ޖަލުން މީހުން ފިލުމަކީ ޖަލުގެ މައްސަލަ ހައްލުކުރަން ލިބޭ ފުރުސަތެއް: އުމަރު

ޖަލުން ގައިދީން ފިލުމަކީ ޖަލުގެ މައްސަލަތައް ހައްލުކުރަން ލިބޭ ފުރުސަތެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުން މީހުން ފިލުމަކީ ޖަލުގަ ހުރި މައްސަލަތައް ދެނެގަނެ އެކަން ރަނގަޅު ކުރަން ލިބޭ ފުރުސަތެއް ކަމަށާއި ޖަލުން ފިލާފަވާ ގައިދީން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ޖަލުގައި ހުރި މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ރަނގަޅުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
މާފުށީގައި ހުންނަ ސަރުކާރުގެ މައި ޖަލުގެ ތޭރިތައް ކީހާލައިގެން ރޭ އިރާކޮޅު ފިލި ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމް 23، އާއި ގއ. މާމެންދޫ ޖަވާހިރު ވާދީ، ފަރިޔާޝް އަހުމަދު 26، ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ޝަހުމާއި ފަރިޔާޝް ރޭ ޖަލުން ފިލާފައި ވަނީ ޖަލުގެ ޔުނިޓް 9 އެއްގެ ވިންގު ތިނެއްގެ ތޭރިތައް ކީހާލައިގެން 08:00 ޖަހާއެހާކަންހާއިރު އެެވެ. އެ ދެމީހުން ފިލިކަން އެނގުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަރެކްޝަނަލް ސާވިސަށް އަށް އެކަން އެނގުމުން ޖަލުގައި ތިބި ގައިދީގެން ހެޑްކައުންޓެއް ނަގައި ދެމީހުން މަދުވެގެނެވެ.
އެ ދެމީހުން ހޯދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ފަށައި ރެއިން ފެށިގެން މާފުށީގެ ހުރިހާ ތަނެއް ބަލައި ފާސްކޮށްފައިވާއިރު މާފުއްޓާ ކައިރި ހުރިހާ ރަށްރަށް ބަލައި އެ ސަރަހައްދުގެ ރިސޯޓްތަކަށް އަރާ ފައިބާ މީހުންގެ މައުލޫމާތު ބަލަމުން ދިއުމުގެ އިތުރުން ކަނޑުމަތީ ހޯދައި ބެލެއްޓުމާއެކު މާލެވެސް ބަލައި ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ޖަލުން ފިލި ޝަހުމަކީ 2010 ވަނަ އަހަރު ޖުލައި މަހުގެ 30 ވަނަ ދުވަހު ފުޓްބޯޅަމެޗެއް ކުޅުނު ވަގުތު ދެ ޓީމުގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މ. ބިއުޓީފްލާވާ މުހައްމަދު ހުސެއިނަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ޓެރަރިޒަމްގެ އަމަލު ހިންގުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވާ މީހެކެވެ. މީގެ އިތުރުން 2011 ވަނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ މަޖީދީމަގާއި އަލިކިލޭގެފާނުމަގާ ގުޅުނު ކަންމަތީގައި ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު ހުއްޓައި ވަޅިން ހަމަލާދީ އޭނާ މަރާލި ކަމުގެ ތުހުމަތުގައި ޝަހުމްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިމިފައެވެ.
މާފުށީ ޖަލުން ފިލާފައިވާ ފަރިޔާޝްއަކީ 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބު އެއަތޮޅު މާމެންދޫ އަތިރިފިނިވާގޭގައި ހުއްޓައި އިތުރު ބަޔަކާއެކު ލަކުޑި އާއި ފަތި ބުރިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މީހެކެވެ. އެދެ މީހުން ފިލާފައި ވަނީ ރޭ 8:00 ޖަހާއެހާކަންހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ