ގާސިމް އެނބުރި އަންނަން ކުރި މަސައްކަތް މިފަހަރު ވެސް ނާކާމިޔާބު ވެއްޖެ

ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތު ސާބިތުވެ ޖަލު ހުކުމެއް ތަންފިޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެނބުރި ރާއްޖެއަށް އަންނަން ކުރެއްވި މަސައްކަތް މިފަހަރު ވެސް ނާކާމިޔާބު ވެއްޖެއެވެ.
ގާސިމްގެ ވަކީލުން ހާމަކުރި ގޮތުގައި ސިންގަޕޯރ އެއަރލައިންސް އިން މިފަހަރު ވެސް ވަނި ގާސިމަކީ ފަތުރު ކުރުމަށް އަންފިޓް މީހެއް ކަމަށް ކަނޑައަޅައި ފްލައިޓަށް އެރުވުމަށް ދެކޮޅު ހަދައިފައެެވެ. އަދި މިކަން މޯލްޑިވްސް ކަރެކްޗަނަލް ސަރވިސްއަށް އަންގައިފައި ވާނޭ ކަމަށް ވެސް ގާސިމްގެ ވަކިލުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ގާސިމްގެ ޑޮކްޓަރުންގެ ލަފަޔާއި އާއިލާގެ އެދުންތަކާއި ޚިލާފަށް ކަރެކްޝަންސް އިން ވަނި ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކޮށްދިނުމަށް ދެކޮޅު ހަދައިފައެވެ.
ކަރެކްޝަންސް އިން ގާސިމްގެ ފަރުވާގެ މުއްދަތު އިތުރު ކޮށްދިނުމަށް ދެކޮޅު ހަދައިފައިވާ އިރު އެމަނިކުފާނު ވަނީ ހިތުގެ އާލާސްކަންފުޅެއްގެ ސަބަބުން ހިތް އޮޕަރޭޝަން ކޮށްފައެވެ. އަދި ޑޮކްޓަރުން ވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ސިންގަޕޫރުގައި މަޑު ކުރުމަށް އަންގައިފައެވެ.
ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކޮށްފައި ވަނީ ރައްޔިތުންގ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރުމަށް މެންބަރުންނަށް ރިޗްވަތު ހުށަހެޅި ކަމަށް ސާބިތުވެފައި ވާތީއެވެ. ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު ބަލި އެނދުގައި އޮންނަވަނިކޮށް އެމަނިކުފާނުގެ މައްޗަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ