ސިވިލް ކޯޓުން އިސްނަގައިގެން ތަންފީޒުކުރާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ސުޕްރީމް ކޯޓުގެ ސާކިއުލާއަކުން ސިވިލް ކޯޓުގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގައި ކަނޑައަޅާފައިވާ ގޮތަށް، ކޯޓުން އިސްނަގައިގެން ތަންފީޒުކުރާ މައްސަލަތަކާ ބެހޭ ގޮތުން މައުލޫމާތު ބަދަލުކުރުމުގެ ބައްދަލުވުމެއް މިއަދު ސިވިލް ކޯޓުން ބާއްވައިފި އެވެ. ސުޕްރީމް ކޯޓުގެ ސާކިއުލާގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކޯޓުގެ ނިންމުންތަކަކީ ހުށަހެޅުމަކާ ނުލައި ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން ތަންފީޒު ކުރަންޖެހޭ މައްސަލަތަކެވެ. ސިވިލް ކޯޓުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ މާލީ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާއި ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުން ބައިވެރިވެ މައުލޫމާތު ބަދަލުކޮށްފައިވެ އެވެ. ސިވިލް ކޯޓުން ބުނީ އެ ކޯޓު ނޫން ތަންތަނަށް ފައިސާ ދައްކަން ހުކުމް ކުރުމުން، މުއްދަތު ހަމަވާއިރު ފައިސާ ދެއްކިކަން ނުވަތަ ނޫންކަން ކޯޓަށް އަންގާނެ ގޮތަކާ ބެހޭ ގޮތުން މިއަދު މަޝްވަރާކުރި ކަމަށެވެ. ސިވިލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުﷲ އަލީ އާއި ސިވިލް ކޯޓުގެ ގާޒީންނާއި ކޯޓުގެ ރަޖިސްޓްރާ ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމުގައި، ކޯޓު އިސްނެގުމަށް ތަންފީޒު ކުރަންޖެހޭ މައްސަލަތަކާ ބެހޭ އުސޫލެއް ވަރަށް އަވަހަށް އެކަށައަޅާނެކަން ކޯޓުން ފާހަގަކޮށްފައިވެ އެވެ. ސިވިލް ކޯޓުން ނިންމާ ފައިސާ ހިމެނޭ މައްސަލަތަކުގައި ފައިސާ ދެއްކުމަށް ކަނޑައަޅަނީ ސިވިލް ކޯޓަށް ނުވަތަ މާލީ އިދާރާއެއް ނަމަ އެ ފަރާތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ