އައިޕީޔޫގެ ނިންމުމަށް ރައީސް މައުމޫން މަރުހަބާ ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ހައްގުތަކަށް އަރައިގަނެ އެ މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށް އެޖަމާއަތުގެ ފެކްޓް ފަައިންޑިން މިޝަން އެއް ރާއްޖެއަށް ފޮނުވުމަށް ނިންމާފައިވާތީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިކަމަށް މަރުހަބާ ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ހައްގުތަކަށް އަރައިގަންނަމުންދާ މައްސަލައާއި ގުޅިގެން އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށް އެޖަމާއަތުގެ ފެކްޓް ފަައިންޑިން މިޝަން އެއް ރާއްޖެއަށް ފޮނުވުމަށް ނިންމާފައިވާތީ އެކަމަށް މަރުހަބާ ކިޔާކަމަށެވެ.
އަދި ފެކްޓް ފަައިންޑިން މިޝަން އެއް ރާއްޖެއަށް ފޮނުވުމަށް އައިޕީޔޫގެ ކޮމެޓީ އޮފް ހިއުމަންރައިޓްސްގެ މަޖިލީސް މެންބަރުން ގޮވާލާފައިވާތީ އެކަން ފާހަގަކުރައްވާކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ މަޖިލީހުގައި ހިމެނޭ އިދިކޮޅު ބައެއް މެންބަރުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާކަމަށެވެ.
އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ބުދަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ ހިމެނޭގޮތަށް ބައެއް ގައުމުތަކުން އެ ގައުމުތަކުގެ މަޖިލީސް މެންބަރުންގެ ތެރެއިން އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ އިންސާނީ ހައްގުތައް ނަގާލުން އިތުރުވެ، އެ މެންބަރުންގެ އިންސާނީ ހައްގުތަށް ނިގުޅައިގަންނަމުންދާކަމަށެވެ.
އެގޮތުން ރާއްޖެއާއި، ވެނެޒުއެލާ، ތުރުކީ އަދި ކެމްބޯޑިއާގައި އިދިކޮޅު މެންބަރުންގެ ހައްގުތައް ނަގާލުން އިތުރުވަމުންދާތީ ކައިރި މުސްތަގްބަލެއްގައި އެ ގައުމުތަކަށް އައިޕީޔޫގެ ފެކްޓް ފަައިންޑިން މިޝަން އެއް ފޮނުވުމަށް ނިންމާފައިވާކަމަށެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އިދިކޮޅު މެންބަރުންގެ އަޑު ކަނޑުވާލުމަށް މަޖިލީހުގެ ރިޔާސަތުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު، ތަފާތު ތުހުމަތުތައް އިދިކޮޅު ގިނަ މެންބަރުންތަކެއްގެ މައްސަލަތައް ފުލުހުން ވަނީ ތަހުގީގްކޮށްފައެވެ.
އަދި ބާރަ މެންބަރުންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ބައެއް މެންބަރުންގެ މައްޗަށް ޖަލު ހުކުމް އިއްވާ، ބައެއް މެންބަރުންގެ ގޮނޑިި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވެސްވެއެވެ.
މީގެ އިތުރަށް މަޖިލީހުގެ ބައެއް މެންބަރުން ހައްޔަރުކޮށް، ގިނަ ހައްގުތަކަކުން މަހުރޫމްކޮށް ޖަލު ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ވަނީ ގެންގުޅެފައެވެ.
މަޖިލީހުގެ ޖަލްސާތައް ގަވާއިދަށް ޚިލާފަށް ކުރިއަށްގެންދިއުން އިތުރުވެފައިވާއިރު، މަޖިލީހުގެ ރިޔާސަތުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ މަސީހު މުހައްމަދު ގެންދަވަނީ ގަދަބާރުން އިންނެވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ