އުނގޫފާރު ދާއިރާގެ ވޯޓްލުން ކުރިޔަށް ދަނީ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓްލުން އެ ދާއިރޭގެ އުނގޫފަރާއި މާކުރަތާއި ހުޅުދުއްފާރުގައި ފަށައިފި އެވެ.
މިއަދު ހެނދުނު 8:00 ޖެހުމާއެކު ވޯޓްލުން ކުރިއަށްދާއިރު، އަދި މި ދާއިރާގެ އެއްވެސް ރަށެއްގައި ވޯޓާއި ގުޅިގެން އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ސެކެޓްރީ ޖެނަރަލް އާސިމް އަބްދުއް ސައްތާރު ވިދާޅުވީ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނުގެ ކަންކަން އަދި މިހާތަނަށް ކުރިއަށްދަނީ ވަރަށް ރަނގަޅަށް އެއްވެސް މައްސަލައެއް ނުޖެހި ކަމަށެވެ.
"ވޯޓްލާން ފެށި ފަހުން އަދި އެއްވެސް ޝަކުވާއެއް ނާދެ. އެހެންނަމަވެސް އިއްޔެ މަނާ ގަޑީގައި ކެމްޕޭން ކުރިކަމުގެ ޝަކުވާ މިއިންތިހާބުގައި ކެންޑިޑޭޓުން ވާދަކުރާ ދެ ޕާޓީން ވެސް ލިބިފައި އެބަހުރި. އާންމުކޮށް ޖެހޭ ވޯޓިން ރަޖިސްޓްރީގެ މައްސަލަ މިފަހަރު ކުރިމަތިވެފައެއް ނެތް" އާސިމް ވިދާޅުވި އެވެ.
އުނގޫފާރާއި، ހުޅުދުއްފާރާއި އަދި މާކުރަތުގައި ވޯޓުލުން ކުރިއަށްދާއިރު، މިރަށްރަށުގެ ރައްޔިތުން ވޯޓްލުމަށް މާލޭގައި ތާޖުއްދީން ސުކޫލުގައި ވެސް ވަނީ ވޯޓް ފޮއްޓެއް ބަހައްޓާފަ އެވެ.
މިތިން ރަށުގައި ވޯޓްލުން ކުރިއަށްދާއިރު އަދި އެއްވެސް ރަށެއްގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށް އިލެކްޝަނުން ރަށްރަށަށް ކަނޑައަޅުއްވާފައި ތިއްބަވާ އޮފިޝަލުން ވެސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ