ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ސަރަހައްދުގައި އަލަށް ތަރައްޤީ ކޮށްފައިވާ ޕާކިން ޒޯނު ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ބޮޑުތަކުރުފާނުމަގު ބީއެމްއެލް ހެޑްއޮފީސް ކުރިމަތީގައި ތަރައްޤީކޮށްފައިވާ މި ޕާކިން ޒޯނަކީ، 500 ސައިކަލު ޕާކު ކުރެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ޕާކިން ޒޯނެކެވެ.
ގަސް އިންދުމަށް ބޭއްވި ޚާއްސަ ހަރަކާތް ފައްޓަވައިދެއްވީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއާއި، ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ދައުލަތުގެ އިސްބޭފުޅުންގެ އިތުރުން މަޖިލިސް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ބީއެމްއެލްއާއި އެމްޓީސީސީގެ ގިނަ މުވައްޒަފުންތަކެއް ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ ވިދާޅުވީ، ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީގެ އެކިއެކި ދާއިރާތަކުން 200އެއްހާ މުވައްޒަފުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. ސައުދީ ވިދާޅުވީ، އެމްޓީސީސީއަކީ ދަތުރުފަތުރުގެ ޚިދުމަތްވެސް ދޭ ކުންފުންޏަކަށްވާއިރު، ސަރުކާރުން ފަށާފައިވާ ރިންގު ރޯޑު ތަރައްޤީ ކުރުމުގެ މަސައްކަތާއެކު މިހާރު ދިމާވަމުންދާ ޓްރެފިކުގެ މައްސަލަ ހައްލުވެ، ބަހުން ދަތުރުކުރާ ފަރާތްތަަކަށްވެސް އޭގެ ފަސޭހަ ލިބޭނެ ކަމަށެވެ.
" ރައީސުލްޖުމްހޫރިއްޔާގެ ރިންގްރޯޑް ތަރައްޤީ ކުރުމުގެ ތަސައްވުރުގެ ދަށުން އަޅުގަނޑުމެންގެ ބަސް ރޫޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަދި އަޅުގަނޑުމެންމީ ޓެކްސީ ލައިނެއް ފައްޓައިގެން މިއުޅޭނީ. އެހެންވީމައި ގިނަ އުޅަނދުތަކެއް މަގުމައްޗައް ނުކުތީމައި މި ކޮންޖެޝަން ބޮޑުވާނެތީ އެއަށް ރިލީފެއް ލިބޭނެ ކަހަލަ ގޮތަކަށް މަސައްކަތް ކުރާ ދަނޑިވަޅެއްގައި މި މަގުވެސް ހެދިގެން މިދަނީ." ސައުދީ ވިދާޅުވިއެވެ.
މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުން ދަނީ، ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތެވެ. އެއީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދެވެ.
މި މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފަލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި މިހާރު ވަނީ ތާރު އަޅާފައެވެ. އެމްޓީސީސީން ދަނީ، މި ސަރަހައްދުގައި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްތުގެ އިތުރުން މަގު ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ މަސައްކަތްތައް ކުރަމުންނެވެ.
އެމްޓީސީސީއިން މިހާރު މަގު ޒީނަތްތެރި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ތަފާތު އެކި ގަސް ޖަހައި ރުއް ވަނީ އިންދާފައެވެ. މިއީ، ޤައުމީ ވަންތަކަމާއި ތިމާވެށީގެ އިސްނެގުމުގެ ދަށުން ފެހި، ދެމެހެއްޓެނިވި އާބަން މާހައުލެއް ގާއިމްކުރުމަށް ކުރި މަސައްކަތެކެވެ. ގަސް އިންދުމުގެ މަސައްކަތް ކުރަމުން އަންނައިރު ސަރުކާރުން އަންނަނީ، 5 މިލިޔަން ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަސް އިންދަމުންނެވެ.
މިހާރު މަސައްކަތް ކުރިއަށްދާ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު އޮތް ސަރަހައްދު ތަރައްޤީކޮށް ނިމުމުން ދެން އޮތް މަރުހަލާގައި އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް ތަރައްޤީކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ބޮޑުތަކުރުފާނުމަގު: އައު ޕާކިން ޒޯންގައި ގަސް އިންދުމުގެ ހަރަކާތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ