ރައީސް ނަޝީދުގެ އިސްތިއުނާފު މައްސަލަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައި ބާއްވަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅޭ އިސްތިއުނާފު މައްސަލައިގެ ދެވަނަ އަޑުއެހުން އާދިއްތަ ދުވަހު ބާއްވަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ. އެ މައްސަލަ ތާވަލްކޮށްފައި ވަނީ ކޮން ގަޑިއަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނަށާއި ޕީޖީ އޮފީހަށް މިއަދު ހަވީރުގެ ވަގުތެއްގައި ސުޕްރީމް ކޯޓުން ވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވާފައެވެ. ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާތީއެވެ. ރައީސް ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމުގެ ސައްޚަކަން ކަށަވަރުކުރަން ޕީޖީ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ މައްސަލައިގައި ރައީސް ނަޝީދުގެ ފަރާތުން ކަންބޮޑުވުންފާޅުކުރި ނުކުތާތަކާ މެދު ގޮތެއް ނިންމުމަށްފަހު މައްސަލަ ބޭރުކޮށްލާފައެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި މިހާރު އޮތީ ހައިކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފު މައްސަލަ ކަމަށް އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވިއެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ބޭއްވި އެ އަޑުއެހުމަށް ރައީސް ނަޝީދުގެ ބަދަލުގައި ވަޑައިގެންނެވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު ހަސަން ލަތީފެވެ. އެންމެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މައްސަލައިގައި އެ އޮފީހުން ހުށަހަޅާ ކަންކަން ޝަރީއަތަށް އިއްވާފައެވެ. ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ހިޝާމް ވަޖީހު ވިދާޅުވީ، ދައުލަތުން ހުށަހަޅާ މައްސަލަ އަކީ ރައީސް ނަޝީދުގެ މައްސަލަ ހައިކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމި ނިންމުމަކީ ރާއްޖޭގެ ގާނޫނު ތަކާއި ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަން ކަށަވަރު ކުރުމަށް ހުށަހަޅާ މައްސަލައެއް ކަމަށެވެ. ޕީޖީ އޮފީހުން އެ މައްސަލައިގައި ހުށަހަޅާފައި ވަނީ ހަތަރު ނުކުތާއެކެވެ. ފުރަތަމަ ނުކުތާ އަކީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ ކުށުން ބަރީއަވުމަށްޓަކައި އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަސީލަތްތަކާއި ރައީސް ނަޝީދު އިޚްތިޔާރުކުރާ ގާނޫނީ ވަކީލަކާ މަޝްވަރާ ކުރުމަށް ފުރުސަތުދީފައިވާކަން ކަށަވަރު ކުރުމަށް އެދި ހުށަހެޅި ނުކުތާއެވެ. އެ ނުކުތާއާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަފުޅުދައްކަވަމުން ހިޝާމް ވިދާޅުވީ، އެންމެ ފުރަތަމަ ރައީސް ނަޝީދުގެ މައްސަލަ ހުށަހެޅީ ހުޅުމާލޭ ކޯޓަށް ކަމަށާއި އެ ކޯޓަށް މައްސަލަ ހުށަހެޅިތާ ތިން އަހަރުވާން ކައިރިވެފައި އޮއްވައި މުރާޖާ ކުރުމަށް މައްސަލަ އަނބުރާ ގެނެސް އެހެން ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލީ ކަމަށެވެ. ހިޝާމް ވިދާޅުވީ، ހުޅުމާލޭ ކޯޓަށް ހުށަހެޅި މައްސަލައިގެ ލިޔެކިޔުންތައް ވަނީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނަށް ދޫކޮށްފައި ކަމަށާއި، ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީވެސް ހަމަ އެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ކުރިން ހުށަނާޅާ އެއްވެސް ލިޔުމެއް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހަޅާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހިޝާމްގެ ވާހަކަފުޅުގައި އދ.ގެ ބައެއް ގުނަވަންތަކުން ނިންމާފައިވާ ނިންމުންތަކަށް ވެސް ހަވާލާދެއްވިއެވެ. އޭނާ ވިދާޅުވީ، ކްރިމިނަލް ކޯޓުގައި މައްސަލަ ބެލިއިރުވެސް ރައީސް ނަޝީދުގެ ވަކީލުންގެ ގޮތުގައި ތިއްބެވީ ހުޅުމާލޭ ކޯޓުގައި ވެސް ވަކާލާތު ކުރެއްވި ވަކީލުން ކަމަށެވެ. ދައުވާއަށް ޖަވާބުދާރީވާން ދިގު މުއްދަތެއް ދޭންޖެހޭނީ އާ ވަކީލުންތަކެއް ކްރިމިނަލް ކޯޓުގައި ހިނގި މައްސަލައަށް ރައީސް ނަޝީދު އައްޔަންކުރެއްވިނަމަ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެހެންކަމުން މައްސަލަ ދިރާސާ ކުރުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ދީފައިވާކަން ކަށަވަރުކޮށްދިނުމަށް ދައުލަތުން ވަނީ އެދިފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ރައީސް ނަޝީދުގެ ވަކީލުންނާ އެކު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އެ ވަކީލުން އެދިވަޑައިގަތްގޮތަށް ޖަވާބުދާރީވުމަށްޓަކައި ތިން ދުވަހުގެ ފުރުސަތެއް ޝަރީއަތުން ދީފައިވާ ކަމަށެވެ. އަދި އޭގެފަހުން ބަރާބަރަށް ޝަރީއަތަށް ހާޒިރުވެ މައްސަލަ ކުރިއަށް ދަނިކޮށް، މާޗް މަހުގެ އަށް ވަނަ ދުވަހު ޝަރީއަތް ފެށުމުގެ ފަހުން ވަކީލުން މައްސަލައިން ތަނާޒުލްވާކަމަށް އަންގާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ވަކީލުން އެ މައްސަލައިން ތަނާޒުލްވިޔަސް ބަރާބަރަށް ރައީސް ނަޝީދާ ބައްދަލު ކުރައްވާ ކަމަށާއި އެމަނިކުފާނު ގެންދެވީ އެބޭފުޅުންގެ ފަރާތުން ގާނޫނީ އެހީތެރިކަން ހޯއްދަވަމުން ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި އިރު މަންޒަރު ފެނުނު ދެ ގާޒީ އަކު މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާތީ އެ ދެ ގާޒީން ބަދަލުކުރަންޖެހޭ ކަމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ފާހަގަކުރާ ނުކުތާއާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި އިރު މީޑިއާގެ ފަރާތްތައް ވެސް އެތަނުގައި ތިބެ، އެމަންޒަރު ވީޑިއޯކޮށް ޓީވީތަކުން ވެސް ދެއްކި ކަމަށެވެ. އެހެންކަމުން އެ ދެ ގާޒީން އެތަނުގައި ނެތްނަމަވެސް ޓީވީން އެ މަންޒަރު ފެންނާނެ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ. ހެކީންނާއި ސުވާލު ކުރުމާއި ހެކި ހުށަހެޅުމުގެ ފުރުސަތު ރައީސް ނަޝީދަށް ދީފައިވާކަން ކަށަވަރު ކުރަން ވެސް ޕީޖީން އެދުނެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، ރައީސް ނަޝީދަށް ދެއްވި ފުރުސަތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ދިފާއުގައި ހެކި ހުށަހަޅާފައި ކަމަށާއި ޝަރީއަތް ނިމުނު އިރުވެސް އެ ހެކީން ހުށަހެޅި ބޭނުން ވިދާޅުވެފައިނުވާ ކަމަށެވެ. އެ މައްސަލައިގެ ޝަރީއަތް އަލުން ކުރިއަށްގެންދަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާނަމަ އެކަމާ ގުޅޭ ގޮތްތަކެއް ކަނޑައަޅުއްވައިދެއްވުމަށް ވެސް ދައުލަތުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ