2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު ގަދަކަމުން ހައްޔަރުކޮށް އެކަހެރި ކުރި މައްސަލައިގައި ދައުލަތުން ކުޅަ ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަގުތުން ދޫކޮށްލުމަށް އދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ގޮވާލި ގޮވާލުމަށް ގޮތެއް ނިންމާނީ ރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ނިންމުމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުރީގެ ރައީސް ނަޝީދަކީ ސީރިއަސް ކުށެއްގެ ތުހުމަތު ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ބޭފުޅެއް ކަމަށާއި ރައީސް ނަޝީދަކީ ސިޔާސީ ކުށްވެރިއެއް ނޫން ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދު ޖަލު ހުކުމް ތަންފީޒު ކުރެއްވުމަށް ޖަލުގައި ހުންނެވީ ގާނޫނުގެ ހަމަތަކުގެ މަތިން ކަމަށާއި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ގާނޫނުގެ ތެރެއިން ގާނޫނީ ކޯޓަކުން އިއްވާފައިވާ ހުކުމެއް ކަމަށެވެ.
ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލަ ބެލުމަށް ފަހު އިއްޔެ ނަޝީދުގެ ބައިނަލްއަޤުވާމީ ވަކީލުން އާންމުކުރި ވޯކިންގ ގްރޫޕްގެ ރިޕޯޓުގައި ނަޝީދު ދޫކޮށްލުމުގެ އިތުރުން، މަދަނީ އަދި ސިޔާސީ ހައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ ދަށުން އެމަނިކުފާނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިިދިނުމަށްވެސް ވަނީ ގޮވާލާފައެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ޔުނިވާސަލް ޑިކެލެރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫޑީއެޗްއާރް) އާއި އައިސީސީޕާއާރްގެ ގަވާއިދުތަކާއި އަޅާ ބަލާއިރު ރައީސް ނަޝީދު ހުންނެވީ ނުހައްގުން ބަންދު ކުރެވިފައި ކަމަށެވެ.
ސުޕްރީމް ކޯޓުން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި އަމަންއަމާންކަން ޤާއިމްވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
އަދި ފުރިހަމަ ސިޔާދަތާ މިނިވަންކަން ލިބިގެންވާ ދައުލަތެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި ފަރުދުންނާއި ދައުލަތުގެ ހައްގުތައް ހިމާޔަތް ކުރުމަށާއި ދިވެހި ގައުމުގައި އަމަންއަމާންކަމާއި ސުލްހަވެރިކަމާއި ހަަމަހިމޭންކަން ގާއިމްވެފައި އޮތުން ކަށަވަރުކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެެ ދަށުން ދިވެހިރާއްޖޭގައި ގާނޫނޫގެ ވެރިކަން ނަގަހައްޓާނެ ކަމުގައި ޔަގީންކަން ދޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.
އދގެ ނިންމުމަށް ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން - ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ