މި މަހު ރާއްޖެއިން އުމްރާގެ އަޅުކަމަށް ފުރި ޢުމްރާވެރިންނަށް ޚާއްސަކޮށްގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ކުރިޔަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަން، މިއަދު އުމްރާގެ ފަހު ގްރޫޕް ފުރުމާއެކު ނިންމާލައިފިއެވެ.
މި އޮޕަރޭޝަނަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭ މެދުވެރިކޮށް މި މަހު ފުރި ޢުމްރާވެރިންނަށް ލުއިފަސޭހަ، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރިޔަށްގެންދިޔަ އޮޕަރޭޝަނެކެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، މި މަހު ރާއްޖެއިން އުމްރާގެ އަޅުކަމަށް ދާ ހުރިހާ ޢުމްރާވެރިންވެސް މިހާރު ފުރާފައިވާތީ އުމްރާވެރިންނަށް ޚާއްސަކޮށް ކުރިޔަށްގެންދިޔަ އޮޕަރޭޝަން ނިންމާލާފައިވާ ކަމަށެވެ. މި އޮޕަރޭޝަން ކުރިޔަށް ގެންދިޔުމަށް ކުންފުނީގެ ޕެސެންޖަރ ސަރވިސަސްއާއި، ޓާމިނަލް ސަރވިސަސް އަދި އެސްޓޭޓް ސެކިޔުރިޓީ ސަރވިސް ގުޅިގެން ވަނީ ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.
މި އޮޕަރޭޝަންގެ ދަށުން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުން 100 އަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕުތަކަށް ފުރުމުގެ އެއް ދުވަސް ކުރިން ޕްރީ-ޗެކިން ހެދުމުގެ ފުރުސަތު ހުޅުވާލިއެވެ. މިއާއެކު ޢުމްރާވެރިންގެ ފޮށިތައް ކުރިއާލާ ޗެކިންކޮށް، ބޯޑިންގ ޕާސް ދޫކުރުމުގެ މަސައްކަތް ޓާމިނަލް ސަޕޯޓް ސަރވިސަސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔައެވެ. އަދި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ޕާސްޕޯޓުތަކުގެ އެޑްވާންސް ކްލިއަރެންސް ހެދުމުގެ އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއްވައެެވެ.
މީގެއިތުރުން ޢުމްރާވެރިން އެއަރޕޯޓަށް ވަޑައިގަތް ވަގުތު، އެ ބޭފުޅުންނަށް ޚާއްޞަ ކޮށްފައިވާ ދޮރަކުން ޓާމިނަލަށް ވަންނަން ފަސޭހަކޮށްދީ، އިމިގްރޭޝަން އަދި ސެކިޔުރިޓީ ސްކްރީނިންގ މަރުޙަލާތައް އަވަސް ކުރުމަށް ވަކި ކައުންޓަރުތަކާއި، އެކްސް-ރޭ މެޝިންތައްވެސް ވަނީ ޚާއްޞަކޮށްފައެވެ. އަދި އެއަރޕޯޓުގެ ބޭރުގެ ސަރަޙައްދު ތަރުތީބުކޮށް، ޓެކްސީ ކިއުތައް ބެލެހެއްޓުމާއި، އުޅަނދުފަހަރަށް ފަސޭހައިން ވަދެ ނިކުމެވޭނެ މަގުތައް ކުންފުނީގެ އެސްޓޭޓް ސެކިޔުރިޓީ ސަރވިސްއިން ބަލަހައްޓާފައިވާ ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
މި ޚާއްޞަ އޮޕަރޭޝަންގެ ސަބަބުން ޢުމްރާވެރިންނަށް ޗެކިން، އިމިގްރޭޝަން، ސެކިޔުރިޓީ ސްކްރީނިންގެ އިތުރުން ބޯޑިންގ އޮމާންކޮށް އަދި އަވަހަށް ނިންމާލެވި، އެއްވެސް ދަތިކަމެއްނެތި ފުރުމުގެ ޚިދުމަތް ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ މައިގަނޑު މަޤްޞަދަކީ، މިފަދަ ބާރު ބޮޑު ދުވަސްވަރުގައިވެސް ޢުމްރާވެރިންނަށާއި، އެހެނިހެން ފަސިންޖަރުންނަށް ދޭ ޚިދުމަތްތައް ބުރޫ އެރުމެއްނެތި، ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
މި މަހު ރާއްޖެއިން 5,565 އަށްވުރެ ގިނަ މީހުން ވަނީ ޢުމްރާގެ އަޅުކަމަށް ފުރާފައެވެ.
ވީއައިއޭގެ ޢުމްރާ އޮޕަރޭޝަން ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ