އަލީ އުމަރު މަނިކުގެ "އަޅުގަނޑުގެ ދުވަހު ފޮތް": ތާރީޚީ އަގުހުރި ހަދިޔާއެއް

ރާއްޖޭގެ ތާރީޚުގައި 1958 ން ފެށިގެން 2008 އާ ހަމައަށް ހިނގާފައިވާ ބައެއް މުހިންމު ހާދިސާތަކާއި އަދި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާ ބެހޭ ގޮތުން އާންމުވެފައި ނެތް މައުލޫމާތުތަކެއް އަލީ އުމަރު މަނިކު (ކޮލި އަލީ މަނިކު) ލިއުއްވާފައިވާ "އަޅުގަނޑުގެ ދުވަހު ފޮތް" އިން ލިބޭނެ އެވެ. ކުރީގެ ބޮޑުވަޒީރު އަދި ރައީސް އިބްރާހިމް ނާސިރާއި 1978 ން ފެށިގެން 30 އަހަރު ރައީސްކަން ކުރެއްވި މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އަލިމަނިކު ސަރުކާރުގެ ހިދުމަތުގައި ކުރެއްވި މަސައްކަތްތައް ވަރަށް ތަފްސީލުކޮށް މި ފޮތުގައި ހިމެނެ އެވެ. އަލިމަނިކު ސަރުކާރުގެ ޚިދުމަތް ފައްޓަވާފައި ވަނީ ކޮޅުނބުގައި ހުރި ދިވެހި ސަރުކާރުގެ ވިޔަފާރި ކުންފުނި ކަމުގައިވާ މޯލްޑިވްސް ނެޝަނަލް ޓްރޭޑިން ކޯޕަރޭޝަން (އެމް.އެން.ޓީ.ސީ) ގެ "އެޕްރެންޓިސް" އެއްގެ ގޮތުގައި 1956 ވަނަ އަހަރު އެވެ. އެއަށް ފަހު ސަރުކާރުގައި ކުރެއްވި ޚިދުމަތްތަކަށް ބައްލަވާލައްވަމުން އަލިމަނިކު ލިއުއްވި އެވެ. "އަޅުގަޑު ދިވެހި ޤައުމަށް ޚިދުމަތްކުރި އަހަރުތައް ވެގެންދިޔައީ ރާއްޖެ އަށް ވަރަށް މުހިންމު ބަދަލުތަކެއް އަންނަމުން ދިޔަ އަހަރުތަކަކަށެވެ. އިބްރާހިމް ނާޞިރު ވެރިކަން ހިންގެވި ވިހި އަހަރާއި، ރައީސް މައުމޫން ޢަބްދުލް ޤައްޔޫން ވެރިކަން ކުރެއްވި 30 އަހަރުގެ މުއްދަތާއި، ދިވެހިރާއްޖެ އަށް މިޒަމާނުގެ ފަތުރުވެރިކަން ތައާރަފްވެ ތަރައްޤީވުމާއި، ސެޓެލައިޓް މެދުވެރިކޮށް މުވާޞަލާތީ ގުޅުން ޤާއިމްކުރެވި ކުރިއަރައި، ބައިނަލްއަޤްވާމީ އަދި ޤައުމީ ސިޔާސީ ހަލަބޮލިކަން ދިވެހިރާއްޖެ ދެކެމުން، ތަޙައްމަލް ކުރަމުން ދިޔަ އަހަރުތަކަކަށެވެ." ތާރީޚީ މުހިންމު ބައެއް ފޮޓޯތައް ވެސް ހިމަނާފައިވާ 360 ސަފުހާގެ މި ފޮތުގައި އަލިމަނިކު ފާހަގަކުރައްވާފައިވާ ގޮތުގައި ރައީސް ނާޞިރަކީ، ހޯއްދަވާފައިވާ ކާމިޔާބުތަކާއި ކުރިއެރުންތައް އިޢުލާންކުރެއްވި ބޭފުޅެއް ނޫނެވެ. އެހެންކަމުން، ނާސިރުގެ ދައުރުގައި ދިވެހިރާއްޖެ އަށް ލިބިފައިވާ ކުރިއެރުމާ ބެހޭ މާ ގިނަ މަޢުލޫމާތެއް ޢާއްމުވެފައެއް ނުވެ އެވެ. "ނާސިރުގެ ވެރިކަމުގެ ދައުރުގައި ދިވެހިރާއްޖެ އަށް ލިބެމުންދިޔަ ބޭރު ފައިސާގެ 30 އިންސައްތަ ހޭދަކުރައްވާފައިވަނީ، ތަޢުލީމަށްކަން - ޚާއްޞަކޮށް ފަޤީރުންނަށް ތަޢުލީމު ފޯރުވައިދެއްވުމަށްކަން، އެއީ ޢާއްމުކޮށް އެނގިފައިވާ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ތާރީޚް ލިޔާއިރު، މިކަންކަން ތާރީޚީ ތަޞްވީރުގައި ހިމަނައިގެން ލިއުމަށް އަޅުގަނޑު ގޮވާލަމެވެ. އެއްބަހަކުން ވާހަކަދައްކާ، އެއް އަކުރުތަކަކުން ލިޔާ، އެއް ދީނެއްގެ ބަޔަކު ދިރިއުޅޭ ދިވެހިރާއްޖެ ފަދަ ކުޑަކުޑަ ޤައުމެއްގައި، ކޮންމެ ދިވެއްސަކަށް ފަޚުރުވެރިވެވޭނެ ތާރީޚެއް ރަނގަޅަށް ލިޔެވިފައި އޮންނަންވާނެ އެވެ." ރައީސް ނާޞިރު ދިވެހިރާއްޖެ އަށް ކޮށްދެއްވި ކަންތައްތައް ހޯދައި ބެލުމުގައި މިފޮތް ޙިއްޞާކޮށްދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ. އެމަނިކުފާނަކީ ޢަމަލީ ގޮތުން އަމިއްލަ އަތްޕުޅުން ކަންކަން ކުރެއްވި ބޭފުޅެކެވެ. ތަޢުލީމީ ނުވަތަ ތިއަރީގެ ލިއުންތެރި ބޭފުޅެއް ނޫނެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ޙާލަތު ރަނގަޅު ކުރެއްވުމުގައި، އެހެން ފަރާތްތަކަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެއްވުމުގެ ބަދަލުގައި، ޢަމަލީ ގޮތުން އެ ޙާލަތު ރަނގަޅު ކޮށްދެއްވުމަށް ވަޤުތު ހޭދަކުރެއްވި ބޭފުޅެކެވެ." ނާސިރުގެ ރައީސްކަމުގައި ނާއިބް ރައީސުގެ މަޤާމް އަދާކުރައްވާފައިވާ އަލިމަނިކު ރައީސް މައުމޫނުގެ ވެރިކަމުގައި ހުންނެވީ ޚާއްސަ މުޝީރެއްގެ ގޮތުގަ އެވެ. އަލިމަނިކު ލިއުއްވި އެވެ. "މައުމޫނުގެ މުޝީރަކަށް އަޅުގަނޑު ހަމަޖެއްސެވީ، އެމަނިކުފާނަށާއި އަދި ޤައުމަށް ވަރަށް އުނދަގޫ ދުވަސްވަރެއްގަ އެވެ. އަޅުގަނޑު ގާތުގައި އެމަނިކުފާނަށް އެހީތެރިވުމަށް 1978 ވަނަ އަހަރު އެދިވަޑައިގެން ދުވަހުން ފެށިގެން، 30 އަހަރުގެ މުއްދަތުގައި ވަފާތެރިކަމާއި ތެދުވެރިކަމާ އެކު އަޅުގަނޑު ޚިދުމަތް ކޮށްދިނީމެވެ. ނާޞިރާއި މައުމޫނަކީ ވެރިކަން ހިންގެވުމުގައި ވަރަށް ފާހަގަކޮށްލެވޭ ދެ ގޮތެއް ގެންގުޅުއްވި ދެ ބޭފުޅުންނެވެ. އަދި އެ ދެ ބޭފުޅުންގެ ހިންގެވުމުގެ ވައްޓަފާޅިއާ އެއްގޮތަށް އަޅުގަނޑު އާދަވީމެވެ،" އަލިމަނިކު ލިއުއްވާފައިވެ އެވެ. އޭނާ ހަރާކާތްތެރިވެވަޑައިގެންފައިވާ ތަރައްޤީގެ ބޮޑެތި މަޝްރުއުތަކާ ބެހޭ ގޮތުން ވެސް "އަޅުގަނޑުގެ ދުވަހު ފޮތު"ގައި ލިއުއްވާފައިވެ އެވެ. ހުޅުލޭ އެއާޕޯޓާއި، މާލޭ ބަނދަރު، އިސްލާމީ މަރުކަޒު އަދި ހުޅުމާލޭ ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އަލިމަނިކު އެކި ފެންވަރުގައި ކުރައްވާފައިވާ މަސައްކަތްތަކަށް މިފޮތުގައި ބައްލަވާ ލައްވާފައިވެ އެވެ. ހަތާވީސް ބާބުގެ މައްޗަށް އެކުލެވޭ މި ފޮތުގައި ވޯރާ ވިޔަފާރިވެރިންގެ މައްސަލަ އާއި ދެކުނުގެ ބަޣާވާތާއި، އިނގިރޭސީންގެ ފަރާތުން 1965 ގައި މިނިވަންކަން ލިބުމުގެ މައްޗަށް ވަރަށް ތަފްސީލުކޮށް ލިއުއްވާފައިވެ އެވެ. މީގެ އިތުރުން މުވާސަލާތާއި، އެއާޕޯޓް ހެދުމާއި، ޝިޕިން، ވައިގެ ދަތުރުފަތުރާއި މަސްވެރިކަމާއި ޓޫރިޒަމްގެ މައްޗަށް ވެސް އަލިމަނިކު ވަނީ އެކި ބާބުތަކުގައި އަލިއަޅުވާލައްވާފަ އެވެ. "އަޅުގަނޑުގެ ދުވަހުގެ ފޮތް" ނިންމާލައްވަމުން ފަހު ބަހެއްގެ ގޮތުގައި ވިދާޅުވެފައިވަނީ އިޖްތިމާޢީ ތަރައްޤީ އަކީ ރަނގަޅު ވިސްނުމެއް ނުވަތަ ނަޒަރިއްޔާއެއް ނެތިއްޖެ ނަމަ، ގެއްލިގެންދާނެ އެއްޗެއް ކަމަށެވެ. އަދި އިޤްތިޞާދީ ތަރައްޤީއާ އެއްވަރަށް އިޖްތިމާޢީ ތަރައްޤީ ކުރިއަށް ނުގެންދެވިއްޖެ ނަމަ، އިޤްތިޞާދީ ތަރައްޤީއެއް ނުހިފެހެއްޓޭނެ ކަމަށް ވެސް ލިއުއްވާފައިވެ އެވެ. މިއީ އަލިމަނިކުގެ ދިގު ޚިދުމަތާއި ވިޔަފާރީގެ ތަޖުރިބާގެ އަލީގައި ދިވެހިންނަށް ދެއްވި ވަރަށް މުހިންމު މެސެޖެކެވެ. ދިވެހިރާއްޖޭގެ ކުރިމަގާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އަލިމަނިކު ވިދާޅުވި ގޮތުގައި، ތަރައްޤީގެ ނަޒަރަކުން ބަލާއިރު، ކުރިމަގު އޮތީ ޓުއަރިޒަމްގެ ކާމިޔާބާ ގުޅިފަ އެވެ. "އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޓުއަރިޒަމް މިހާރަށް ވުރެ ފުޅާކުރަން އެބަ ޖެހެ އެވެ. އެއީ، "މުޅި ދިރިއުޅުމުގެ ޗުއްޓީ" ހޭދަކުރަން އެތައް ދުވަހެއް ވަންދެން ފައިސާ އެއްކުރާ ޔޫރަޕްގެ މުއްސަނދި މީހުންނަށް ތައްޔާރުކޮށްފައިވާ ބުޓީކް ވައްތަރުގެ ރިސޯޓްތަކަށް ވުރެ ފުޅާކޮށް، ޖަޕާނާއި ޗައިނާގެ މާރުކޭޓަށް ވެސް ޚިދުމަތް ދިނުމެވެ. ޓުއަރިޒަމް އަކީ އަބަދަށް ފައިސާ ލިބެން އޮންނާނެ ކަމެއް ނޫނެވެ. ދަށަށް ދާން ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މީހުންނަށް ކޮށް ސަރުކާރާ ނުޤަބޫލުވާން ފަށާނެ އެވެ. ނުބައިކޮށް ކަންކަން ދާން ފަށާއިރަށް، ސަރުކާރަކީ އަބަދުވެސް ބަދުނާމު ބޮލުގައިއަޅަން ޖެހޭ ފަރާތެވެ،" އަލިމަނިކު ލިއުއްވި އެވެ. ފޮތް ނިންމާ ލައްވަމުން އޭނާ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ 50 އަހަރުގެ ޚިދުމަތުގެ ރެކޯޑު ލިޔެފައިވާ މިފޮތުގައި، ކިތަންމެ ކަމެއް ނުލިޔެ ދޫކޮށްލާފައިވާނެ ކަމަށެވެ. "އަޅުގަނޑު މަސައްކަތް ކޮށްފައި މިވަނީ، ދިވެހިރާއްޖޭގެ ތަރައްޤީގެ މައިދާނުގައި އެދުވަސްތަކުގައި ކުރެވިފައިވާ މަސައްކަތްތައް ހިމެނުމަށެވެ. އަޅުގަނޑު މިހެން މިކަން ކުރީ އަޅުގަނޑަށް ފެންނަ ގޮތުގައި އެއްވެސް އެއްޗެއް ލިޔުމުން ފެންނަށް ނުބޭއްވުމަކީ އިންސާފުވެރި ނޫން ކަމެއް ކަމަށް ދެކޭތީ އެވެ. މިހެން މިކަން ނުކޮށްފި ނަމަ، ދިވެހީން އަބަދުވެސް ތިބޭނީ، އެމީހުންގެ މާޒީއާ މެދު އަނދިރިކަމެއްގެ ތެރޭގަ އެވެ. މިޒަމާނުގެ ދުވަސްވަރު ވެސް ވާހަކަ ފެތުރުމާއި ނެތިމޮށުން އެއީ ފަހުގައި ހިނގައިދިޔަ ތާރީޚްގެ ބަދަލުގައި އޮތް އެއްޗެހިކަމުގައި ވެއްޖެ އެވެ." "އަޅުގަނޑުގެ ދުވަހު ފޮތަ"ކީ ވޭތުވެދިޔަ 50 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ހިނގާފައިވާ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ބައެއް ކަންތައްތަކާ މެދު އަލިމަނިކު އެމަނިކުފާނުގެ ތަޖްރިބާ އާއި އަދި ލިބިވަޑައިގެންފައިވާ މަޢުލޫމަތުތައް ބޭނުންކުރައްވައިގެން ލިޔުއްވި ފޮތެކެވެ. ބައެއް ވާހަކަތަކާ މެދު ކިޔުންތެރިން ޚިޔާލުތަފާތުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިކަން ފާހަގަކުރައްވައި، އަލިމަނިކު ލިއުއްވާފައިވާ ގޮތުގައި "މިފޮތް ވިދާޅުވާ ބޭފުޅުން މި ފޮތުގައި ލިޔެފައިވާ އެއްޗެއް ރަނގަޅުކުރަން ވެފައިވާ ކަމަށް ދެކެވަޑައިގަންނަވާ ނަމަ، އަކަމަކާ ގުޅިގެން މައުލޫމާތު ހުރި ކޮމެންޓްސް ފޮނުއްވައިދެއްވުމަކީ އަޅުގަނޑު އުފަލުން ޝުކުރާ އެކު ޤަބޫލުކުރާނެ ކަމެކެވެ." މި ފޮތަކީ ރާއްޖޭގެ ތާރީޚުގައި ދުށް އެންމެ ބޮޑެތި ތަރައްގީތައް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައި ގޮތް ވަރަށް ރަނގަޅަށް ކިޔައިދީފައި އޮތް ފޮތެކެވެ. މިއީ މިހާރުގެ ޒުވާނުންނަށާއި ދުވަސްވީ މީހުންނަށް ވެސް މުހިންމު ފޮތެކެވެ. އަލިމަނިކު މި ފޮތް ލިއުއްވީ ވެސް އެ މަގުސަދުގަ އެވެ. ތާރީޚު ކިޔައިދެއްވާށެވެ. އެމަނިކުފާނުގެ ތަޖުރިބާ އިން ދިވެހި ތާރީޚަށް ސަފުހާއެއް އިތުރުކޮށްދެއްވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ