށް ފަހު މި އަހަރު 16 ޑޮކްޓަރަކު އައިޖީއެމްއެޗާއި ދަރުމަވަންތައާ ގުޅިއްޖެ
ސްޕެޝަލިސްޓު ތަމްރީނުތަކަށް ފަހު މި އަހަރުގެ މިހާތަނަށް 16 ޑޮކްޓަރަކު ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ ގުޅިއްޖެއެވެ. މާލޭ ހޮސްޕިޓަލުތަކުގެ ގްރޫޕު (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ ގުޅިވަޑައިގެންނެވި ޑޮކްޓަރުންގެ ތެރޭ ރާއްޖެއަށް މުޅިން އަލަށް ތައާރަފުވާ ބައެއް ދާއިރާތަކުން ތަމްރީނުވި ސްޕެޝަލިސްޓުންނާއި ސަބް ސްޕެޝަލިސްޓުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. https://x.com/22halex/status/2080280857169035650 އޭގެ ތެރޭ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީއާއި ޕީޑިއަޓްރިކް ޑެންޓިސްޓްރީއާއި ނިއޯނަޓޮލޮޖީ އާއި ކްލިނިކަލް ހެމަޓޮލޮޖީ ހިމެނޭ ކަމަށް ޙަލީމް ލިޔުއްވައިފައިވެއެވެ. މީގެ އިތުރުން ޙަލީމް ފާހަގަކުރެއްވި ގޮތުގައި ކަށީގެ ބަލިތަކާއި އެތެރެހަށްޓާއި ރޭޑިއޮލޮޖީއާއި އީއެންޓީ ފަދަ މުހިއްމު ދާއިރާތަކުން އިތުރު ޑޮކްޓަރުން ގުޅިވަޑައިގެންފައިވެއެވެ. އޭނާ ލިޔުއްވި ގޮތުގައި، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލާ ސާޖަރީއާއި އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތް ތައާރަފުކުރުމާއި ހިތުގެ ފަރުވާއާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށްޓަކައި ޒަމާނީ ޚިދުމަތްތައް މިއަހަރު ފެށޭނެއެވެ. މިއީ ދިވެހީން ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ޙަލީމް ސިފަކުރެއްވިއެވެ. ޙަލީމް ވަނީ، މާލޭގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިންނާއި ސަޕޯޓު މުވައްޒަފުންނާއި އިދާރީ މުވައްޒަފުން ކުރާ މަސައްކަތް ފާހަގަކުރައްވައި، ހޮސްޕިޓަލުތަކުން ޚިދުމަތް ހޯދާ އާންމުންނަށް މިހާރަށް ވުރެ ބޮޑަށް އަޅާލުމާއި ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ