ހަތަރު ގޮނޑި ދިނުމުން ވެސް އަދާލަތު ހިތްހަމައެއް ނުޖެހުނު: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ތެރެއިން އަދާލަތު ޕާޓީއަށް ހަތަރު ޖާގަ ދިނުމުން ވެސް އަދާލަތު ހިތްހަމަނުޖެހުނު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ. ގާސިމް ވިދާޅުވީ ކޯލިޝަންގެ ޕާޓީތަކުން މަޖިލީހަށް ވާދަކުރުމަށް ޖުމްހޫރީ ޕާޓީ އަށް ލިބުނު 28 ގޮނޑީގެ ތެރެއިން އަދާލަތު ޕާޓީ އަށް ގޮނޑިތަކެއް ދިނުމަށް މަޝްވަރާކޮށް، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެދިވަޑައިގަތް ފަސް ދާއިރާގެ ތެރެއިން ތިން ދާއިރާއެއް އަދާލަތަށް ދިން ކަމަށެވެ. އަދި އިތުރަށް އެދުމުން އެހެން ދާއިރާއެއް ވެސް އަދާލަތު ޕާޓީ އަށް ދިން ކަމަށް ގާސިމް ވިދާޅުވި އެވެ. "ތިނެއް ހަމަކޮށްފައި ދެންނެވުމުން ވިދާޅުވީ ތި ތަންތަން ބޭނުމެއް ނޫނޭ. މިވެނި ދެ ތަނެއް ބޭނުމޭ. ... [ނަމަވެސް] އަޅުގަނޑަކަށް ނެތް އެ ބޭފުޅުންގެ އެ ޑިމާންޑް އޮތް ވަރަކަށް އެކަން ކޮށްދެވޭކަން. އެ ދެ ދާއިރާ ދެވޭކަށް ނެތް،" ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ޖޭޕީ އަށް ސޮއިކުރެއްވުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި ގާސިމް ވިދާޅުވި އެވެ. އަދާލަތު ޕާޓީ އަށް ހުށަހެޅި ދާއިރާތަކެއް ގާސިމް ވިދާޅެއްނުވެ އެވެ. ނަމަވެސް އެ ޕާޓީ އަށް ހުށަހެޅި ދާއިރާތަކުގެ ތެރޭގައި ވައިކަރަދޫ ދާއިރާ އާއި ކުމުންދޫ ދާއިރާ ހިމެނޭ ކަން "ހަވީރަ"ށް ވަނީ އެނގިފަ އެވެ. ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން ގާސިމަށް ތާއީދު ކުރެއްވި ނަމަވެސް، މިހާރު އެ ޕާޓީއާއެކު އެއްބަސްވުމެއް ނެތް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "އެ ބޭފުޅުން ޑިމާންޑްކުރީމަ ހަތަރު ދާއިރާ ދިނިން. މިވަރު ދެއްތޯ ކޮމިޓްމަންޓެއް ނެތް އިރު ކޮށްދެވޭނީ. އެކަން ގަބޫލުނުކުރީމާ އަޅުގަނޑު ކީއްތޯ ކުރާނީ،" ގާސިމް ވިދާޅުވި އެވެ. އަދާލަތު ޕާޓީ އަށް ދިން ފުރުސަތުގެ ބޭނުން ނުކުރުމުން އެ ޕާޓީ އަށް ގޮނޑިތައް ދިނުމާމެދު ދެން ގޮތެއް ނިންމާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ