ކެބިނެޓް ބުރާސްފަތި ދުވަހުގެ ނިޔަލަށް އެކުލަވާނުލައިފިނަމަ މި ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ޑރ. ޖަމީލު
14:30ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ކެބިނެޓް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އަލުން އެކުލަވާނުލައްވައިފިނަމަ މި ސަރުކާރަކީ ޣައިރު ޤާނޫނީ ސަރުކާރެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ގައުމީ ޕާޓީގެ ނައިބު ރައީސް އަދި މަޝްހޫރު ޤާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.މި ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރުކަން ވެސް އެންމެ ފުރަތަމަ ކުރައްވާފައިވާ ޑރ. ޖަމީލު ވިދާޅުވީ، ވަޒީރުންގެ މަޖިލީހެއް އެކުލަވާލުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 129 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވާ ބޭފުޅަކަށް ލާޒިމްކުރާ ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެލައްވާ ގޮތަށް އަމަލުކުރެއްވޭ ގޮތަށް އޮތް އިޚްތިޔާރީ ކަމެއް ނޫން ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ. އެހެންނަމަވެސް ވަޒީރުންގެ މަޖިލީހެއް އޮންނަން ޖެހޭނޭ ކަމަށް ޤާނޫނު އަސާސީގައި ބުނާއިރު ރައީސް ނަޝީދުގެ ވަޒީރުންގެ މަޖިލިސް ވަނީ އެއްކޮށް އިސްތިއުފާދެއްވާފައިކަން ފާހަގަކުރައްވާ ޑރ.ޖަމީލު ވިދާޅުވީ، މިހާރުވެސް ސަރުކާރު ހިންގަވަމުން އެ ގެންދަވަނީ ޣައިރު ޤާނޫނީ ގޮތެއްގައި ކަމަށެވެ. އެހެންކަމުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކެބިނެޓު އަލުން އެކުލަވާނުލައްވައިފިނަމަ މިހާރުގެ ސަރުކާރަކީ ޣައިރު ޤާނޫނީ ގޮތުން ހިންގަމުން އަންނަ ސަރުކާރެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ޑރ.ޖަމީލު ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުން މި އަމުރު ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެހާ ހިސާބުން މި ސަރުކާރުގެ ޤާނޫނީ ހުއްޖަތު ނިމުމަކަށް އަންނާނެ ކަމަށް ވެސް ޑރ.ޖަމީލު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ