މި ހަނގުރާމައިން މޮޅުވާނެ: ރައީސް މައުމޫނު

އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތި ވި ނަމަވެސް ނަސްރު ލިބުން ގާތްވެއްޖެ ކަމަށާއި މި ހަނގުރާމައިން މޮޅުވާނެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މ ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ ކަންކަން މިހާރު ހައްދު ފަހަނަ އަޅާފައިވާ ކަމުގައެވެ. އަދި އިދިކޮޅު މަޖިލިސް މެމްބަރުންނާއި ދޭތެރޭ ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކާއި މެދު ހިނި އަންނަ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ކިތައްމެ އުނދަގުލެއް ކުރިމަތި ކުރުވި ނަމަވެސް ޤައުމު ހަމަމަގަށް އަޅުގައި ޤައުމު އިސްލާހު ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އިދިކޮޅު ފަރާތްތަކުން ހުއްޓާ ނުލާނެ ކަމުގައެވެ.
ރައީސް މައުމޫނު ވިދާޅުވީ ފިލްމު ނިމެން ކައިރިވާ ވަރަކަށް ވަރަށް ބޮޑަށް ހަނގުރާމަ ހިނގާނެކަމަށާއި ނަމަވެސް އެންމެ ފަހުން މޮޅުވާނީ ބަތަލު ކަމުގައެވެ. އަދި ބަތަލުން ތިބީ އިދިކޮޅުގައި ކަމަށާއި ހަނގުރާމާގައި މޮޅުވާނީ އިދިކޮޅު ފަރާތްތައް ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަދި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ގާނޫނުއަސާސީ ރައްކާތެރިކޮށް ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް ކަމަށާއި މި މަސައްކަތުގައި މިހާތަނަށް އިދިކޮޅު ފަރާތްތަކަށް ބޮޑެތި ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ