މައުމޫނު ވަރުގަދަ ރައްދެއް އީސީ އަށް، ތިޔަ ބާއްވަން އުޅޭ ބައި އިލެކްޝަނެއް ނުބޭއްވޭނެ

އިލެކްޝަންސް ކޮމިޝަނުން ބާއްވަން ނިންމާފައި އެވާ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންސް ނުބޭއްވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އިލެކްޝަންސް ކޮމިޝަނަށް ރައްދު ދެއްވައިފި އެވެ.
 
ހޮނިހިރު ދުވަހުގެ ރޭ މ.ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައިވާ މެމްބަރުންނަކީ އަދިވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ. އަދި ވިދާޅުވީ މެމްބަރަކު އިންތިހާބުވި ޕާޓީ ބަދަލުކޮށްގެން ނުވަތަ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ. މިހާރު މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުން އަދި  ތިއްބަވާނީ "އަރާމުކޮށް ގޮނޑިތަކުގައި" ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.
 
އޭގެ އިތުރުން ވަކި މީހަކު ދެކެ ބިރުން އެކި މުވައްސަސާތަކުން ތިބެން ނުޖެހޭނެ ކަމަށާއި ﷲނޫން ފަރާތަކަށް ބިރު ވެތި ނުވުމަށް އަންގަފައިވާ އާޔަތް އިލެކްޝަންސް ކޮމިޝަނުގައި ހިތްޕަން ފެންނަ ކަމަށް ވިދާޅުވިއެވެ.
 
ކުރީގެ ރައީސް މައުމޫނު މި މޭރުމުން ވާހަކަފުޅު ދެއްކެވިއިރު މަޑުއްވަރީ ދާއިރާއާއި، ދިއްދޫ ދާއިރާއާއި، ތުލުސްދޫ ދާއިރާއާއި، ވިލިނގިލީ ދާއިރާއާއި ދަނގެތީ ދާއިރާގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާ، ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމައި، ބައި-އިލެކްޝަންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާން ކޮށްފަ އެވެ.
 
އެ މެންބަރުންގެ ގޮނޑިތައް ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބު ކާމިޔާބު ކުރާ މެންބަރުންގެ ތެރެއިން ޕާޓީން ވަކިވާ، އަދި ވަކިކުރާ މެންބަރުންނާއި އަދި ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ހަވާލާދީ އެވެ.
 
މި ދާއިރާތަކުގެ ބައި- އިލެކްޝަންތައް ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ނިންމި ނަމަވެސް ބައި އިލެކްޝަން ބާއްވާނެ ދުވަހާއި ކެންޑިޑޭޓުންނަށް ވުމަށް ފުރުސަތު ހުޅުވާލާނެ ދުވަހެއް ހާމައެއް ނުކުރެ އެވެ.
 
ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ފަސްދޮޅަސް ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ވާނެއެވެ. ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް ޢާންމު އިންތިހާބާ ދެމެދު އޮތީ ހަމަސް ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއްކަމުގައި ވާނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކޮށްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
 
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ