ޕެންޝަން ފަންޑުގައި ކުރިން ތިބި ބޯޑު މެންބަރުންނާއި އިސް މުވައްޒަފުންނާއި ފަންނީ މާހިރުންނާއި އިދިކޮޅު ސިޔާސީ މީހުންނާއި އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާ ޓީބިލު ދިގުމުއްދަތުގެ ބޮންޑަކަށް ބަދަލުކުރުމުގެ މުއަމަލާތް ކުރިއަށް ގެންގޮސް، އެ ފައިސާ މިއަދު ޗާޕުކޮށްފި އެވެ.
ޓީބިލު ބޮންޑަށް ބަދަލުކުރުމުގެ މުއާމަލާތް ފުރިހަމަ ކުރި ކަމަށް މި މުއާމަލާތުގައި ހިމެނޭ ތިން ފަރާތް ކަމުގައިވާ ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ޕެންޝަން އޮފީހުން ރަސްމީކޮށް ނުބުނެ އެވެ. މިހެން ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި މިއަދު ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު، ހަވީރު ވުމުގެ ކުރިން މި ފައިސާ ވަނީ ސަރުކާރަށް ލިބިފަ އެވެ.
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނުނެގޭތީ ޕެންޝަން އޮފީސް މެދުވެރިކޮށްގެން އިންވެސްޓުކުރި ފައިސާއަކީ ގިނަ މާހިރުން ގަބޫލުކުރާ ގޮތުގައި ގާނޫނުގައި ހުރި ބާގަނޑުތަކުގެ ބޭނުންކޮށްގެން ފައިސާ ޗާޕުކުރުމެވެ. ސަބަބެއް ކަމަށް އެ މީހުން ބުނަނީ ސީދާ އެމްއެމްއޭއިން ފައިސާ ނަގައިގެން ބޭނުންކުރުމާއި، އެމްއެމްއޭއިން ޕެންޝަން އޮފީހަށް ފައިސާ ދިނުމަށް ފަހު އެ ފައިސާ ބޭނުންކުރުމުގެ އިގުތިސޯދީ ނަތީޖާ އެއްގޮތް ވުމެވެ.
އެކަމަކު މި މުއާމަލާތް ހިންގަން އުޅޭ ކަމުގެ މައުލޫމާތު މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ލިބުނީއްސުރެން ފެށިގެން މިއަދާ ހަމައަށް ސަރުކާރުން ހިފަހައްޓަމުން އަންނަނީ މިއީ ފައިސާ ޗާޕުކުރުން ނޫން ކަަމަށް ބުނެ އެވެ. އެއާ ހިލާފަށް، ސަރުކާރާއި އަދި ޕެންޝަން އޮފީހުން ވެސް މަސައްކަތް ކުރީ މިއީ ޕެންޝަން ފަންޑަށް ފައިދާ ހުރި އިންވެސްޓުމަންޓެއް ކަމަށް ވިސްނައިދޭށެވެ.
އެ ގޮތުން ބޮންޑު މުއާމަލާތައިގެން ކުރިއަށް ދާން ޕެންޝަން އޮފީހުގެ ބޯޑުން ފާސްކުރުމަށް ފަހު ނެރުނު ބަޔާނެއްގައި އެ އޮފީހުން ބުނީ މިއީ ފަންޑުގެ ކުރިމަގަށާއި ދެމެހެއްޓިނިވި ކަމަށް ފަހިކޮށްދޭ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މީގެ ސަބަބުން ފަންޑުގެ ޕޯޓުފޯލިއޯ ޑައިވާސިފައިވެ، ފަންޑަށް ޑޮލަރު ވަންނަން ފަށާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ނަމަވެސް މި މައްސަލައިގައި ޕެންޝަން އޮފީހުގެ ބޮންޑުން އިސްތިއުފާ ދިން ގިނަ ބަޔަކު ހިމެނޭހެން ބުނަނީ މިއީ ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑު މުއާމަލާތެއް ކަމަށެވެ. އަދި މީގެ ސަބަބުން ރުފިޔާ އިތުރުވެ، ޑޮލަރަށް އޮންނަ ޕްރެޝަރު އުފުލި، ތަކެތީގެ އަގު އުފުލޭނެ ކަަމަށް މި ކަމާ ދެކޮޅު ހަދާ މީހުން އަންނަނީ ބުނަމުންނެވެ.
މީގެ އެންމެ ގޯސް ނަތީޖާއަކަށް ވާނީ، ތަކެތީގެ އަގު އުފުލި މި އިންވެސްޓްމަންޓާ އެކީ ފަންޑަށް ލިބޭ ފައިދާގެ އަގު އެއްކޮށް ފުހެވުމެވެ.
ކަންބޮޑުވުންތަކަށް އިޖާބަ ދިނުމެއް ނެތި ބޮންޑު މުއާމަލާތް ހިންގާ 2.4 ބިލިއަން ރުފިޔާ "ޗާޕުކޮށްފި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ