އަދާލަތުން އިނގުރައިދޫ ދާއިރާގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާނު ކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ރ. އިނގުރައިދޫ ދާއިރާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި އިއްޔެ ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާނު ކޮށްފި އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ އަދާލަތު ޕާޓީގެ ޓިކެޓް ކާމިޔާބު ކޮށްފައިވަނީ 360 ވޯޓާއި އެކު ރ. ކިނޮޅަސް، ފެހިވިލާ އަހްމަދު ހުސައިން އެވެ. ކިނޮޅަހު ކައުންސިލް ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ހުސައިން އާ ވާދަކުރެއްވި ރ. އިންނަމާދޫ، ނޫރާނީގޭ އަލީ ޝަރީފަށް ލިބުނީ 306 ވޯޓެވެ.
ޖުމްލަ 810 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބުނު ޕްރައިމަރީގައި ވޯޓް ލާފައިވަނީ 675 މީހުންނެވެ. އޭގެ ތެރޭން ނުވަ ވޯޓެއް ވަނީ ބާތިލް ވެފަ އެވެ.
އަދާލަތުން ބުނީ ޕްރައިމަރީގެ ވޯޓުލުމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންފުޅުވާނަމަ، މިރޭ 23:00ގެ ކުރިން މިޕާޓީގެ މައި އިދާރާއަށް ލިޔުމުން ނުވަތަ 7786776 އަށް އެސް.އެމް.އެސް ނުވަތަ ވައިބާ މެސެޖުގެ ޒަރީއާއިން ހުށަހެޅޭނެ ކަމަށެވެ.
އިނގުރައިދޫ ދާއިރާގެ އިތުރުން މަޖިލިސް އިންތިހާބުގައި އަދާލަތުން 12 ދާއިރާއަކަށް ކުރިމަތިލާނެ އެވެ. އެއީ ކެލާ ދާއިރާ، ވައިކަރަދޫ ދާއިރާ، ކުޅުދުއްފުށީ އުތުރު ދާއިރާ، މަކުނުދޫ ދާއިރާ، ކާށިދޫ ދާއިރާ، މަހިބަދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، ގަމު ދާއިރާ އަދި ފުވައްމުލަކު ދެކުނު ދާއިރާ އާއި ފޭދޫ ދާއިރާގެ އިތުރުން މާފަންނު ދެކުނު ދާއިރާ އެވެ. އެ ދާއިރާތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ވަނީ ހަމަވެފަ އެވެ.
"ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި އެ 13 ދާއިރާގެ ތެރެއިން އަދާލަތުން ޕްރައިމަރީ ބާއްވަނީ އިނގުރައިދޫ ދާއިރާގެ އެކަންޏެވެ. އެއީ އެހެން ދާއިރާތަކަށް އެއް ކެންޑިޑޭޓަކަށް ވުރެ ގިނައިން ވާދަ ކޮށްފައި ނުވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ