ތަރައްޤީ ގެނައުމުގައި ރައީސް ޔާމީންގެ ހިތްވަރާ ޖޯޝު ރައްޔިތުންނަށް ފެނިއްޖެކަމަށާއި، އިދިކޮޅު ފަރާތްތަކުން ދައްކާ ބިރަށް، ދެން ރައްޔިތުން ކުޑަކޮށްވެސް ޖެހިލުން ނުވާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ "ރާސްޓަސް ޖަގަހަ" ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ސަޢީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރަކާތްތަކަށް އެއްވާ ރައްޔިތުންގެ އަދަދުން މަދުވަމުންދަނީ، ޤައުމު ތަރައްޤީ ކުރުމުގައި ރައީސް ޔާމީންގެ ހިތްވަރާ ޖޯޝާ ފެނި، އެކަމުން ހިތްވަރު ލިބިގަނެގެންކަމަށެވެ. އަދި ސަރުކާރުން ނުވަތަ ޕީޕީއެމްއިން ކޮންމެ ހަރަކާތަކަށް ގޮވާލިނަމަވެސް ރައްޔިތުންގެ ތާޢީދު އޮތް މިންވަރު ފެނިގެންދާކަމަށް ސަޢީދު ވިދާޅުވިއެވެ.
މީގެ ކުރިން ނުވާނެކަމަށް ބުނި އެތައްކަމެއް ރައީސް ޔާމީން ކޮށްދެއްވަމުން ގެންދަވާކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ގެންނަ އިންޤިލާބީ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
"މީގެ އެތައް އަހަރެއް ކުރިން 1965 ވަނަ އަހަރު ބަޔަކު ވިދާޅުވި ރާއްޖޭގައި ޓޫރިޒަމް އިންޑަސްޓްރީ ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ނުވެސް ގެންދެވޭނެ ވާހަކަ. އެހެންނަމަވެސް ރައީސް ނާޞިރުގެ ދައުރުގައި 1972 ވަނަ އަހަރު ޕްރައިވެޓް ވިޔަފާރިވެރިން ރާއްޖޭގައި މިމަސައްކަތް ފެށި. މިއަދު މިފެންނަނީ މުޅިން އެހެން މަންޒަރެއް. ޕްރައިވެޓް ފަރާތްތައް އެމްޕަވަރ ކުރުމާއިއެކު ސަރުކާރުން މިގެންދަނީ ތަރައްޤީ ލީޑް ކުރަމުން. ރައީސް ޔާމީނަކީ ވިޜަނަރީ ލީޑަރެކޭ ދަންނަވާ ސަބަބަކީ މިއީ" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
ރާއްޖެއަކީ ފެނާއި، ތެލާއި، ފުށާއި، ހަނޑުލަށް ސަލާން ޖަހާނެ ޤައުމެއް ނޫންކަމަށާއި، މިއީ ޕަޕެޓް ސްޓޭޓެއް ނޫންކަމަށް ސަޢީދު ވިދާޅުވިއެވެ.
އެތައް ގޮންޖެހުންތަކަކާއިއެކުވެސް ރައީސް ޔާމީން ގެންދަވަނީ ޤައުމުގައި ހުރި މައްސަލަތަކާއި ފޭސް ކުރައްވާ، އެކަންކަން ޙައްލުކުރައްވަމުންކަމަށް، މިނިސްޓަރު ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރ ސަޢީދުގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ އިތުރު ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މަޖިލިސް މެމްބަރުންނާއި އެހެނިހެންވެސް ސިޔާސީ ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.
"ރައީސް ޔާމީންގެ ޖޯޝު ފެނިއްޖެ، ދެން ރައްޔިތުން ބިރެއް ނުގެންނެވޭނެ" – މިނިސްޓަރ ސަޢީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ