ސިވިލް އޭވިއޭޝަނުން ފްލައިން ސްކޫލް ޖޫރިމަނާކުރީ 35،000 ރުފިޔާއިން

އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލް ޖޫރިމަނާ ކުރީ 35،000 ރުފިޔާ އިން ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް މުހައްމަދު "އައްޑޫ ލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނުގައި ޖޫރިމަނާ ކުރެވިދާނެ އަދަދުތަކެއް ބަޔާންކޮށްފައިވާ ކަމަށާއި ޖޫރިމަނާ ކުރަމުން ގެންދަނީ އެ އަދަދުތަކާއި އެއްގޮތަށް ކަމަށެވެ.
"އެ ގާނޫނުން ހުންނާނެ އަޕަރ ލިމިޓްތަކެއް ދީފައި. އެންމެ މަތިވެގެން މިވެނި އަދަދަކާއި ހިސާބަށޭ ޖޫރިމަނާ ކުރެވޭނީ" އޭނާ ވިދާޅުވިއެވެ.
އެގޮތުން އެ ގާނޫނަށް ރިއާޔަތްކޮށް ފްލައިން ސްކޫލް މިހާރު ޖޫރިމަނާ ކޮށްފައިވަނީ 35،000 ރުފިޔާ އިން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފްލައިން ސްކޫލް ޖޫރިމަނާ ކުރުމަށްފަހު ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލަށް އަންގާފައެވެ. އެގޮތުން ސްކޫލްގައި ހިންގާ ކަންކަން ބެލުމަށް ސިވިލް އޭވިއޭޝަންގެ ފަރާތުން ބޭފުޅަކު ސްކޫލްގައި މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އަދި ދަރިވަރުންގެ ތަމްރީނުތަކަށް ބޭނުންވާ މިންވަރަށް ސްކޫލުގެ ފަރާތުން ޓެމްޕަރަރީ ލީޒްކޮށްގެން ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން "ކޮމްޕްލެކްސް" މަތިންދާ ބޯޓު ހަމަޖެއްސުމަށާއި، ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ކަމަކަށް ނުވާތީ ރާއްޖޭގެ ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަށް ވެސް ސްކޫލަށް ވަނީ އަންގާފައެވެ.
އޭގެ އިތުރުން ދަރިވަރުންގެ ތަމްރީނުތައް ޝެޑިއުލްކުރެވެމުންދާ ގޮތާއި ތާވަލު އާންމުކޮށް ފެންނަން ހުންނާނޭ ގޮތަށް ޕަބްލިޝް ކުރުމަށްވެސް ވަނީ އަންގާފައެވެ.
ފްލައިން ސްކޫލްގައި ހުރި މައްސަލަތައް ހައްލުކުރަން ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ފަށާފައިވާއިރު، އެ ސްކޫލްގައި ތިބި ބައެއް ދަރިވަރުންގެ ކޯސް ފުރިހަމަ ކުރަން ރާއްޖެއިން ބޭރަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ދާދިފަހުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ