ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މަގާމަށް މެމްބަރަކު އައްޔަނުކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނަ އަޅައި ދިޔައިރު ވެސް، އެ ދެ މަގާމަށް ބޭފުޅުން އައްޔަނެއް ނުކުރެވުނެވެ.
މައުލޫމާތު ހޯދައި، ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނެފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަނު ކުރަން ވާނެ ކަމަށެވެ.
"އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެއްޖެ ނަމަ، މަގާމު ހުސްވާތާ ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 44 ވަނަ މާއްދާއާ އެއް ގޮތްވާ ގޮތުގެ މަތިން އެ މަގާމަށް މީހަކު އައްޔަނު ކުރަން ވާނެ އެވެ،" އެ ގާނޫނުގައި ބުނެފައި ވެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެފައި ވަނީ ޖުލައި 22 ވަނަ ދުވަހު އެވެ. އެހެންކަމުން ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނަ އަޅައި ގޮސް، މިއަދަށް މިއީ 65 ވަނަ ދުވަހެވެ.
އެ މަގާމު ހުސްވެފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރު ހަމަވުމުންނެވެ. ގާނޫނުގައިވާ ގޮތުން އެ މަގާމުގެ މުއްދަތަކީ އައްޔަނު ކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ އެއް ދައުރެވެ.
އެ މަގާމު ހުސްވާތީ، ހުޅުވާލި ފުރުސަތުގައި ނުވަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްކަންދެއްވި ހަތަރު ބޭފުޅުންނަކީ ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސެން ފިޔާޒު މޫސާ އާއި، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަހްމަދު ފަޔާޒު ހަސަނާއި، އަހްމަދު އާހިދު ރަޝީދާއި، ފާތުމަތު ސައުޝަން އެވެ.
މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިސްކަން ދެއްވާ ލިސްޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ރައްޔިތުންގެ މަޖިލީހުން ފާސް ކުރަން ޖެހެނީ އެންމެ ބޭފުޅެއްގެ ނަމެވެ. މަޖިލީހަށް ރައީސް ފޮނުއްވި ނަންތަކާ ގުޅިގެން، މަޖިލީހުން އޯގަސްޓް 28 ވަނަ ދުވަހު ވަނީ އެ ބޭފުޅުންނާ މެދު އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފަ އެވެ. އެހެންކަމުން އެ މަސައްކަތް އަދި އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
އޭގެ އިތުރުން ހުސްވެފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމުގެ މަގާމަށް ވެސް ބޭފުޅަކު އައްޔަނު ކުރަން ގާނޫނު ކަނޑައަޅާފައިވާ މުއްދަތު ވަނީ ފަހަނަ އަޅައި ގޮސްފަ އެވެ.
އެންއައިސީގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ، ނ، ރ، އަދި ބ) ގައި ބަޔާން ކުރާ ފަދަ ސަބަބެއް މެދުވެރިވެ، މެމްބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، 60 ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން ބޭފުޅަކު އައްޔަނު ކުރަން ވާނެ ކަމަށެވެ.
އެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ، ނ، ރ، އަދި ބ) ގައި ބުނެފައިވާ ހާލަތްތަކަކީ މެމްބަރު ކަމަށް އަމިއްލައަށް އިސްތިއުފާ ދެއްވުން، ގާނޫނުގައިވާ ގޮތުގެ މަތިން މެމްބަރު ކަމުން ވަކި ކުރުން، ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތިލުން އަދި ގާނޫނުގައި ބަޔާންކޮށްފައިވާ މެމްބަރުންގެ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމެވެ.
ކުރިން އެންއައިސީގެ ރައީސްކަން ކުރެއްވި މެމްބަރު މުހައްމަދު ފަރުހާދު ވަނީ މިއަހަރުގެ ޖެނުއަރީ މަސް ތެރޭގައި ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ ފެބްރުއަރީ 19 ވަނަ ދުވަހު އެވެ. އެހެންކަމުން މިއަދާ ހަމައަށް އެ މަގާމަށް ބޭފުޅަކު އައްޔަނު ނުކޮށް ވަނީ 218 ދުވަސް ވޭތުވެފަ އެވެ.
އެންއައިސީއަށް މެމްބަރަކު ކަނޑައެޅުމުގެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، އެ ކޮމިޝަނުގެ ކުރީގެ ރައީސް ޔޫސުފް މާނިއު އާއެކު 26 ފަރާތަކުން އެ މަގާމަށް ކުރިމަތިލެއްވި އެވެ.
އެކަމަކު ދެވަނަ ފަހަރަށް އެ ފުރުސަތު ހުޅުވާލުމަށް މަޖިލީހުން ރައީސަށް ލަފާ އަރުވާފައި ވަނީ ކުރިން ނަންތައް ފޮނުއްވާފައި ވަނީ ނިމިދިޔަ 18 ވަނަ މަޖިލީހަށް ކަމަށް ވާތީ އެވެ.
އެއާއެކު ޖުލައި 29 ވަނަ ދުވަހު ދެވަނަ ފަހަރަށް ވަނީ އެންއައިސީގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ދެވަނަ ފަހަރަށް އިއުލާން ކުރި ފަހުން ގާނޫނުގައިވާ 60 ދުވަހުގެ މުއްދަތު މި ހަފްތާގައި ހަމަވާނެ އެވެ.
ގާނޫނުގައިވާ މުއްދަތުގައި އިންފޮމޭޝަން ކޮމިޝަނަރާއި އެންއައިސީ މެމްބަރު އައްޔަނެއް ނުކުރެވުނު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ