ޖުޑިޝަރީ އަށް ގެނައި ބަދަލާއެކު ރާއްޖެ އަށް ނަފްރަތާއި ފޫހިކަމުގެ ބަސްތައް ދަނީ ރައްދު ވަމުން: ގާސިމް

ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއުތަސިމް އަދުނާން ވަކިރުމާ ގުޅިގެން ބޭރުގެ ގައުމުތަކުން ރާއްޖެ އަށް ފޫހިކަމާއި ނަފުރަތުގެ ބަސްތައް ރައްދު ކުރަމުންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ބައެއް އެހެން މީހުން ޖުމްހޫރީ ޕާޓީ އަށް ސޮއިކުރުމަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިޔާތުގައި ގާސިމް ވިދާޅުވީ ރާއްޖެ އަށް ބޭރުގެ ގަމުތަކުން ލިބެންޖެހޭ ތައުރީފާއި ހެޔޮ ބަސްތަކުގެ ބަދަލުގައި ހިތްހަމަ ނުޖެހުމުގެ ބަަސްތައް ލިބޭތީ ހިތާމަ ކުރައްވާ ކަމަށެވެ. "މިއިން އަންގައި ދެނީ ބޭރުގެ އިންވެސްޓަރުން ރާއްޖެ އައުމާއި ރާއްޖޭގެ އިންޓާނަލް ކަންކަމާ މެދު އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަން. މިއީ އޭގެ ރެޑް ލައިޓް. ނުބައި ސިގްނަލެއް މި ދައްކަނީ. މި ދަންނަވަނީ އެމެރިކާ އާއި ކޮމަންވެލްތުން ނެރެފައިވާ ސްޓޭޓްމަންޓަަށް ބަލާލާއިރު ވެސް ރާއްޖެއާ މެދު ކޮށްފައި ހުރި ކޮމެންޓްތަކުގެ ވާހަކަ،" ދެ ފަނޑިޔާރުން ވަކިކުރި މައްސަލާގައި ކޮމަންވެލްތާއި އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ. ދެ ފަނޑިޔާރުން ވަކިކުރުމަށް ނެގި ވޯޓުގައި ޖުމްހޫރީ ޕާޓީން ފްރީ ލައިން ވިޕެއް ނެރުނީ ޕީޕީއެމާ އެކު ވަކި ގޮތަކަށް އެއްބަސްވެފައިކަމަށް އެ ޕާޓީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެފައި ވަނީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ގާސިމް މިއަދު ވެސް ވިދާޅުވި އެވެ. ގާސިމް ވިދާޅުވި ގޮތުގައި ޖޭޕީގެ ހަރަކާތްތައް މިހާރަށް ވުރެ ވަރުގަދަ ކުރުމަށްޓަކައި އާ އަހަރާ އެކު އިތުރު މަސައްކަތްތަކެއް ކުރަން ފަށާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ