ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް ވަރަށް އަވަހަށް ސިއްހީ ހިދުމަތް ދޭނަން: ނައިބު ރައީސް

މާލަހެއް ނުވެ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް ސިއްހީ ހިދުމަތް ދޭން ފެށޭވަރު ވާނެ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ސީއެމްބިއުލާންސްގެ ހިދުމަތް ފެށުމަށް މިއަދު ރަސްމީ ފާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ސިއްހީ ނިޒާމު އޮތީ ވަރަށް ބަލިކަށިކޮށް ކަމަށާއި އެ ނިޒާމުގެ ތެރޭގައި ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ. އެހެންވެ ސަރުކާރުން އެންމެ އިސްކަމެއް ދިނީ ސިއްހީ ނިޒާމު ކޮޅަށް ޖެހުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރަނގަޅު ކުރަން ޖެހިފައި އޮތީ އެންމެ ކަމެއް ދެ ކަމެއް ނޫން. ސިއްހީ މަރުކަޒުތަކަށް ބެލިކަމުގައި ވިޔަސް، ހިދުމަތްތަކަށާއި މެޝިނަރީ އާއި ސާމާނުތަކާއި މަސައްކަތް ކުރާ މުވައްޒަފުންނަށް ބެލި ކަމުގައި ވިޔަސް އެކަން ޖެހުނީ އަލުން ބަލުން ފަށަން،" ޖަމީލު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުކޮށްދިނުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދެއް ކަމަށާއި އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއް ނުވެ، ރައްޔިތުން ހިތްހަމަޖެހޭ މިންވަރަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ވެސް ޑޮކްޓަރުންނަށް ފުރިހަމަ އޮނިގަނޑެއް އެކުލަވާލެވިފައި ނެތްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން ފުރަތަމަ ކަމަކަށް ވެސް ސިވިލް ސާވިސް ކޮމިޝަނާ ގުޅިގެން ޑޮކްޓަރުންނާ ގުޅޭ އޮނިގަނޑެއް ތައާރަފްކޮށްފައިވާ ކަމަށާއި އެ އޮނިގަނޑުގެ ދަށުން ޑޮކްޓަރުންގެ މުސާރައާ އެހެނިހެން ކަންކަން ހަމަޖެހިގެން ދާނެ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ރަށްރަށުގައި ޑޮކްޓަރުން ނެތުމުގެ ޝަކުވާ އާއި ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހުއްޓިފައި އޮތް ނިޒާމު ރަނގަޅު ކުރެވިގެން ދާނެ ކަމަށް ވެސް ނައިބު ރައީސް ވިިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި 200 އަށް ވުރެ ގިނަ ޑޮކްޓަރުން ރެކްރޫޓު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ ސަރުކާރުން ކިތަންމެ ރަނގަޅު ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިން ނަމަވެސް ސިއްހީ ދާއިރާގައި އެ ހިދުމަތް ފޯރުކޮށްދޭ މީހުންގެ އިހުލާސްތެރިކަން ނެތިއްޖެނަމަ އެ ހިދުމަތްތައް ރައްޔިތުންނަށް ލިބުން ދަތިވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ހިދުމަތްތައް ދޭން ތިބި މީހުން ސިޔާސީ ފިކުރުގައި ކެނޑިގެން ގޮސްފައިވާ ކަމަށާއި އެކަންތައްތައް ދެކޭކަށް ސަރުކާރުން ދެން ނުތިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ސިއްހީ ހިދުމަތް ދޭން ތިބި އަދި ހިންގަން ތިބި މީހުން މިކަންކަން ބަލައި ނުގަންނަ ކަމަށް ވާނަމަ، އެކަމުގެ އިސްލާހު ރާއްޖޭގެ ސިއްހީ އޮނިގަނޑަށް އަންނާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބުރަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި މިއަދު މި ފެށި ސީއެމްބިއުލާންސްގެ ހިދުމަތުގެ ސަބަބުން ސިއްހީ ހިދުމަތަށް ކުރަން ޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމަށާއި ރާއްޖޭގެ އެއްވެސް އަތޮޅަކާއި އެއްވެސް ރައްޔިތެއް މި ހިދުމަތުން މަހުރޫމް ނުވާނެ ގޮތަކަށް ކަންތައްތައް ހަމަޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
އެމްއެންޑީއެފާއި ހެލްތު މިނިސްޓްރީ ގުޅިގެން ދޭން ފެށި ސީއެމްބިއުލާންސް މިއަދު ފަށާފައިވަނީ ދ. އަތޮޅާއި ރ. އަތޮޅުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ