ކުރު ސްކާޓްލީ މޮރޮކޯގެ ދެ އަންހެން ކުދިން ކޯޓުން ސަލާމަތްވެއްޖެ

ރަބާތު (ޖުލައި 18) - ކުރު ސްކާޓް ލައިގެން ބާޒާރުމަތީގައި އުޅުނު މޮރޮކޯގެ ދެ އަންހެން ކުދިންގެ މައްސަލަަ ކޯޓުން ބަލަމުން ދިޔަ ނަމަވެސް ކުށްވެރި ނުވެ އެ ދެ ކުދިން ސަލާމަތްވެއްޖެ އެވެ. މި ދެ ކުދިންގެ މައްސަލަ ކޯޓުން ބަލަން ފެށީ އާއްމު އިޖްތިމާއީ މިންގަނޑާ ޚިލާފުވެފައިވާތީ އެވެ. އުމުރުން 23 އަހަރާއި 29 އަހަރުގެ ދެ އަންހެން ކުދިން ހައްޔަރު ކުރީ މިދިޔަ މަހު 16 ވަނަ ދުވަހު މާރުކޭޓަކުންނެވެ. އެ ތަނުގައި ތިބި ބައެއް މީހުން ވަނީ އަންހެން ކުދިން ކުރު އެއްޗެހި ލައިގެން އުޅުމުން ދިމާކޮށް ހަދައިފަ އެވެ. އެ ވަގުތު ފުލުހުން ގޮސް ދެ އަންހެން ކުދިން ބާޒާރުން ނެރެގެން ވަނީ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ. އަދި ވަނީ އާއްމު އިޖްތިމާއީ މިންގަނޑާ ދެ ކުދިން ޚިލާފުވި ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. މޮރޮކޯގެ ގާނޫނުލް އުގޫބާތުގެ 483 ވަނަ މާއްދާގައި ބުނާ ގޮތުން އާއްމު ތަންތަނުގައި އިޖްތިމާއީ މިންގަނޑުތަކާ ޚިލާފުވާ މީހުން އެއް މަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލެވިދާނެ އެވެ. ދެ އަންހެން ކުދިންގެ މައްސަލަ ކޯޓުން ބަލަން ފެށުމުން މޮރޮކޯގެ އެތެރޭން ވެސް ވަނީ ފާޑުކިޔުންތައް ކުރިމަތިވެފަ އެވެ. އަަދި މިއީ އަމިއްލަ މިނިވަން ކަމަށް ހުރަސް އެޅުން ކަމަށް ބުނެ ދެ ކުދިން ސަލާމަތް ކުރުމަށް ވަނީ އިންޓަނެޓުގައި ޕެޓިޝަނެއް ވެސް ހިންގައިފަ އެވެ. ދެ އަންހެން ކުދިންގެ ދިފާއުގައި ހިލޭ ވަކާލާތު ކޮށްދިނުމަށް އެތައް ވަކީލުންނެއް ހުށަހެޅި އެވެ. މޮރޮކޯގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އަންހެނެެއް ކަމަށްވާ ފައުޒިއާ އަސޫލީ ބުނީ ދެ ކުދިން ކުށްވެރި ނުވުމުގެ މާނައަކީ ސްކާޓްލުމަކީ ކުށެއް ނޫން ކަމަށެވެ. އަދި ގާނޫނުލް އަގޫބާތުގެ 483 ވަނަ މާއްދާ މުރާޖައާ ކުރަން ޖެހޭކަން ކޯޓުގެ ހުކުމުން އެނގޭ ކަމަށް އޭނާ ބުންޏެވެ. އަދި އަންހެނުންނަށް ކުރާ ގޯނާ އަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް ގާނޫނު ހަދާ މެންބަރުންނަށް އޭނާ ވަނީ ގޮވާލައިފަ އެވެ. ދެ އަންހެން ކުދިންގެ ވަކީލް ހައުސީން ބައްކާރު ސްބާއި ބުނީ ދެން އޮތީ މާރުކޭޓުގައި ދެ އަންހެން ކުދިންނަށް ދިމާކުރި މީހުންގެ މައްސަލަ ބެލުން ކަމަށެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ