ރައްޔިތުންގެ ދެކޮޅު ހެދުންތަކާ އެކު، އިޒްރޭލު ޓީމުގެ ފިއްލަދޫ ދަތުރު ކެންސަލްކޮށްފި
ދަނޑުވެރިކަމުގެ ދާއިރާ އަށް އިންވެސްޓްކުރަން ޝައުގުވެރިވާ އިޒްރޭލުގެ ޓެޝޫވާ އެގްރިކަލްޗަރަލް ޕްރޮޖެކްޓްސް ލިމިޓެޑްގެ ޓީމު ހއ. ފިއްލަދު އަށް އެރިޔަނުދޭން ރައްޔިތުންގެ ބަޔަކު ނުރުހުންފާޅުކުރަމުން ދަނިކޮށް، އެ ދަތުރު މިއަދު ކެންސަލްކޮށްފި އެވެ. މަތި އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ދަތުރުގެ ޝެޑިއުލް ވެސް ފޮނުވުމަށް ފަހު، ދަތުރު ކެންސަލްކޮށްފައިވާ ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން އަންގާފައި ވަނީ އިއްޔެ ކަމަށެވެ. ނަމަވެސް ދަތުރު ކެންސަލް ކުރި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ދަތުރުގެ ޝެޑިއުލް ފޮނުވާފައިވާތީ، ފަހުން ހަބަރެއް ނުވެގެން އަޅުގަނޑުމެން މިނިސްޓްރީ އަށް ގުޅީމަ ބުނީ ކެންސަލްވެއްޖެއޭ،" ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވި އެވެ. ފިއްލަދު އަށް މިއަދު އިޒްރޭލުގެ ދަނޑުވެރިންގެ ޓީމެއް ދާގޮތަށް ހަމަޖައްސާފައިވާކަން ގައުމީ އިދާރާ އިން އަންގާފައިވާތީ، އެކަމާ ދެކޮޅަށް މުޒާހަރާކުރުމަށް ރައްޔިތުންގެ ބަޔަކު ހެނދުނުއްސުރެ ތިބީ ފާލަން ދޮށަށް ނުކުމެ ތައްޔާރުވެގެންނެވެ. "ބޯޑުތަކާއި ފިލާތަކާ އެއްޗެހި ހިފައިގެން ހެނދުނުއްސުރެ ފާރައަށް މިތަނުގައި [ބަނދަރު މަތީގައި] މިތިބެނީ. އެކަމަކު އެ ކަމަކު އެ ޓީމު އަންނަ ކަމެއް ނާންނަ ކަމެއް ވެސް ނޭނގެ. ކައުންސިލުން ވެސް ބުނަނީ އެކަމާ ގުޅޭގޮތުން ފަހުން އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް،" އެ ރަށުން ވާހަކަ ދެއްކި މުހައްމަދު ހާމިދު ބުންޏެވެ. ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޝާފިއާ މިއަދު ވިދާޅުވީ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ދަނޑުވެރިކަމަށް އިންވެސްޓްކުރުމަށް އިޒްރޭލުގެ ޓީމަކުން އެދުނު ކަމަށެވެ. ނަމަވެސް އެ ޓީމު ރާއްޖެ އަށް އަންނަ ގޮތަށް ހަމަޖެހިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޓީމު ރާއްޖެ އަންނަ ގޮތަށް ހަމަނުޖެހެނީސް ދަތުރު ޝެޑިއުލް ގައުމީ އިދާރާ އަށް މިނިސްޓްރީން ފޮނުވީ ކީއްވެގެންތޯ ދެންނެވެމުން ޝާފިއާ ވިދާޅުވީ "އެއީ އަޅުގަނޑުމެންގެ ރޫޓިން މަސައްކަތުގެ ތެރެއިން ކުރި ކަމެއް" ކަމަށެވެ. "އެހެން ގައުމަކުން އެދުނަސް ހަމައެގޮތަށް އެކަން އޮންނަނީ. ރާއްޖޭގައި ދަނޑުވެރިކަމަށް އިންވެސްޓްކުރަން ހުރި ފުރުސަތުތައް ބަލާލުމަށް ޖަޕާނާ އެކި ތަންތަނުން ރިކުއެސްޓް އާދޭ،" ޝާފިއާ ވިދާޅުވި އެވެ. އެހެން ނަމަވެސް ހއ. އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް ސިރާޖު ސޮއިކުރައްވައި ފިއްލަދޫ އޮފީހަށް ފޮނުވި ލިޔުމުގައި އެގްރިކަލްޗާ މިނިސްޓްރީއާ ހަވާލާދީ ބުނެފައި ވަނީ އެ ރަށަށް ދާން ހަމަޖެހިފައި ވަނީ ދަނޑުވެރިކަމުގެ ދާއިރާ އަށް އިންވެސްޓްކުރުމަށް ޝައުގުވެރިވާ އިޒްރޭލުގެ ކުންފުންޏެއް ކަމުގައިވާ ޓެޝޫވާ އެގްރިކަލްޗަރަލް ޕްރޮޖެކްޓްސް ލިމިޓެޑްގެ ބައެކެވެ. "މި ބޭފުޅުން ރާއްޖޭގެ ދަނޑުވެރިކަމުގެ އިންވެސްޓްމަންޓް މާހައުލު ދެނެގަތުމަށް ބޭނުންވާ ކަމަށާއި މީގެ ތެރޭގައި ރާއްޖެ އަށް އިންވެސްޓްކުރެވޭނެ ގޮތާއި އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާއި އެކަމަށް ޝައުގުވެރިވާ މީހުންގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ބޭނުންވާ ކަމަށް އެ އިދާރާ އިން ވިދާޅުވޭ،" ލިއުމުގައި ވެ އެވެ. އެ ލިޔުމުގައި މަތި އުތުރު ގައުމީ އިދާރާއާ ހަވާލާދީ ބުނެފައި ވަނީ އިޒްރޭލުގެ ޓީމުން ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް ބޭނުންކުރެވިދާނެ ބިން ބޮޑެތި ރަށްތައް ބަލާލުމަށް ވެސް ބޭނުންވާ ކަމަށެވެ. އެގޮތުން ފިއްލަދު އާއި އެ އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ މާފައްސަށް އެ ޓީމުން ޒިޔާރަތްކުރާނެ ކަމަށް ވެސް ހއ. އަތޮޅު ކައުންސިލުން ބުންޏެވެ. އަދި އިޒްރޭލުގެ ޓީމާ ގުޅިގެން އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޝްވަރާކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި އެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ފިއްލަދޫ ކައުންސިލްގައި ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ