ލޭ އެޅުމުގައި އިހްމާލުވި ޓެކްނީޝަނުގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހައިދީފި

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުމުގައި އިހްމާލުވި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހައިދީފި އެވެ.
މާބަނޑު އަންހެން މީހާގެ ގަޔަށް އެޗްއައިވީއަށް ޕޮޒިޓިވް ވެފައިވާ ލޭ އެޅުމުގައި އިހްމާލުވެފައިވަނީ އިންޑިއާގެ ކެރަލާއަށް އުފަން ރާޖޭޝް ކަކަންތު ބަސްކަރަން (32އ) އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މުހައްްމަދު މަނިކު މިރޭ ވިދާޅުވީ ރާޖޭޝް ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ޖެހީ އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރުމަށް އިތުރު މުއްދަތެއް ބޭނުންވާ ކަމަށް ފުލުހުން ކޯޓުގައި އެދުމުން މުއްދަތު ޖަހައިދިނުމަށް މިރޭ ބޭއްވުނު އަޑުއެހުމެއްގަ އެވެެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އައިޖީއެމްއެޗް ހިންގުމާ ހަވާލުވެ ހުންނެވި އެހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބު ވިދާޅުވީ ރާޖޭޝް ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށް އޭނާ އެސްއެމްއެެސްއަކުން އަންގާފައިވާ ކަމަށެވެ.
ހަބީބު ވިދާޅުވީ އޭނާ އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ އިހްމާލަކީ ލޭ ހަދިޔާ ކުރި މީހާގެ ލެޔަކީ އެޗްއައިވީއަށް ޕޮޒިޓިވް ލެއެއް ކަމަށް ލެބޯޓަރީ ޓެސްޓް ތަކުން ދެއްކުމުން ވެސް އެ ލެޔަކީ އެޗްއައިވީ ނެގެޓިވް ލެއެއް ކަމަށް ރިޕޯޓުގައި ލިޔުނު ލިޔުން ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުމުގައި އިހްމާލުވެެގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހާއަކީ މީގެ ކުރިން 2006 ވަނަ އަހަރު އއ. ރަސްދޫ އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރި ދުވަސްވަރު ވެސް އޭނާގެ އިހުމާލުން ދިމާވި ހާދިސާއަކާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ މީހެކެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ގީލާ އަލީ ވިދާޅުވީ ރާޖޭޝް އައިޖީއެމްއެޗްގެ ވަޒީފާއާއި ގުޅުމުގެ ކުރިން، ކުރީގައި ވަޒީފާ އަދާކުރި ތަނުން ވަކިކޮށްފައިވާ ކަަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭނާ އޭރު ވަޒީފާއިން ވަކިކުރީ ރާއްޖެއަށް ނާދެވޭނެހެން ޑީޕޯޓްކުރުމަށްފަހު ކަން އެނގިފައި ނުވާ ކަމަށެވެ.
ޑރ. ހަބީބް މިއަދު ވިދާޅުވީ ރާޖޭޝް އައިޖީއެމްއެޗްގައި މަސައްކަތް ކުރާތާ މިވީ ހަތް އަހަރު ދުވަހުގެ ތެރޭގައި އޭނާގެ މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށެެވެ. އަދި އޭނާ ވަޒީފާއަށް ރަގަޅުކަމުން އައިޖީއެމްއެޗްގެ ވަޒީފާއަށް ރަގަޅު މުވައްޒަފުންނަށް ދޭ އެވޯޑެއް ވެސް އޭނާ ހާސިލްކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ