ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެންނަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރިތާ ކުޑަވަގުތު ކޮޅެއް ފަހުން ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ކީރިތި ޤުރުއާނުގެ ކަހުފް ސޫރަތުގެ 30 ވަނަ އާޔަތާއި އެއާޔަތުގެ މާނަ ޓްވީޓް ކުރަށްވައިފިއެވެ.
ވޯޓުގެ ނަތީޖާ އާއި ގުޅިގެން ވަކި އެއްޗެއް ވިދާޅުނުވެ މައުމޫން ޓްވީޓް ކުރެއްވި އާޔަތުގެ މާނަ އަކީ "ހަމަކަށަވަރުން އީމާންވެ ޞާލިހް އަމަލުތައް ކުޅަމީހުން (ދަންނާށެވެ!) ހެޔޮކަންތައް ކުޅަމީހެއްގެ ދަރުމަ ހަމަކަށަވަރުން ތިމަންރަސްކަލާންގެ ގެއްލެނި ނުކުރަށްވާ ހުށީމެވެ."
ޤާނޫނު އަސާސީ އަށް އިސްލާހް ގެނެސް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރު ކަމަށް ނިންމާފައި މިވަނީ އެއިސްލާހަށް ރައީސް މައުމޫން ދެކޮޅު ހައްދަފާވައި ވަނިކޮށެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން އަށް ރައީސް މައުމޫން ފޮނުވި މެސެޖްގައި ވިދާޅުވެފައި ވަނީ ޤާނޫނު އަސާސީ އަށް ގެންނަ އިސްލާހްގެ ސަބަބުން ރައީސް ޔާމީން ބަދުނާމުވުން ނޫން ކަމެއް ނުވާނެ ކަމަށެވެ. އަދި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫންގެ ބަސް ވެސް މިހާރު ނުވިކޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޤާނޫނު އަސާސީ އަށް ގެނައި އިސްލާހަށް ރައީސް މައުމޫން ދެކޮޅު ހައްދަވާފައި ވާއިރު އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިއަދުގެ ޖަލްސާ އަށް ވަޑައެއް ނުގަންނަވައެވެ. އަދި ރައީސް މައުމޫން އާއި ގާތް ގުޅުމެއް އޮންނަ ކަމަށް ބުނާ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވެސް ޖަލްސާ އަށް ވަޑައިނުގަންނަވައެވެ. އެދެބޭފުޅުން ތިއްބެވީ ރާއްޖެއިން ބޭރުގައެވެ.
މިއަދުގެ ޖަލްސާގައި އިސްލާހާއި ދެކޮޅަށް ވޯޓު ދެއްވީ ދެމެންބަރުންނެވެ. އެއީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންއެވެ.
ޤާނޫނު އަސާސީ އަށް އިސްލާހް ގެނައުމަށް ފާސްކުރުމުން މައުމޫން ޓްވީޓް ކުރެއްވީ އާޔަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ