މައުމޫން ބޭނުންފުޅުވާ މީހަކު ވެރިކަމަށް ގެނައުމަށް މާކުރިންވެސް ވަނީ ސައްލާ ކޮށްފައި: މުންދު

ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކޮށް، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ބޭނުންފުޅުވާ ބޭފުޅަކު ވެރިކަމަށް ގެނައުމަށް މާކުރިންވެސް ރާވައި ސައްލާ ކޮށްފައިވާ ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ރާއްޖޭގެ ފަރާތުން ޖަޕާނަށް ކަނޑައަޅާފައި ހުންނަ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ، ރައީސް ޔާމީން، މައުމޫނާ މެދު ކަންތައް ކުރެއްވީ ކުރީގެ ރައީސެއްގެ ހައްސިއްޔަތަކުން ނޫން ކަމަށެވެ. އަދި އެއްބަނޑު އެއްބަފާ ބޭބެއަކާއި މެދު ކަންތައް ކުރަންވީ ގޮތަށް ވުރެވެސް މައްޗަށް، އިހުތިރާމު ކުރައްވަ ބޭފުޅެއްގެ ހައިސިއްޔަތުން ކަމަށް މުންދު ވިދާޅުވިއެވެ.
"ރައީސް ޔާމީން ރައީސް މައުމޫނާމެދު ކަންތައްތައް ކުރީ ވަރަށް ރަނގަޅަށް. ޕާޓިގެ ވެރިއަކާމެދު ކަންތައް ކުރަންވީ ގޮތާއި އެއްބަނޑު އެއްބަފާ ބޭބެއަކާއި މެދު ކަންތައް ކުރަންވީ ގޮތަށް ވުރެވެސް މައްޗަށް، އަދި އިހުތިރާމު ކުރައްވަ ބޭފުޅެއްގެ ހައިސިއްޔަތުން،" މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވިގޮތުގައި، މި ވެރިކަމުން ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި ފެއިލްވެފައިވާ އެތައް ކަމެއް ރަނގަޅު ކޮށްފައި ކަމުގައިވާއިރު، އެންމެ ބޮޑަށް ފަހުރުވެރިވާން ޖެހޭނެ ބޭފުޅަކީވެސް އެމަނިކުފާނު ކަމަށް މުންދު ވިދާޅުވިއެވެ.
ރައީސް މައުމޫން މިވެރިކަން ވައްޓާލަން މާކުރިންވެސް ނިންމަވާފައިވާކަމަށް ތުހުމަތުކޮށް މުންދު ވިދާޅުވީ، މައުމޫންގެ ހިޔާލު ބަދަލުވީ ވަކި މީހަކު ވެރިކަމަށް ގެނައުމަށް މާކުރިންވެސް ރޭވިފައިވާ ރޭވުންތައް ކާމިޔާބު ނުވުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ