އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިންޑިޔާގެ ޖީއެމްއާރު ކުންފުންޏަށް ދީފައިވަނީ ގާނޫންތަކާއި ޚިލާފަށް ކަމަށްވާތީ ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމުގެ ބަދަލެއްގެ ގޮތުން ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް އެ ކުންފުންޏަށް ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާމިގިލީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް ވިދާޅުވީ އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޖީއެމްއާރަށް އެއަޕޯޓް ދީފައިވަނީ މާލިއްޔަތު ގާނޫނާއި އަދި އެހެނިހެން ވެސް ގާނޫންތަކާ ޚިލާފަށް ކަމަށެވެ. މީގެ އިތުރަށް ޖީއެމްއާރަށް އެއާޕޯޓް ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުވެސް ބަދަލުކުރީ ގަވާއިދާ ޚިލާފަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ބޯޑު ބަދަލުކޮށް ދެން ވެސް ކުރަންޖެހޭ މިޒާތުގެ ކަންކަން ކުރީ އެކަންކަން ކުރަން ޖެހޭ ހުރިހާ އުސޫލުތަކާވެސް ޚިލާފަށް،" ގާސިމް ވިދާޅުވި އެވެ.
ޖީއެމްއާރަށް ދޭން ޖެހޭ ބަދަލުގެ މައްސަލަ އާބިޓްރޭޝަންގައި ވަނިކޮށް އަދި އާބިޓްރޭޝަނުން ވަކި ނިންމުމެއް ނުނިންމަނީސް ޖީއެމްއާރަށް 300 މިލިއަން ޑޮލަރު ނުވަތަ އެނޫން ވެސް އަދަދެއް ދޭން ޖެހޭނެކަމަށް ގަބޫލު ކުރާކަމަށް ދިވެހި ސަރުކާރުން ބުނުމަކީ ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ މައްސަލައެއް ކަމަށް ވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ. ޖީއެމްއާރަށް އެއާޕޯޓް ކުއްޔަށް ދިނުމަށް ކަންކަން ކުރައްވާފައިވާ ގޮތަށް ބަލާއިރު ޖީއެމްއާރަށް އެއްވެސް އެއްޗެއް ދައްކަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ގާސިމް އިބްރާހީމް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑު ނުދެކެން ދޭން ޖެހޭ އެއްޗެއް އޮތް ކަމަކަށް. އަދި އާބިޓްރޭޝަން ނިމިގެންދާ އިރު ވެސް އެއްވެސް އެއްޗެއް ސަރުކާރުން ބޮލުގައި އަޅަން ޖެހޭނެ ކަމަށް އަޅުގަނޑު ނުދެކެން. ނަމަވެސް އެހެން ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާތީ އަޅުގަނޑު ހިތާމަ ކުރަން. އާބިޓްރޭޝަންގައި އޮތް މައްސަލައެއްގައި އެއްފަރާތަކުން، ދައުވާ ކުރާ ފަރާތަކުން ވިޔަސް މިކަމަށް ތާއީދު ކުރާ އުސޫލެއް އޮވެއްޖެ ނަމަ އަޅުގަނޑަށް ހީވަނީ މިއީ ވިސްނާލަން ޖެހޭ ސީރިއަސް މައްސަލައެއްހެން،" ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމަށް ކުރެވުނު މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ ބަދަލު ދޭން އާބިޓްރޭޝަނުން އަންގައިފިނަމަ އެ ދޭން ޖެހޭ ބަދަލަކީ ވެސް ޖީއެމްއާރް މިތަނުގައި ދެމިތިބިނަމަ ލިބޭނެ ގެއްލުންތަކަށް ވުރެ ކުޑަ ގެއްލުމެއް ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ.
ޖީއެމްއާރަށް ބަދަލު ދޭން ޖެހޭނެ ކަމަށް ގާސިލް އިބްރާހީމް ދެކެވަޑައިނުގަންނަވާއިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގެންދަވަނީ ޖީއެމްއާރަށް ބަދަލުދޭން ޖެހޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ރައީސް ޔާމީން އެންމެ ފަހުން ވިދާޅުވީ ޖީއެމްއާރަށް ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ދޭންޖެހޭނީ 300 މިލިއަން ޑޮލަރު ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.
ޖީއެމްއާރަށް ބަދަލު ދޭންޖެހޭ ކަމަކަށް ނުދެކެން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ