އޭވައިއެލް ބަލިކޮށް ބީޖީ ފައިނަލާ ގާތަށް

އޭވައިއެލް އަތުން 3-2 އިން މޮޅުވެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލާ ގާތަށް ބީޖީ ސްޕޯޓްސް ޖެހިލައިފި އެވެ. މުބާރާތުގެ ފައިނަލުން ޖާގަ ހޯދަން ބީޖީ ދެން ވާދަކުރަން ޖެހޭނީ ތިން ވަނަ ސެމީ ފައިނަލުގައި ހޮނިހިރު ދުވަހުގެރޭ މާޒިޔާއާ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް މި މަހުގެ 23 ވަނަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ނިއު ރޭޑިއަންޓާ ވާދަކުރަން ފުރުސަތު ލިބޭނެ އެވެ. މިރޭގެ މެޗުގެ ފުރަތަމަ މިނެޓުގައި އަހުމަދު އަޖުވަދުގެ ލަނޑުގެ އޭވައިއެލް ލީޑު ނެގި އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން 27 ވަނަ މިނެޓުގައި މުހައްމަދު ޝައްފާޒް (ސައްޕެ) ގެ ލަނޑުން ބީޖީ އެއްވަރުކުރި އެވެ. ދެ ވަނަ ހާފު ފަށައިގެން 57 ވަނަ މިނެޓުގައި ބީޖީ އަށް ލީޑު ނަގައިދިނީ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. ފަރުހާދު އިސްމާއިލް ނެގި ހުރަސް އޮއްޕޮ ގޯލަށް ވައްދާލީ އޭވައިއެލްގެ ގޯލްކީޕަރު އަހުމަދު އާތިފްގެ އަތްދަށުންނެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން އޭވައިއެލްގެ އަބްދުﷲ މުއާޒް ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ބީޖީ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ވެސް ޝައްފާޒެވެ. މެޗުގެ 72 ވަނަ މިނެޓުގައި އޭނާ ގޯލަށް ބޯޅަ ވައްދާލީ، ފުރަތަމަ ފޮނުވާލި ބޯޅަ ކީޕަރު އާތިފް ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު އެވެ. މި މެޗާއެކު އޭވައިއެލް އަށް ވަނީ ސީޒަން ނިމިފަ އެވެ. އެ ޓީމު ވަނީ ދިރާގު ދިވެހި ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ