ރައީސް މައުމޫނު ނޫން އެހެން މީހަކަށް ޕީޕީއެމުން ކުރިމައްޗެއް ނުލެވޭނެ: ޒަކީ

އަންނަ އަހަރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމުގެ ފަރާތުން ވާދަ ކުރައްވާނީ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމު ހުސައިން ޒަކީ ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް ދެއްވި ބަސްދީގަތުމެއްގައި ޒަކީ ވިދާޅުވީ ރައީސް މައުނޫމު އަބަދުވެސް ވެރިކަން ކުރައްވަމުން ގެންދެވީ އެމަނިކުފާނުގެ އައިލާއާއި(ކާމިނީގޭ) އަނބިކަނބަލުން ނަސްރީނާ އިބްރާހީމުގެ އާއިލާ(އެންދެރިމާގޭ) ހަމަހަމަ ކުރައްވައިގެން ކަމަށެވެ. އަދި އެގޮތަށް ވެރިކަން ކުރެއްވޭނީ ސީދާ ރައީސް މައުމޫނު ހުންނަވައިގެން ކަމަށާއި އެހެން ނޫން ނަމަ އެވެރިކަމެއް ދެމި ނޯންނާނެ ކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ޒަކީ ވިދާޅުވިއެވެ.
"ޑިއާރުޕީގައި ވެސް ޖހެުނު މައްސަލައަކީ އެއީ ދެއްތޯ؟ އެހެންވެ ނުކުމެ ވަޑައިގެންނެވީ އާއިލީ ވެރިކަން ދެމެހެއްޓޭނެ ގޮތެއް ހޯއްދެވުމަށް. އެހެންވެ ޕީޕީއެމު އުފެއްދެވީ" ޒަކީ ވިދާޅުވިއެވެ. ޒަކީ ވިދާޅުވީ ޕީޕީއެމުގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން މިހާރު އިއުލާނުކޮށްފައިވާ ދެބޭފުޅުންނަކީ ވެސް ދެއާއިލާއަށް ނިސްބަތްވާ ދެބޭފުޅުން ކަމަށެވެ.
" ޔާމީނަކީ ކާމިނީގޭ ބޭފުޅެއް. އުމަރު ނަސީރަކީ އޭނައެއް ނޫން، އެއީ އެންދެރިމާގޭ މަންދޫބެއް. އުމަރު ރިޕްލޭސް ކުރައްވާނެ އިލްޔާސް އިބްރާހީމު. އެހެންވީމާ މައުމޫނު ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ" ޒަކީ ވިދާޅުވިއެވެ.
ޒަކީ ވިދާޅުވީ 2013ގައި މައުމޫނު ނުކުމެ ވަޑައިގަތުމަކީ އެމްޑީޕީއަށް ލިބޭނެ އިތުރު ޕޮއިންޓެއް ކަމަށާއި މާބޮޑު ހުރަހަކާއި ނުލައި އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.
"މައުމޫނު ވާދަ ކުރެއްވުމާއި އެމްޑީޕީން ހާސް ވާނެ ކަމެއް ނޫން. އެއީ އެމްޑީޕީއަށް ލިބޭ ކުރިއެރުމެއް. އަޅުގަނޑު ދަންނަވާލަން އޮތީ އަވަހަށް ފާޅުގައި ނުކުމެ ވަޑައިގަންނަވާށޭ. އޭރުން އަދި އެމްޑީޕީއަށް މާފަސޭހަވާނޭ. އަޅުގަނޑުމެން އައީ އާއިލީ ވެރިކަމާއި އަނިޔާވެރިކަން ނައްތާލަން އެކަން އެމްޑީޕީން ކުރާނެ" ޒަކީ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ޕީޕީއެމުގެ ފަރާތުން ވާދަ ކުރާނީ ރައީސް މައުމޫނު ކަމަށް ޒަކީ ވިދާޅުވާ އިރު ރައީސް މައުމޫނު ވިދާޅުވެފައިވަނީ އެފަދަ ނިންމެވުމެއް އަދި ނުނިންމަވާ ކަމަށެވެ. ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ ވެސް ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރިމަތިލައްވާނެ ކަމަށް ހީނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ