ރައީސާއި ނައިބު ރައީސްގެ އުމުރު ބަދަލުކުރަން މައުމޫން ދެކޮޅު، ވިދާޅުވަނީ ޕާޓީގައި ބަސް ނުވިކޭ ކަމަށް!

ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ކުރީގެ ރައީސް އަދި ވެރިކަންކުރާ ޕީޕީީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދު ނުކުރައްވާކަން ހާމަވެއްޖެ އެވެ. އަދި އެ އިސްލާހަށް ޕީޕީއެމުން ތާއީދުކުރުމުން ފާޑުވިދާޅުވެއްޖެ އެވެ. އެކަން ހާމަވެފައި ވަނީ ހޯރަފުށީ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި އެ އިސްލާހު ބަލައިގަންނަން މަޖިލީހުން ނިންމި ދުވަހު، މައުމޫން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކަށް ފޮނުއްވި މެސެޖުތަކަކުންނެވެ. މި މަހުގެ ނުވަ ވަނަ ދުވަހު ވައިބާ މެދުވެރިކޮށް މައުމޫން ފޮނުއްވި އެ މެސެޖުތަކަކީ ސައްހަ މެސެޖުތަކެއްކަން، ޕީޕީއެމްގެ އިސް ބޭފުޅަކު މިރޭ "ހަވީރަ"ށް ކަށަވަރުކޮށް ދެއްވި އެވެ. ކުރީގެ ރައީސް މައުމޫނާއި ނިހާންއާ ދެމެދު ކުރި މެސެޖުތައް. ސޯޝަލް މީޑިއާގައި މިރޭ އާއްމުވި އެ މެސެޖުތަކުގެ ތެރެއިން ފުރަތަމަ މެސެޖް މައުމޫން ފޮނުއްވާފައި ވަނީ އެ ދުވަހު ހެނދުނު 8:10 ގަ އެވެ. އެ މެސެޖުގައި މައުމޫން ވިދާޅުވި ގޮތުގައި ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމާ ގުޅޭ އިސްލާހެއް ހުށަހެޅުމަކީ އެ މަނިކުފާނަށް "އެއްގޮތަކަށް ވެސް ފެންނަ ކަމެއް ނޫނެ"ވެ. ރައީސް ކަމަށް ކުރިމަތިލެވޭނެ އެންމެ މަތީ އުމުރެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ކަނޑައަޅާފައި ނުވާކަން އެ މަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ. "އެ ކަމުން ރައީސް ޔާމީން ބަދުނާމުވުން ނޫން ކަމެއް ނުވާނެ،" ނިހާން ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ ފޮނުއްވި އެ މެސެޖުގައިވެ އެވެ. ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އެ އިސްލާހުގައި ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 30 އަހަރާއި 65 އަހަރާ ދެމެދެވެ. އެހެންވެ، އެ އިސްލާހު މަޖިލީހުން ފާސްކޮށް، ގާނޫނުއަސާސީގެ ބަޔަކަށް ވެއްޖެ ނަމަ، ދެން ބާއްވާ ރިޔާސީ އިންްތިހާބެއްގައި މައުމޫނަށް ކުރިމައްޗެއް ނުލެއްވޭނެ އެވެ. އަދި ސިޔާސީ މައިދާނުގައި މިހާރު ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް އެ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ. އެކަމަކު، ގާސިމް ވަނީ 2018 ގައި ބާއްވާ އެ އިންތިހާބުގައި ކުރިމަތި ނުލައްވަން ނިންމަވާފަ އެވެ. މައުމޫންގެ މެސެޖުގެ ޖަވާބުގައި ނިހާން ވިދާޅުވެފައި ވަނީ އެ އިސްލާހާ ގުޅޭ ގޮތުން އެ ދުވަހު މެންދުރުފަހު 12:30 ގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވަވާނެ ކަމަށާއި ނިންމާ ގޮތެއް މައުމޫނަށް އަންގަވާނެ ކަމަށެވެ. އެއީ އެ އިސްލާހު މަޖިލީހުން ބަލައިގަތުމާ މެދު މަޖިލީހުގައި އެ ދުވަހު މެންދުރުފަހު 1:30 ގައި ނެގި ވޯޓުގެ ކުރިން ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ނިންމާފައި ވަނީ އެ އިސްލާހަށް ތާއީދުކުރުމަށެވެ. އަދި މަޖިލީހުގައި ނެގި ވޯޓުގައި ވެސް މެމްބަރުންގެ އަގުލަބިއްޔަތުން ނިންމާފައި ވަނީ އެ އިސްލާހު ބަލައިގަނެ، މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުވުމަށެވެ. މަޖިލީހުގައި ނެގި ވޯޓަށް ފަހު 1:40 ގައި، އެ ވޯޓުގެ ނަތީޖާ ނިހާން ވަނީ އެހެން މެސެޖަކުން މައުމޫނަށް ފޮނުއްވާފަ އެވެ. އެ މެސެޖުގެ ރައްދުގައި، މައުމޫން ވިދާޅުވެފައި ވަނީ، ލީކުވެފައިވާ މެޖެސުތަކުގައިވާ ގޮތުން، އެ އިސްލާހު ބަލައިގަންނަން ނިންމުމާާ މެދު އެ މަނިކުފާނު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. "ޕީޕީއެމްގެ ރައީސަކަށް ބަސް ނުވިކޭ މީހަކު ހުރުމުގެ މާނައެއް ނެތް،" ނިހާން މެސެޖު ކުރެއްވިތާ ހަތަރު މިނިޓް ފަހުން މައުމޫން ފޮނުއްވި ޖަވާބުގައިވެ އެވެ. ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީނާއި މައުމޫންގެ އިތުރުން ޕާޓީގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގަންނަވަނީ: މައުމޫން ވިދާޅުވަނީ ޕާޓީގައި އެ މަނިކުފާނުގެ ބަސްފުޅު ނުވިކޭ ކަމަށް.-- ހަވީރު ފައިލް ފޮޓޯ ރައީސާއި ނައިބު ރަައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުމަށް މައުމޫން ތާއީދު ނުކުރައްވާކަން ހާމަވެފައި ވިޔަސް، ޕީޕީއެމްގެ ގިނަ އިސް ބޭފުޅުންނާއި ގިނަ މެމްބަރުންގެ އިތުރުން ޖޭޕީގެ ލީޑަރު ގާސިމް ވެސް އެ އިސްލާހަށް ތާއީދުކުރައްވަ އެވެ. އެ އިސްލާހު ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިދިޔަ ބުދަ ދުވަހުގެ ރޭ އެ އިސްލާހު ފާސްކޮށްފައި ވަނީ ވެސް ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ނ) އަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް މުހައްމަދު ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ފެންވަރުގެ ގާބިލް، އުފެއްދުންތެރި ޒުވާނުން ތިބިއިރު، އެފަދަ ޒުވާނުންނަށް އެކަމަށް ހިތްވަރު ދިނުމަށް ކަމަށެވެ. އަދި ޕެންޝަނާ ބެހޭ ގާނޫނުގައި އަސާސީ ޕެންޝަން ލިބެންޖެހޭ އުމުރަކީ 65 އަހަރު ކަމުގައި ކަނޑައަޅާފައި އޮތުމާއި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަކީ ބުރަ އަދި އެހާމެ ޒިންމާދާރު ވަޒީފާއެއް ކަމަށް ވާތީ، އެ އިސްލާހު ހުށަހެޅުއްވީ ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެންނަނީ ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ އަހުމަދު އަދީބަށް ނައިބު ރައީސްކަން ދޭން ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. އަދީބުގެ މިހާރުގެ އުމުރަކީ 34 އެވެ. ރާއްޖެ އާއި ގަތަރު މިދިޔަ ހަފުތާގައި ކުޅުނު މެޗު ޝަރަފްވެރި ކޮށްދެއްވި މިނިސްޓަރު އަދީބު އަދި މެޗު ބައްލަވަން ވަޑައިގެންނެވި ނައިބު ރައީސް ޖަމީލް، މެޗަށް ފަހު ކުޅުންތެރިންނަށް އަތުން އިޝާރާތްކޮށްލައްވަނީ: ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެންނަނީ އަދީބަށް ނައިބު ރައީސްކަން ދޭން ކަމަށް ވަނީ އަޑު ފެތުރިފައި.-- ހަވީރު ފޮޓޯ: ނިޝާން އަލީ މަޖިލީހުގެ ކޮމިޓީން އެ އިސްލާހު ފާސްކޮށްފައިވީ ނަމަވެސް، އެއާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ. ބެލެވޭ ގޮތުގައި މި ފެށޭ ހަފުތާގައި އެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރާނެ އެވެ. އެއީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ކަމަށް ވުމުން، އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކުރަން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ބޭނުންވާނެ އެވެ. އެއީ މަޖިލީހުގައި މިހާރު ތިއްބެވި 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންނެވެ. ޕީޕީއެމް/އެމްޑީއޭގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 48 އެވެ. ޖުމްހޫރީ ޕާޓީގެ 11 މެމްބަރުންނާއި ޕީޕީއެމް/އެމްޑީއޭގެ މެމްބަރުންގެ އަދަދު އެއްކޮށްލުމުން ހަމަވަނީ 59 މެމްބަރުންނެވެ. އެހެންވެ އިސްލާހު ފާސްކުރަން އިތުރަށް އަދި ފަސް ވޯޓު ބޭނުންވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ