ހައި ސްކޫލް މިއުޒިކަލްގެ ހަތަރު ވަނަ ފިލްމެއް އުފައްދަން ނިންމައިފި

ޑިޒްނީ ޗެނަލްގެ "ރަން ޒަމާނު"ގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމު ފްރެންޗައިޒަކީ "ހައި ސްކޫލް މިއުޒިކަލް" އެވެ. މި ފިލްމު ސީރީޒް ބިނާވަނީ ހައި ސްކޫލު ފަށާ ފުރާވަރުގެ ކުދިންތަކެއްގެ ލޯބީގެ ގުޅުމާއި މިއުޒިކާއި ލަވަ އާއި ނެށުންތަކަށެވެ. ދެހާސް ހަ ވަނަ އަހަރުން ފެށި މި ފިލްމު ސީރީޒްގެ ތިންވަނަ ފިލްމު 2008 ވަނަ އަހަރު ރިލީޒް ކުރުމަށްފަހު، ފިލްމު ސީރީޒް ވަނީ ހުއްޓިފަ އެވެ. އޭގެ ފަހުން ހަތް އަހަރު ފާއިތުވެފައިވާ އިރު، ޑިޒްނީ ޗެނަލުން މި ވަނީ، މި ފިލްމުގެ ހަތަރުވަނަ ބައެއްގެ މަސައްކަތް ކުރަމުން އަންނަ ކަން ރަސްމީކޮށް އިއުލާނު ކޮށްފަ އެވެ. "ހައި ސްކޫލް މިއުޒިކަލަކީ ޑިސްނީގެ ޑީއެންއޭގައި ހިމެނޭ އެއްޗެއް. މި ފިލްމު ދިރުވައި އާލާ ކުރުމުގެ ގޮތުގައި އަހަރެމެން މި އިއުލާނު ކުރަނީ އާ ކަމެއްގެ ފެށުން،" ޑިޒްނީ ޗެނަލްގެ ރައީށް ގޭރީ މާރޝް ވިދާޅުވި އެވެ. ގޭރީ ބުނެފައި ވަނީ، މި ފިލްމުން ފެނިގެން ދާނީ މުޅިން އާ ކާސްޓެއް ކަމަށާއި، ފިލްމުގައި ފެނިގެން ދާނެ ތަރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ފިލްމުގެ ފުރަތަމަ ތިން ބައިގެ ލީޑު ރޯލުތަކުން ފެނިފައި ވަނީ މަޝްހޫރު ފިލްމީ ތަރި އަދި ލަވަކިޔުންތެރިން ޒެކް އެފްރޯންއާއި، ވެނެސާ ހަޖެންސްއާއި، އޭޝްލީ ޓިސްޑޭލް އަދި ކޯބިން ބްލޫ ފަދަ ތަރީންނެވެ. މަސްދަރު: އީ އޮންލައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ