މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗު)ގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ހިދުމަތް ކުރުމަށް މި އަހަރުގެ މިހާތަނަށް ދިވެހި 16 ޑޮކްޓަރުން ތަމްރީން ފުރިހަމަކޮށް ގުޅިވަޑައިގެންފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - ހަލީމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލަށް ގުޅިވަޑައިގަތް ޑޮކްޓަރުންގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފްވާ ބައެއް ދާއިރާތަކުން ތަމްރީންވި ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނޭ ކަމަށެވެ.
އޭގެ ތެރޭގައި، ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ޕީޑިއަޓްރިކް ޑެންޓިސްޓްރީ، ނިއޯނަޓޮލޮޖީ އަދި ކްލިނިކަލް ހެމަޓޮލޮޖީ ހިމެނެ އެވެ.
ހަލީމް ވިދާޅުވީ ކަށީގެ ބަލިތައް، އެތެރެހަށި، ނިއުރޮލޮޖީ، ރޭޑިއޮލޮޖީ، އީއެންޓީ، ގެސްޓްރޯއެންޓްރޮލޮޖީ، ޕްލާސްޓިކް ސާޖަރީ، ވެސްކިޔުލާ ސާޖަރީ އަދި ޕަލްމޮނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން އިތުރު ޑޮކްޓަރުން ވެސް ހިދުމަތާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި އަހަރު އާ ހިދުމަތްތަކެއް ތައާރަފް ކުރުމަށް ވެސް ވަނީ ރާވާފަ އެވެ.
"ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލާ ސާޖަރީ، އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ހިދުމަތް ތައާރަފް ކުރުމާއި ހިތުގެ ފަރުވާ އާއި ނާރުގެ ފަރުވާ އިތުރަށް ފުޅާކުރުމަށްޓަކައި ޒަމާނީ ހިދުމަތްތައް އިރާދަކުރެވިއްޔާ މިއަހަރު ފެށިގެންދާނެ،" ހަލީމް ވިދާޅުވި އެވެ.
"މިއީ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް."
ތަފްސީލު - ހަލީމް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރައްވައި، ކުރިން ރާއްޖެއިން ލިބެން ނެތް ގިނަ ހިދުމަތްތަކެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވާ ދުރު ވިސްނުންފުޅަށާއި މި ދާއިރާއަށް ދެއްވާ ހާއްސަ އިސްކަން ފާހަގަކޮށް، އެ މަނިކުފާނަށް ޝުކުރު ދަންނަވާފަ އެވެ.
އޭގެ އިތުރުން، އެމްސީޖީއެޗުގައި މަސައްކަތް ކުރައްވާ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންނާއި އެލައިޑް ހެލްތު ޕްރޮފެޝަނަލުންނާއި ޓެކްނީޝަނުންނާއި ސަޕޯޓް މުވައްޒަފުންނާއި އެންމެހާ އިދާރީ މުވައްޒަފުންނަށް ވެސް ހަލީމް ޝުކުރު ދެންނެވި އެވެ.
"ތިޔަ ހުރިހާ މުވައްޒަފުންނާ މެދު އަޅުގަނޑު ފަހުރުވެރިވަން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހޮސްޕިޓަލްތަކަށް ވަޑައިގަންނަވާ އެންމެހާ ރައްޔިތުންނަށް މިހާރަށް ވުރެ ބޮޑަށް އަޅާލުމާއި ހިތްހެޔޮކަމާ އަދި އޯގާތެރިކަމާ އެކު ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެއްވުމަށް އިތުރަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސްކުރަން."
ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާ މިއަހަރު 16 ދިވެހި ޑޮކްޓަރުން ގުޅިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ