ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގެންފި

ރިޔާސީ އިންތިޚާބާއި ގުޅިގެން ޕީޕީއެމްއިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ، އެ ކޯޓުން ބަލައިގެންފިއެވެ. މިދިޔަމަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓް އޮޅުވާލިކަމަށް ތުހުމަތުކޮށް ޕީޕީއެމުން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިއަދުއެވެ. އަދި އެމައްސަލަ ކޯޓުން ބަލައިގެންފައިވާއިރު، ރިޔާސީ އިންތިޚާބާއި ގުޅިގެން 400 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވެއެވެ.  ނަމަވެސް އެޝަކުވާތަކަށް ޖަވާބުދީފައި ނުވާކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ. އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ޕީޕީއެމްއިން ތުހުމަތުކުރި އިރު، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު، ފިޔަވައި ދެން ތިއްބެވި މެންބަރުން މިހާރު ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ. ޕީޕީއެމްއިން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އިރު، އެޕާޓީން ބުނެފައިވަނީ އިންތިޚާބުގައި ވޯޓް އޮޅުވާލި މައްސަލައިގެ ޒިންމާ އިލެކްޝަންސް ކޮމިޝަންގެ ރައީސާއި އެކޮމިޝަންގެ މެންބަރުން ނަގަންޖެހޭނެ ކަމަށް ބުނެފައެވެ. އަދި ޕީޕީއެމްއިން ވަނީ އަވައްޓެރި ގައުމެއްގެ ޖާސޫސީ އިދާރާއަކާއި ގުޅިގެން އިންތިޚާބުގެ ވޯޓް އޮޅުވާލާފައިވާކަމަށް ވެސް ތުހުމަތުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ