މާފުށީ ޖަލު ފާސްކުރަން ކުއްތާ ވެސް ބޭނުންކުރާނެ: އުމަރު
މާފުށީ ޖަލަށް މަސްތުވާތަކެތި ވެއްދުން ހުއްޓުވުމަށްޓަކައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ކުއްތާ ވެސް ބޭނުންކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. މާފުށީ ޖަލު ވަށައިގެން 20 ފޫޓު އުސް ކޮންކްރީޓް ފާރެއް ރޭނުމުގެ މަސައްކަތް ފެށުމަށް މި ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަލުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ޖަލަށް ވައްދާ ފޯނާއި އެ ނޫން ވެސް ތަކެތި ދެނެގަނެވޭނެ ނިޒާމެއް އަންނަ އަހަރު ނިމޭއިރު ގާއިމްކުރާނެ ކަމަށެވެ. ޖަލުގެ ސަލާމަތީ ކަންކަން ވަރުގަދަކުރާ މުހިއްމު ކަމެއްގެ ގޮތުގައި ޖަލަށް މަސްތުވާތަކެތި އެތެރެވިޔަ ނުދިނުމަށް ކުއްތާ ބޭނުންކޮށްގެން ޖަލު ފާސްކުރާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. މާފުށީ ޖަލަށް ދޭތެރެ ދޭތެރެ އިން މަސްތުވާތަކެތި ވައްދާއިރު ނުރައްކާތެރި ބައެއް ހަތިޔާރު ވެސް ވައްދަ އެވެ. މިތަކެތި ގައިދީން ވައްދަނީ ޖަލު ބަލަހައްޓާ މުވައްޒަފުންނާ ގުޅިގެން ކަމަށް ތުހުމަތުކުރެވޭ އިރު، އެފަދަ ބައެއް މައްސަލަތަކުގައި ޖަލު ބަލަހައްޓާ ބައެއް މުވައްޒަފުން ހައްޔަރު ކޮށްފައިވެ އެވެ. ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ކޮންޓްރޯލްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް ކުއްތާ ގެންނަ އިރު ވާންޖެހޭ ތައްޔާރީތަކަށާއި ޑޯގް ސްކޮޑް ގާއިމުކޮށް ކުއްތާތައް ބައިތިއްބާނެ ތަންތަން ހެދުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ހޯމް މިނިސްޓްރީ އަށް ހަމަޖައްސައިދީފަ އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ސަރަހައްދީ އެހެން ބަނދަރުތަކުގައި ވެސް ޑޯގް ކެނަލްތަކެއް ގާއިމްކުރަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ