އާމަންހަޖާއެކު ތައުލީމީ ދާއިރާގެ މިސްރާބު ހުރީ ގައުމަށް ވަފާތެރި ދަރިވަރުންތަކެއް ބިނާކުރަން: މިނިސްޓަރު

ކިޔަވައި ދިނުމަށް އަލަށް އެކުލަވާލެވުނު އާމަންހަޖާއި އެކު ރާއްޖޭގެ ތައުލީމީ ދާއިރާގެ މިސްރާބު ހުރީ 21 ވަނަ ގަރުނުގެ ގޮންޖެހުންތަކަށް ފުރިހަމަޔަށް ތައްޔާރުވެފައިވާ ގައުމަށް ވަފާތެރި ދަރިވަރުންތަކެއް ބިނާކުރުމުގެ މަތިވެރި އަމާޒުގައި ހިފުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކިޔަވައިދިނުމަށް އެކުލަވާލެވުނު އާ ގައުމީ މަންހަޖަށް މުދައްރިސުން އަހުލުވެރި ކުރުވުމަށްޓަކައި އެމްބެސެޑަރުން ތަމްރީނު ކުރުމަށް ނޭޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން މިއަދު ފެށި ތަމްރީނު ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ކިޔަވައިދިނުމުގެ އާ މަންހަޖަކީ ޒަމާނާއި މުޖުތަމައަށް އަންނަ އެކި ބަދަލުތަކާއި ގުޅިގެން ބަދަލުވާންޖެހޭ އެއްޗެއް ކަމަށާއި އެގޮތުން ކުއްޖެއްގެ ހަޔާތުން ގެއްލޭ އެންމެ މިނެޓެއް ނުވަތަ ދުވަހަކީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން ދަރިވަރުންނަށް ފިލާވަޅު ނަގައިދިނުމުގައި ޓީޗަރުން މިހާރަށް ވުރެ ވެސް ބޮޑަށް ތައްޔާރުވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެެވެ.
"ކުދިން ފިލާވަޅުތަކަށް ޝައުގުވެރިވާ ފަދަ ގޮތަކަށް ކިޔަވައިދިނުން ކުރިއަށް ގެންދަންޖެހޭ. އާ މަންހަޖު ތަންފީޒުކުރާއިރު ކިޔަވައިދޭ މާހައުލަކީ ދަރިވަރުން ހިތްހަމަޖެހޭ އުފާވެރި މާހައުލަކަށް ހެދުމަށް މަންހަޖުން ބާރުއަޅާނެ،" މިނިސްޓަރު ޝިހާމް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އުނގެނުމަށް ޝައުގުވެރިވާ އިސްލާމްދީނުގެ އަސާސް ތަކަށް ލޯބިކުރާ ޒިންމާދާރު އަދި އުފެއްދުންތެރި ފަރުދެއް ބިނާކުރުމަކީ އަލަށް އެކުލަވާލެވުނު މަންހަޖުގެ މުޅި އަސާސް ކަމަށެވެ. އަދި މަންހަޖުގެ އަސާސް ތަކާއި އެއްގޮތަށް ދަރިވަރުން ބިނާ ކުރުމުގެ މަރުހަލާ ކަޑައްތުކުރުމަށް އުނގަންނައިދޭ ފަރާތްތަކުން މިއަދު ތައްޔާރުވަމުން ދާއިރު، މިއީ މި މަސައްކަތުގެ ނުވަ ވަރަކަށް އަހަރުދުވަހުގެ މަޝްވަރާއާއި މަސައްކަތްތަކަށްފަހު ފެށޭ އެންމެ ބުރަ މަސައްކަތުގެ މަރުހަލާ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ