ވެރިކަން ބަދަލުވުމުގެ އަގު ރާއްޖޭގެ ހުރިހާ ރައްޔިތުން ދައްކަންޖެހިފައިވާ ކަމަށާއި ރާއްޖ ވެއްޓެމުންދަނީ ނުރައްކާތެރި އަނދަވަޅަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އުތުރުގެ ދަތުރުގެ މިޝްރާބު ބަދަލުކޮށް ރޭ އުނގޫފާރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ރާއްޖޭގެ ހާލަތު ބަލާއިރު އާމްދަނީއަށްވުރެ ދައުލަތުގެ ހަރަދުތައް ބޮޑުވެފައި ވަނީ ފިތްކަނޑައިގެންދާ މިންވަރަށް ކަމަށެވެ.
އެމްޑީޕީން ސަރުކާރާ ހަވާލުވިއިރު އެ އަދަދު ހުރީ ރާއްޖޭގެ އުފެއްދުންތެރި ކަމުގެ ނިސްބަތުން 22 ޕަސެންޓްގައި ކަމަށާއި 2011 ނިމުނު އިރު އުފެއްދުންތެރި ކަމުގެ ނިސްބަތުން ހަތް ޕަސެންޓަށް ދައުލަތުގެ ހަރަދުތައް ކުޑަ ކުރެވުނު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މި އަހަރުގެ ބަޣާވާތުގެ ހަރަދަކަށް ވެގެންދިޔައީ މިދެންނެވި އަދަދު އަނެއްކާވެސް އަތް ނުފޯރާ ހިސާބަށް އަރައިގެން ދިއުން އަޅުގަނޑުމެންގެ މާލިއްޔަތާއި އިގުތިސޯދު ފަނާވެ މިދަނީ. އަޅުގަނޑުމެންގެ ވާޖިބެއް އެއީ މިރާއްޖެ އަލުން ހަމަ މަގަށް ގެނައުން... އަޅުގަޑުމެން ހުއްޓާލާނީ މިރާއްޖެ ބަދަލުކޮށްފައި،"
ރައީސް ނަޝީދު ވިދާޅުވީ "ބަޣާވާތު" ގެ ހަރަދަކީ ކޮބައިތޯ ބައެއް މީހުން އެމަނިކުފަނާ ސުވާލު ކުރާ ކަމަށެވެ.
"މި އުނގޫފާރަކީ ޒަމާނުއްސުރެ މި އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރިރަށެއް. ރައީސް މައުމޫންގެ ޒަމާނުގައި ވެސް ބަނދަރު ހަދަމުން އައި އިރުގައި ނިންމިފައި އޮންނަނީ އަތޮޅުވެރިކަން ކުރާ ރަށެއްގައި ވިއްޔާ 1200 ފޫޓުގެ ބަނދަރެއް ހަދަން. ބަޣާވަތުގެ ގެ ހަރަދެއްގެ ގޮތުގައި މހާރު މިވަނީ އެ 1200 ފޫޓުން 500 ފޫޓު ކަނޑާލެވި މިރަށުގެ ބަނދަރު 700 ފޫޓަށް ބަދަލުވުން، ބަޣާވަތުގެ އަގަކީ މިރަށުގެ ބަނދަރުގެ 500 ފޫޓް!" ނަޝީދު ވިދާޅުވި އެވެ.
އަދި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަނީ ބަޣާވާތުގެ އަގު ދައްކަންޖެހިފައި ކަމަށާއި ބޭސް ސިޓީގެ ފައިސާ ރައްޔިތުން ދައްކަން ނުޖެހޭ ގޮތަށް އޮއްވާ މިހާރު ވަނީ ބޭސް ސިޓީގެ 40 ޕަސެންޓަކީ ނިކމަތިމިހާ ދައްކާން ޖެހިފައިވާ ފައިސާ ކަމަށެވެ.
"ބަޣާވަތުގެ އަގަކީ ބޭސް ކޮޅުގެ 40 ޕަސެންޓް، ބަޣާވަތުގެ އަގަކީ މިރަށުގެ ބަނދަރުގެ 500 ފޫޓް ބާޣާވަތުގެ އަގަކީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ދެމުން ދިޔަ އެތައް ހިދުމަތެއް ހުއްޓާލަން ޖެހި ރާއްޖޭގެ މާލިއްޔަތު ބަނގުރޫޓްވެ އިގތިސޯދު ކުރިއަރަމުން އައި މިންވަރު 11 ޕަސެންޓްގައި ހުރެ މިއަދު މިވަނީ ތިން ޕަސެންޓަށް ވެއްޓިފައި ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު ކުރިއަރަމުން އައީ 11 ޕަސެންޓްގައި. މިއަހަރު ނިމޭރު ކުރިއަރުން އެއްގޮތަކަށް ވެސް ނެތީ. ބަޣާވަތުގެ އަގަކީ އަޅުގަނޑުމެނަށް ތާހިރު ދިރިއުޅުމެއް ނުލިބުން،" ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ތަކުރާރުކޮށް ގޮވައިލެއްވި ކުރީގެ ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ބަދަލު ކުރި މީހުން ދައުލަތުގެ ފައިސާ ބޭނުންކޮށް ނިންމާފައިވާ ކަމަށެވެ. އެފައިސާ ހަރަދުވެ ނިމިގެން ހިނގައްޖެ ކަމަށެވެ.
"އެބޭފުޅުން ކަރުނަ ގޭހަށް އެ ފައިސާ ހުސްކޮށްފި އެ ބޭފުޅުން ފުލުހުންނާ ސިފައިންގެ މުސާރަ މަތި ކުރަން އެ ފައިސާ ހަރަދުކޮށްފި. އިތުރު ސިފައިންނާ ފުލުހުން ވައްދަން އެ ފައިސާ ހަރަދުކޮށްފި. އެ ފައިސާ ވަނީ އަޅުގަނޑުމެން އަތުން ގެއްލި ގޮސްފައި ބަޣާވަތުގެ ހަރަދު ހަގީގަތުގައި ކުރަން ޖެހިފައ މިވަނީ އަޅުގަނޑުމެން ނިކަމެތި ރައްޔިތުންނަށް،" ކުރީގެ ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅާ ދިމާއަށް ރާއްޖޭގެ ރައްޔިތުން ހޭ އަރަންވެއްޖެ މި އިންހާބު ނިމިފެންދާއިރު ރާއްޖޭގެ ތިންލައްކަ މީހުންގެ ގައިގައި އަޅުގަނޑު އަތްލާނަން . ކޮންމެ ގެއަކަށް އަޅުގަނޑު ވަންނާން މިރާއްޖޭގެ ކޮންމެ ރައްޔިތަކާ އަޅުގަނޑު މަޝްވަރާކޮށް ވާހަކަ ދައްކާނަން... ވަހީދަކަސް ޖަމީލަކަސް... ހަސަން ސައީދަކަސް ކުރީގެ ރައީސް މައުމޫނަކަސް އަޅުގަނޑެއް ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެން ވަރުބައްޔެއް ވެސް ނުނުވާނެ. ތަކުރާރުކޮށް ދަންނަވަން ހިތްވަރެއް ބައްޔެއް ނުވާނެ"
ވެރިކަން ބަދަލުވުމުގެ ހަރަދު ދޭންޖެހުނީ ރައްޔިތުން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ