ބޮޑުތަކުރުފާނުމަގު: އަލަށް ތަރައްޤީކުރި ސަރަހައްދު މާދަމާ ހުޅުވާލަނީ

މާލެ ބޮޑުތަކުރުފާނުމަގު އަލަށް ތަރައްޤީކުރި ސަރަހައްދު މާދަމާ ހުޅުވާލާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އަލަށް ތަރައްޤީކޮށްފައިވާ ޕާކިން ޒޯނު ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުންނެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ގަސް އިންދުމުގެ ހަރަކާތަކީ މަގު ހެދުމުގެ މަސައްކަތް ނިމުމާއެކު ރައްޔިތުންނަށް ވީހާވެސް ހިތްފަސޭހަ، މާލޭގެ މަލަމައްޗަށް ތަނަވަސްކަން ގެނޭވޭގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުން ކުރިޔަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. ވަޒީރު ވިދާޅުވީ، ރުއް އިންދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާރު ގަސް އިންދާފައި ހުރި ސަރަހައްދުތަކުގައިވެސް ރުއް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މަގުތައް ފެހިކުރުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ތަފާތު މާމެލާމެލީގެ ގަސްތައް އިންދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަގުގެ މަސައްކަތް އެއްކޮށް ނިމި މާދަމާ ހަވީރު 4 ޖަހާއިރު އާންމުންނަށް މަގު ހުޅުވާލާނެ ކަމަށްވެސް ވިދާޅުވިއެވެ.
" ދެން އަޅުގަނޑުމެންގެ ވިސްނުމަކީ މަސައްކަތް ނިމުމާއެކު މާދަމާ ހަވީރު 4 އަކުން ފެށިގެން އާންމުންނަށް މަގު ހުޅުވާލުން. ވަކި ރަސްމިއްޔާތެއް ބާއްވާ ގޮތަކަށް ނޫން އޮތީކީ. އަޅުގަނޑުމެން މަގުގެ މަސައްކަތް ނިމުމާއެކު މާދަމާ ހަވީރު 4 އަކުން ފެށިގެން އާންމުންނަށް މަގު ބޭނުން ކުރެވޭވަރަށް ހުޅުވާލާނަން." ވަޒީރު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މާލެއާި ވިލިމާލޭގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް ދަނީ، ތައްޔާރުވަމުންނެވެ. އެގޮތުން މަގުތައް ތަރައްޤީ ކުރުމަށް ސާރވޭގެ މަސައްކަތް ވަނީ ފަށާފައެވެ. މިއީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ