ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދު މާދަމާ ހަވީރު ހުޅުވައިލަނީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްގީކުރި ސަރަހައްދު މާދަމާ ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ. ބޮޑުތަކުރުފާނު މަގުގައިި އަލަށް ތަރައްގީކުރި ޕާކިން ޒޯނުގައި ގަސް އިންދުމުގެ ހަރަކާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުއްޠަލިބު ވިދާޅުވީ މަގުގެ މަސައްކަތް އެއްކޮށް ނިމި މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އާންމުންނަށް ހުޅުވައިލާނެ ކަމަށެވެ. "ދެން އަޅުގަނޑުމެންގެ ވިސްނުމަކީ މަސައްކަތް ނިމުމާއެކު މާދަމާ ހަވީރު ހަތަރަކުން ފެށިގެން އާންމުންނަށް މަގު ހުޅުވައިލުން. ވަކި ރަސްމިއްޔާތެއް ބާއްވާ ގޮތަކަށް ނޫން އޮތީކީ،" މުއްޠަލިބު ވިދާޅުވިއެވެ. މާލޭގެ ބޮޑުތަކުރުފާނު މަގުގައި އެމްޓީސީސީން މަސައްކަތްކުރަނީ: މާދަން އާންމުންނަށް ހުޅުވައިލާނެ ކަމަށް މުއްޠަލިބު ވިދާޅުވި --- ސަން ފޮޓޯ: ޢަލީ ވިޝާލް މާލޭގެ މަގުތައް ފެހިކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށް މުއްޠަލިބު ވިދާޅުވިއެވެ. https://sun.mv/225032 ފާހަގަކުރެވޭ ގޮތުގައި އަލަށް ތަރައްގީކުރި ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދުގައި ދިވެހި ރުކާއި ހިޔާ ދޭ ގިނަ އަދަދެއްގެ ގަސްތައް ވަނީ އިންދައިފައެވެ. ސަރުކާރުން ބުނީ އެ ސަރަހައްދުގައި ގަސް އިންދަނީ މާލެ ފެހިކޮށް، އާންމުންނަށް ހިތްފަސޭހަ މާހައުލަކަށް އެ ސަރަހައްދު ބަދަލުކުރުމަށް ކަމަށެވެ. މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތަރައްގީކުރި ސަރަހައްދު --- ސަން ފޮޓޯ: ޢަލީ ވިޝާލް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މަޝްރޫއުގެ މަސައްކަތްތައް ދަނީ ވަރަށް ބާރަށް ކުރިއަށެވެ. އެގޮތުން، މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މީގެ އިތުރުން، މަޝްރޫއުގެ ދެވަނަ އަދި ތިންވަނަ ސެގްމެންޓުގެ ޕާކިން ޒޯނާއި ދުވާރު ހެދުމުގެ މަސައްކަތް ވެސް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ބާކީ ހުރި ފިނިޝިން މަސައްކަތްތައް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމްޓީސީސީން ހާމަކުރިއެވެ. ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކުރުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމާއި، ފެން ހިންދާ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ