ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގައި, ގދ. ރަތަފަންދޫ ޓެކްސަސް މަހުދީ މަޢުސޫމް އުމުރަށް ޖަލަށް ލުމަށް ކުރި ޙުކުމް ހައި ކޯޓުން ބާޠިލް ކޮށްފިއެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެމްޓީސީސީ އެކްސްޕްރެސް ލޯންޗުގައި މަހުދީ ހުޅުމާލެއަށް ފޭބިވަގުތު މަސްތުވާތަކެތި އަޅާފައިވާ ފިލްމު ހުސްކުރި ދަޅެއް އޭނާ ބިންމައްޗަށް ވައްޓާލިތަން ދުށްކަމަށް ހަތަރު ފުލުހަކު ވަނީ ހެކިބަސް ދީފައެވެ.
އޭނާގެ މައްޗަށް ދަޢުވާ ސާބިތުވެފައި ވަނީވެސް ހެކީންގެ ހެކިބަހަށް ރިޢާޔަތް ކޮށެވެ.
އެހެންނަމަވެސް މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުން އޭނާގެ މައްޗަށް ދަށު ކޯޓުން އިއްވި ޙުކުމް ބާޠިލް ކޮށްފައި ވަނީ މައްސަލައިގައި ހުށަހަޅާފައިވާ ހެއްކާއި ޤަރީނާ ބަލިކަށި ކަމަށް ބުނެއެެވެ.
އެގޮތުން ހައި ކޯޓުގެ ޙުކުމްގައި ވަނީ ހަތަރު ފުލުހުން ހާދިސާ ހިނގިގޮތް ޝަރީއަތުގެ މަޖިލީހުގައި ކިޔައިދިނުމުގައި ފުށުއެރުންތަކެއް ހުރިކަމަށް ފާހަގަ ކުރެވޭ ކަމަށާއި، މަސްތުވާތަކެތި ހުރިކަމަށް ބުނާ ދަޅުން އޭނާގެ ފިންގާ ޕްރިންޓު ފެނިފައި ނުވަނީ ކީއްވެގެންކަން ދައުލަތަށް ބުނެދެވިފައިނުވާ ކަމަށެވެ.
އެހެންކަމުން ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާފައި ވަނީ އެ މައްސަލައިގައި ފެނިފައިވާ ދަޅަކީ މަހުދީ މަޢުސޫމްގެ ދަޅެއްކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުނުވާ ކަމަށެވެ.
މި މައްސަލައިގައި މަހުދީގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އިއްވުމުގެ އިތުރުން، އޭނާ ވަނީ 100،000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ޙުކުމް ކޮށްފައި ހުރި މީހަކު ހައި ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ