ހައްގުތަކާ ގުޅޭ އެންމެ ބޮޑު މައްސަލައަކީ ކޯޓުން އިންތިޚާބަށް ހުރަސްއެޅުން: އެމެރިކާ

މިދިޔަ އަހަރު ރާއްްޖޭގައި ހިނގި އެންމެ ފާހަގަކުރެވޭ އިންސާނީ ހައްގުތަކާ ގުޅޭ އެއް މައްސަލައަކީ ސުޕްރީމް ކޯޓުން ރިޔާސީ އިންތިޚާބަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތު ކަމަށް އެމެރިކާ އިން މިއަދު ބުނެފި އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އިން ކޮންމެ އަހަރަކު ނެރޭ "ކަންޓްރީ ރިޕޯޓްސް އޮން ހިއުމަން ރައިޓްސް ޕްރެކްޓިސަސް"ގެ މިދިޔަ އަހަރުގެ އަދަދުގައިވާ ގޮތުން 2013 ވަނަ އަހަރު ރާއްްޖޭގައި ހިނގި އެންމެ ފާހަގަކުރެވޭ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކަކީ ސުޕްރީމް ކޯޓުން ރިޔާސީ އިންތިޚާބަށް ހުރަސްއެޅުމާއި ދީނީ މިނިވަންކަން ނެތުމާއި ސަރުކާރުގެ ހުރިހާ ފަންތިއެއްގައި ވެސް ކޮރަޕްޝަން އޮތުމެވެ. އެމެރިކާގެ ރިޕޯޓުގައިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން، އެ ރިޕޯޓުގައި ބުނީ ބައެއް ހާލަތްތަކުގައި ޝަރީއަތުން ނުކުންނާނެ ނަތީޖާއާއި ހުކުމް ދުރާލާ އެނގެން އޮންނަ ކަމަށެވެ. ޝަރުއީ ދާއިރާގެ ބައެއް ފަރާތްތަކުން ރިޝްވަތު ހިފުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމުގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ގިނަ އަދަދެއްގެ ފަނޑިޔާރުން ކުރާ ހުކުމްތައް ފައިސާގެ ހަދިޔާގެ މައްޗަށް ބިނާވެފައިވާ ކަން އެނގޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ބުނީ ބައެއް ވަކީލުންގެ ފީގެ ތެރޭގައި ވެސް ފައިސާގެ ހަދިޔާ ހިމަނާ ކަން ހާމަވެފައިވާ ކަމަށެވެ. "ގާނޫނުގެ ދަށުން، އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމަކީ މިނިވަން މުއައްސަސާއެކެވެ. އެހެން ނަމަވެސް، ޝަރުއީ ދާއިރާއަކީ މިނިވަން ދާއިރާއެއް ނޫނެވެ. އަދި ކޮރަޕްޝަނާއި ނުފޫޒު އެ ދާއިރާ އަށް ފޯރަ އެވެ،" ސްޓޭޓް ޑިޕާޓްމެންޓްގެ ބިއުރޯ އޮފް ޑިމޮކްރެސީ، ހިއުމަން ރައިޓްސް އަދި ލޭބާ އިން ނެރުނު ރިޕޯޓުގައިވެ އެވެ. "އާންމު ރައްޔިތުން ޝަރުއީ ދާއިރާ އަށް އިތުބާރެއް ނުކުރެ އެވެ." ރިޕޯޓުގައި ސްޓޭޓް ޑިޕާޓްމެންޓުން ވަނީ ފަނޑިޔާރުންގެ ފެންވަރާ މެދު ވެސް ސުވާލު އުފައްދާފަ އެވެ. އެގޮތުން، އެ ޑިޕާޓްމެންޓުން ބުނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ތައުލީމީ ފެންވަރު ހުރީ ސެޓްފިކެޓް ލެވެލްގައި ކަމަށެވެ. އަދި އިނގިރޭސި ބަހާއި އަރަބި ބަހަށް ފަރިތަނުވުމުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓުތަކުގެ ގިނަ ފަނޑިޔާރުންނަށް ޝަރީއާ އާއި ކޮމަލް ލޯ މާނަކުރަން ނޭނގޭ ކަމަށް ވެސް އެ ޑިޕާޓްމެންޓުން ބުންޏެވެ. މީގެ އިތުރުން، އެމެރިކާ އިން ބުނި ގޮތުގައި އަނިޔާކުރުމުގެ ތުހުމަތު ކުރެވިފައިވާ ބައެއް ސިފައިންނާއި ފުލުހުންނަށް ހައްގު އަދަބު ދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެހެން ނަމަވެސް، އެމެރިކާ އިން ބުނީ ބައެއް ސިފައިންނާއި ފުލުހުންނާއި ދޭތެރޭ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި ގާނޫނާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ފަނޑިޔާރުންނަށް ވެސް އެއްވެސް އަދަބެއް ލިބިފައި ނުވާ ކަމަށެވެ. އެމެރިކާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ހައްދު ޖެހުމާއި ގަވާއިދާ ހިލާފަށް ހައްޔަރުކުރުމާއި ނޫސްވެރިންނަށް ބިރުދެއްކުމާއި އަންހެނުންނާ މެދު ތަފާތުކުރުން އަދި ބިދޭސީ މަސައްކަތު މީހުންނާ މެދު އިހާނެތިކޮށް ކަންތައް ކުރުން ހިމެނެ އެވެ. މި ރިޕޯޓު އެކުލަވާލުމުގައި ބަލަނީ ޔުނިވާސަލް ޑެކްލެރޭޝަން އޮފް ދަ ހިއުމަން ރައިޓްސްގައި ބަޔާންކޮށްފައިވާ ފަރުދީ އަދި ސިޔާސީ ހައްގުތަކާއި މުޖުތަމައުގެ ހައްގުތަކުގެ އިތުރުން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރާ މިންވަރަށެވެ. ކޮންމެ އަހަރަކު ވެސް ނެރޭ މި ރިޕޯޓު ސްޓޭޓް ޑިޕާޓްމެންޓުން ހުށަހަޅަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ